ދިވެހި ފިލްމު “ލަމްހާ”ގެ ޓިކެޓް މިއަދުން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.
މި ފިލްމަކީ މަންމައަކާއި ދަރިއެއްގެ ދެމެދުގައިވާ ހަނދާންތަކާއި ލޯތްބާއި ހިމޭން ވަގުތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ޓިކެޓް ބައްލަވައިގަތުމަށް 7885663 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ. ގޮނޑި ލިމިޓެޑް ކަމަށް ވާތީ އަވަހަށް ޓިކެޓް ނެންގެވުމަށް ފިލްމުގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ. ޓިކެޓް ނެންގެވުމަށް ފަހު ތާރީޚާއި ވަގުތާއި ގޮނޑި ނަންބަރު ރަނގަޅަށް ބެއްލެވުމަށް ވެސް ވަނީ އެދިފައެވެ.
ދިވެހި ފިލްމު “ލަމްހާ”އަކީ ހިތްގައިމު ރީތި، ދިވެހިވަންތަ ފިލްމުތަކެއް ގެނެސްދީފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު މުޙައްމަދު ހިލްމީ އުފައްދައި ގެނެސްދޭ ފިލްމެކެވެ.
29 އޭޕްރީލް 2026ގައި ރިލީޒްކުރާ “ލަމްހާ” ގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ.
އައިޝާ އަކީ މިދިޔަ އަހަރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު ފިލްމު “ލިލީ”ގެ ވެސް ޓައިޓްލް ރޯލު ކުޅުނު ބަތަލާ އެވެ. “ލަމްހާ”ގެ މައިގަނޑު ކާސްޓުގައި އައިޝާގެ އިތުރުން ފެންނާނީ އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބް އަދި އަހުމަދު އީސަ (އާނަންދު) އެވެ.
“ލަމްހާ”ގެ ޑައިރެކްޓަރު ހިލްމީ އަކީ 1993 ވަނަ އަހަރުގެ މަޝްހޫރު ފިލްމު “އިހްސާސް” އާއި “ޗުއްޓީ” ގެނެސްދިން ޑައިރެކްޓަރެވެ.
