މުޅި ރާއްޖެއަށް ހުޅުވާލައިގެން ނ. ކެނދިކުޅުދޫގައި ބާއްވާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު ރ. އަލިފުށީ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ބައްދަލުކުރީ މުބާރާތް ބާއްވާ ނ. ކެނދިކުޅުދޫއަށް ނިސްބަތްވާ ކެނދިކުޅުދޫ ސްޕޯރޓްސް ކުލަބާއި ރ. އަލިފުށީ ރެކްރިއޭޝަން ކުލަބެވެ.
މި މުބާރާތުގެ ފުރަތަމަ ދެމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔަ އަލިފުށްޓަށް މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 13 ވަނަ މިނިޓްގައެވެ. އަލިފުށީ ޓީމުގެ ކުޅުންތެރިއަކަށް ކެނދިކުޅުދޫ އޭރިޔާ ތެރެއިން އެ ޓީމް ކުޅުންތެރިއަކު ކުރި ފައުލާއި ގުޅިގެން އަލިފުށްޓަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަލިފުށީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިސްލާމް ފެކްރީ ފޮނުވާލި ބޯޅަ ކެނދިކުޅުދޫ ޓީމުގެ ކީޕަރު ހުސެއިން ހާޒިމް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ކެނދިކުޅުދޫއަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ އަލިފުށްޓަށް ލަނޑު ޖަހާނެ އެތައް ފުރުސަތެއް، ލިބުނުއިރު އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންތަކަކާއި ބިދޭސީ ކުޅުންތެރިން ވެސް ހިމަނައިގެން މުބާރާތުގައި ވާދަކުރާ އަލިފުށިން އުފެއްދި ގިނަ ހަމަލާތައް ހުއްޓުވުމުގައި ކެނދިކުޅުދޫ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ފެނުނު މި މެޗުގައި އަލިފުށްޓަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކިއާނޫ މަރްކުއެލް މާސް ބުރައުންއެވެ. އަލިފުށީ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ހަސަން އަޒޫމް ޖައްސާލުމުން ކިއާނޫ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ދެވަނަ ހާފު ވެސް ފެނުނީ ކެނދިކުޅުދޫއަށްވުރެ ރަނގަޅަށް އަލިފުށިން ކުޅުނު ތަނެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އަލިފުށިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ކިއާނޫ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ތިރިތިރިން ވަރަށް ބާރަށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ކިއާނޫ ބްރައުން / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ކެނދިކުޅުދޫއަށް އެކަމުގައި ކާމިޔާބެއް ނުހޯދި އުޅެނިކޮށް އަލިފުށިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮގަންގްބޭ ގާނިއު އަޓަންޑާއެވެ. 88 ވަނަ މިނިޓްގައި އޭނާ ޖަހައިދިން މި ލަނޑަކީ ފުރަތަމަ ދެލަނޑު ޖަހައިދިން ކިއާނޫ މަތިމަތިން ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކެނދިކުޅުދޫ ޓީމުގެ ކީޕަރުގެ އަތުގައި ޖެހިފައި ވެއްޓުނު ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއިއެކު 3-0 އިން އަލިފުށި މޮޅުވެގެން މެޗު ނިމުނުއިރު އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަކަން ފާހަގަވިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލިފުށީ ޓީމުގެ ފުރަތަމަ ދެލަނޑު ޖަހައިދިން ކިއާނޫ މަރްކުއެލް މާސް ބުރައުން އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ނައިފަރު ޗެލްސީ އާއި މަނަދޫ ސްޕޯރޓްސް ކުލަބެވެ.
