ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަޖަލް ޢަލީގެ އާ ޑްރާމާ “ޒަންޖީރޭން” މިހިނގާ އޭޕްރިލް މަހު ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
“އިންޓެންސް ރޮމޭންސް” ނުވަތަ ޖަޒުބާތީ ލޯބީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ޑްރާމާގެ އާންމުކޮށްފައިވާ ޓީޒާތަކުން ފެންނަ ގޮތުގައި، މިއީ ލޯތްބާއި އޭގެ ސަބަބުން ކުރިމަތިވާ ނަފުސާނީ ބުރަދަންތަކުގެ މައްޗަށް ބިނާކޮށްފައިވާ ވަރުގަދަ ވާހަކައެކެވެ.
މި ޑްރާމާގެ ތަރިންގެ ތެރޭގައި ޕާކިސްތާނުގެ ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސަޖަލް ޢަލީ، އަމީރް ގިލާނީ، އަހްސަން ޚާން އަދި ދާނިޔަލް ޒަފަރް ހިމެނެއެވެ. މީގެ އިތުރުން ސެހެރް ހާޝްމީ، އަދުނާން ސިއްދީޤީ އަދި މޫމަލް ޝައިޚް ފަދަ ހުނަރުވެރި އިތުރު ތަރިންވެސް މި ޑްރާމާއިން ފެނިގެންދާނެއެވެ.
“ޒަންޖީރޭން” އަކީ މަޝްހޫރު ލިޔުންތެރިޔާ ފަރުހަތު އިޝްތިޔާޤު ލިޔެ، ޝަހްޒާދު ކަޝްމީރީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ފަރުހަތު އިޝްތިޔާޤަކީ މީގެ ކުރިން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި “ޔަޤީން ކާ ސަފަރް” އަދި “ޔޭ ދިލް މޭރާ” ފަދަ ޑްރާމާތަކުގެވެސް ލިޔުންތެރިޔާއެވެ.
އެމްޑީ ޕްރޮޑަކްޝަންސްގެ ކުޑައިގެ ދަށުން މޫމިނާ ދުރައިދު ޕްރޮޑިއުސްކުރާ “ޒަންޖީރޭން” ދައްކަން ފެށުމަށް ނިންމާފައިވަނީ 29 އޭޕްރިލް 2026 ގައެވެ. މި ޑްރާމާގެ އެޕިސޯޑްތައް ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 8:00 ގައި ހަމް ޓީވީއިން ދެއްކުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
