ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަނަދޫ ކޮޅަށް 7 ލަނޑު ޖަހައި ނައިފަރު ޗެލްސީއިން ފެންވަރު ދައްކާލައިފި!
ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް

ނ. ކެނދިކުޅުދޫގައި މިހާރު ކުރިޔަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގައި މަނަދޫ ސްޕޯރޓްސް ކޮޅަށް 7 ލަނޑު ޖަހައި ނައިފަރު ޗެލްސީއިން އެ ޓީމްގެ ފެންވަރު ދައްކާލައިފިއެވެ.

ނައިފަރު ޗެލްސީ އާއި މަނަދޫ މިއަދު ބައްދަލުކުރި މެޗަކީ މުބާރާތުގެ 4 ވަނަ މެޗެވެ.

މިހާރު ވެސް ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ބައެއް ދިވެހި ކުޅުންތެރިންނާއި ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މިއަހަރުގެ މުބާރާތަށް ނުކުތް ނައިފަރު ޗެލްސީގެ އަމާޒަކީ ތަށި ހޯދުމެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުން ބަލިވުމުން ކުރިމަތިވި މާޔޫސްކަން ފިލުވައިލުމެވެ.

މަނަދޫ ސްޕޯރޓްސްއާ އަޅައި ބަލާއިރު މާބޮޑަށް ވެސް ވަރުގަދަ ސްކޮޑެއް އޮތް ނައިފަރު ޗެލްސީއިން މެޗް ފެށީ ވެސް ވަރުގަދަކޮށެވެ. މެޗް ފެށުމާއިއެކު މުޅި ޓީމް އެޓޭކަށް އަރައި 3 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހިއެވެ. މި ލަނޑަކީ އަލްހާޖީ ގެރޯ ޖަހައިދިން ލަނޑެކެވެ.

ނައިފަރު ޗެލްސީން އެ ޓީމުގެ 2 ވަނަ ލަނޑު ޖެހީ 24 ވަނަ މިނިޓްގައެވެ. މިއީ ބޯޅަ ހިފައިގެން ހުސްކޮށް އޭރިޔާތެރެއަށް ވަދެ ވަރަށް ބާރަށް، ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު ނާއިމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ މަނަދޫ ސްޕޯރޓްސްއިން ކައުންޓާރ އެޓޭކްގައި ގޯލެއް ޖަހަން ފުރުސަތު ފަހިކުރެވޭތޯ މަސައްކަތްކުރަމުން ދަނިކޮށް ދެން ވެސް ފެނުނީ ނައިފަރު ޗެލްސީގެ ލަނޑެކެވެ. ބޯޅަ ހިފައިގެން އޭރިޔޭތެރެއަށް ވަދެ މުޙައްމަދު އާކިބް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު ޖަހައިދިނީ އިބްރާހީމް ލެއްބެއިއެވެ.

ތިންވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ނައިފަރު ޗެލްސީއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މިލަނޑު ޖަހައިދިނީ ތިންވަނަ ލަނޑު ވެސް ޖަހައިދިން އިބްރާހީމް ލެއްބެއިއެވެ.

ފުރަތަމަ ހާފު ނިމުނީ 4-0 އިން ނައިފަރު ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަލްހާޖީ ގެރޯ / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް

ދެވަނަ ހާފު ވެސް ނައިފަރު ޗެލްސީ ފެނުނީ މަނަދޫ ސްޕޯރޓްސްއަށްވުރެ މާ ވަރުގަދަކޮށެވެ.

މުޅި މެޗް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ ނައިފަރު ޗެލްސީއަށް އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ 65 ވަނަ މިނިޓްގައި އަލްހާޖީ ގެރޯއެވެ. މިއީ މިމެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަލްހާޖީ ގެރޯ ގޯލްގެތެރެއަށް ފޮނުވާލީ ބޮލުންނެވެ.

ނައިފަރު ޗެލްސީގެ 6ވަނަ ލަނޑު 84 ވަނަ މިނިޓްގައި އަބްދުލްލައި ބިލިޓީ ކާމިޔާބު ކޮށްދިންއިރު، 7ވަނަ ލަނޑު 88 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ.

7-0 އިން ނައިފަރު ޗެލްސީ މޮޅުވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޗެލްސީގެ އަލްހާޖީ ގެރޯއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބައްދަލުކުރާނީ މާޒިޔާ ޖޫނިއާރ އާއި އަލިފުށީ ރެކްރިއޭޝަން ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top