އިޤުތިޞާދު ކުރުމަކީ އަތުގައި ހުރި ވަސީލަތްތަކާއި ފައިސާ، ބޭކާރު ގޮތުގައި އިސްރާފު ނުކޮށް، ހަމަޖެހޭ އުސޫލެއްގެ މަތިން ބޭނުންކުރުމެވެ. މިއީ ކޮންމެ ޒަމާނެއްފައިވެސް މުހިންމު ކަމެއް ނަމަވެސް، މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކަށް ބަލާއިރު، މިއަދު މިކަމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޤައުމީ އަދި ދީނީ ވާޖިބެކެވެ.
އިސްލާމްދީނުގައި އިޤުތިޞާދު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މާތް ﷲ ވަނީ އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެން ނުވާކަން އަންގަވާފައެވެ. އަދި ހޭދަކުރުމުގައި މެދުމިންގަނޑެއް ހިފެހެއްޓުމަކީ މުއުމިނުންގެ ސިފައެއްގެ ގޮތުގައި ބަޔާންކުރައްވާފައިވެއެވެ. މިހެންކަމުން، ބޭނުމެއް ނެތް ކަންކަމަށް ޚަރަދުކުރުން ހުއްޓާލައި، ލިބޭ މިންވަރުން ފުއްދައިގެން އުޅުމަކީ ދީނީ ގޮތުންވެސް ބަރަކާތް ލިބޭނެ ކަމެކެވެ.
މިދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ދުވަސްވަރެކެވެ. ރާއްޖެއަކީ ގިނަ ތަކެތި ބޭރުން އެތެރެކުރާ ޤައުމަކަށް ވާތީ، ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު އަހަރެމެންގެ ދިރިއުޅުމަށް ފޯރައެވެ. އެހެންކަމުން، ކަރަންޓާއި ފެން ބޭނުންކުރުމުގައި މިހާރު ކުރިއަށްވުރެ ބޮޑަށް ސަމާލުވާން ޖެހެއެވެ. ކޮންމެހެން ބޭނުންވާ މިންވަރަށް ނޫނީ މިފަދަ ވަސީލަތްތައް ބޭނުން ނުކުރުމަކީ މަހުން މަހަށް ދައްކަންޖެހޭ ބިލުތައް ކުޑަވެ، އާއިލާގެ ބަޖެޓަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ކާބޯތަކެތީގެ އިސްރާފު ކުޑަކުރުމަކީވެސް މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި ކަމެކެވެ. ބާޒާރު ކުރާއިރު ކޮންމެހެން ބޭނުންވާ ތަކެތި އެކަނި ގަތުމާއި، ކައްކާ ތަކެތި އުކާނުލައި ބޭނުންކުރުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ. މީގެ އިތުރުން، ދެއްކުންތެރިކަމުގެ ދިރިއުޅުމެއް އުޅުމުގެ ބަދަލުގައި، ތިމާގެ ތަނަވަސްކަން ހުރި މިންވަރަށް ރިޢާޔަތްކޮށް ޚަރަދުތައް ބައްޓަންކުރުމަކީ ދަރަނިވެރިވުމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ.
އިޤުތިޞާދު ކުރުމުގެ ފައިދާއަކީ ހަމައެކަނި ފަރުދަކަށް ނުވަތަ އާއިލާއަކަށް އޮތް ކަމެއް ނޫނެވެ. ކޮންމެ ފަރުދަކު ކުރާ އިޤުތިޞާދަކީ މުޅި ޤައުމުގެ އިޤުތިޞާދު ވަރުގަދަވުމަށް ލިބޭ ބާރެކެވެ. ބޭރު ފައިސާ ރާއްޖެއިން ބޭރުވާ މިންވަރު މަދުވެ، ޤައުމުގެ ރިޒާވް ހަރުދަނާވުމަށް މީގެ ސަބަބުން މަގުފަހިވެއެވެ.
އިޤުތިޞާދު ކުރުމަކީ ދަހިވުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމެވެ. ކުރިމަތިވެދާނެ ދަތި ދުވަސްތަކަށް ތައްޔާރުވުމެވެ. އެހެންކަމުން، މިއަދުން މިއަދަށް އަޅުގަނޑުމެންގެ އާދަކާދަތަކަށް ބަދަލު ގެނެސް، އިސްރާފުކުރުން ހުއްޓާލައި، އިޤުތިޞާދު ކުރުމުގެ ރީތި އާދަ އަށަގަންނުވަން އެންމެން އަތްގުޅާލަން ޖެހެއެވެ.
