އުމުރުން 83 އަހަރުގެ މަޝްހޫރު ފަންނާނު އަމީތާބް ބައްޗަން މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ކޯޓްރޫމް ތުރިލާ ފިލްމު ‘ސެކްޝަން 84’ ރިލީޒްކުރުމަށެވެ.
ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން ދާދި ފަހުން ވަނީ އޭނާގެ އަމިއްލަ ބްލޮގް މެދުވެރިކޮށް، މި އުމުރުގައިވެސް ދުޅަހެޔޮކަން ދެމެހެއްޓުމަށް ގެންގުޅޭ އުސޫލުތައް ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މަސައްކަތް ކުރުމަކީ ދިރިއުޅުމުގެ އަސްލު މަގުސަދެވެ.
ބްލޮގްގައި އޭނާ ލިޔެފައިވެއެވެ. “މަސައްކަތަކީ ދިރިއުޅުމުގެ ޖޯހަރެވެ. މަސައްކަތެއް އޮތް ނަމަ ކުރިއަށް ދާށެވެ. އެއީ ހަމައެކަނި ކޮންމެހެން މުނިފޫހިފިލުވުމުގެ ދަތުރަކަށް ވާކަށް ނުޖެހެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިއުމަށްޓަކައި މަސައްކަތް ކުރާށެވެ. އެހެންކަމުން މަސައްކަތް ކުރާށެވެ. ދިރިއުޅުމުގެ ބޭނުންތަކަށާއި، އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައިވެސް މަސައްކަތް ކުރާށެވެ.”
ބައްޗަން ގަބޫލުކުރާ ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. “މި އުމުރުގައި އެންމެ އިސްކަމެއް ދޭންވީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މަސައްކަތް ކުރުމަށެވެ،” އޭނާގެ ލިޔުން ނިންމާލަމުން ބުނެފައިވެއެވެ.
އަމީތާބް ބައްޗަން ދުޅަހެޔޮކަމާ ގުޅޭގޮތުން މި މެސެޖު ދީފައިވަނީ އޭނާގެ އާ ފިލްމު ‘ސެކްޝަން 84’ ރިލީޒްކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ރިބޫ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރިލަޔަންސް އެންޓަޓައިންމަންޓާއި، ފިލްމު ހެންގަރ އަދި ސަރަސްވަތީ އެންޓަޓައިންމަންޓް ގުޅިގެން ޖިއޯ ސްޓޫޑިއޯސްއާ އެކު އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގައި އަމީތާބްގެ އިތުރުން ޑަޔާނާ ޕެންޓީ އަދި ނިމްރަތު ކޯރް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުރީގެ ސިޔާސީ ޝަޚުސިއްޔަތަކު، އޭނާގެ ކުރީގެ ޝަރަފާއި ގަދަރު އަލުން ހޯދުމަށް ކުރާ ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެއްގެ މައްޗަށެވެ.
އަމީތާބް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ފަރުހާން އަޚްތަރު އަދި ރާޝީ ކަންނާއާ އެކު ‘120 ބަހާދުރު’ ކިޔާ ތާރީޚީ ހަނގުރާމަވެރި ފިލްމަކުންނެވެ.
