ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކުމާރުގެ ދަރިފުޅަށް ސައިބާރ ފުރައްސާރަކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އެކްޓަރު އަކްޝޭ ކުމާރުގެ 13 އަހަރުގެ ދަރިފުޅަށް އޮންލައިން ގޭމެއް ކުޅެނިކޮށް ސައިބާރ ފުރައްސާރަކުރި މައްސަލައިގައި ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ އަކްޝޭ ހާމަކުރީ މިދިޔަ އޮކްޓޫބަރު މަހު މުމްބާއިގެ ސްޓޭޓް ޕޮލިސް ހެޑްކުއާޓާޒްގައި ސައިބާރ ކްރައިމާ ބެހޭ ހޭލުންތެރިކަމުގެ ހަރަކާތެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ދަރިފުޅު އޮންލައިން ގޭމެއް ކުޅެނިކޮށް އެކުގައި ކުޅުނު މީހާ ދަރިފުޅު ދިރިއުޅެނީ ކޮންތާކުތޯ އެހި ކަމަށާއި، ހުރިހާ ކަމެއް ވެސް ފެނުނީ އާދައިގެ ކަންކަމެއް ގޮތުގައި ކަމަށެވެ. އެ މީހާ ދަރިފުޅުގެ ގޭމް ކުޅުމަށް ތައުރީފު ވެސް ކުރި ކަމަށް އަކްޝޭ ބުންޏެވެ.

“ދެން ދަރިފުޅަށް އައީ ޖިންސު ކަށަވަރުކޮށްދޭން އެދޭ މެސެޖެއް. އަންހެން ކުއްޖެއް ކަން ކަށަވަރުކޮށްދިނުމުން، ބަރަހަނާ ފޮޓޯ ފޮނުވައިދިނުމަށް އެމީހާ އެދުނު. ދަރިފުޅު ވަގުތުން އެ ނިއްވައިލައި އަހަރެންގެ އަންހެނުންނަށް (ޓްވިންކަލް ކަންނާ) އެ ވާހަކަ ކިޔައިދިނީ. ދަރިފުޅު އެ ވާހަކަ ހިއްސާކުރީތީ ޝުކުރުވެރިވަން، ސަބަބަކީ މިކަހަލަ ކަންކަން ފެށެނީ މިގޮތަށް ކަމަށް ވާތީ” އަކްޝޭ ބުންޏެވެ.

އަކްޝޭ އެ ހާދިސާ ހިއްސާކުރީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނަމަވެސް، ސައިބާ ސެލް އިން އެ މައްސަލަ ތަހުގީގުކުރަން ފެށިއެވެ. ޓެކްނިކަލް އެނެލިސިސް އާއި ޑިޖިޓަލް ޓްރެކިންގެ ޒަރީއާ އިން ތުހުމަތުކުރެވޭ މީހާ ދެނެގަނެ ހައްޔަރުކޮށް، އޭނާ ކުރިން ވެސް ކުޑަކުދިންނާ ދޭތެރޭ މިފަދަ ޢަމަލުތައް ހިންގާފައިވޭތޯ ތަހުގީގުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ހަރަކާތުގައި އަކްޝޭ ވަނީ ސައިބާރ ކްރައިމާ ބެހޭ ހޭލުންތެރިކަމުގެ ކްލާސްތައް ކޮންމެ ހަފުތާއަކު ސްކޫލްތަކުގައި ބާއްވައިދިނުމަށް ޗީފް މިނިސްޓަރު ދެވެންދުރަ ފަޑްނަވީސްގެ އަރިހުން އެދިފައެވެ.

“މި ކުށް މަގުމަތީ ކުށްތަކަށް ވުރެ ބޮޑުވަމުންދާ ކަން އެންމެންނަށް ވެސް އެނގޭ. މި ކުށް ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެއް” އަކްޝޭ ބުންޏެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top