ލޭގަނޑުވުމަކީ ކޮބައި؟
އާންމުގޮތެއްގައި ހަށިގަނޑުން ލޭ ބޭރުވުން ހުއްޓުވުމަށްޓަކައި، އަނިޔާއެއް ލިބުމުން ލޭގަނޑުވެއެވެ. ނަމަވެސް، އެއްވެސް ކަހަލަ އަނިޔާއެއް ނުލިބިވެސް ހަށިގަނޑުގެ ލޭހޮޅިއެއްގެ ތެރޭގައި ލޭގަނޑުވުން އެކަށީގެންވެއެވެ. މިގޮތަށް ގަނޑުވާ ލޭ އަމިއްލައަށް ދިޔާނުވެ ނުވަތަ އެކަމަށް ފަރުވާނުދެވިއްޖެނަމަ، ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. ލޭގަނޑުވާ ތަނެއްގެ ގޮތުން (ހިތް، ސިކުނޑި، އަތްފައި، ފުއްޕާމޭ ނުވަތަ ބަނޑު) ފެންނަ އަލާމާތްތައް ތަފާތުވެއެވެ. ބައެއް ފަހަރު މި އަލާމާތްތަކަކީ އެހެން ބަލިތަކުގައިވެސް ފެންނަ ކަންތައްތަކަށް ވާތީ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި އެއްވެސް އަލާމާތެއް ނުފެނިވެސް ލޭގަނޑުވެފައި ހުރެދާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. އެހެންކަމުން، ލޭގަނޑުވުމުން ފެނިދާނެ ބައެއް “ސިއްރު” އަލާމާތްތަކަށް ހޭލުންތެރިވުން މުހިންމެވެ.
- ފައިގެ މަސްގަނޑަށް އަރާ ތަދު (ލެގް ކްރޭމްޕްސް)
ފައިގެ ލޭހޮޅިއެއްގައި ލޭގަނޑުވެފައިވާ މީހުން ބުނާގޮތުގައި، އެމީހުންނަށް އިހުސާސްވަނީ ފައިގެ މަސްގަނޑަށް އަރާ ކަހަލަ ވަރުގަދަ ތަދެކެވެ. މިއީ މައި ލޭހޮޅިއެއްގައި ލޭގަނޑުވުމުން (ޑީޕް ވެއިން ތުރޮމްބޮސިސް – ޑީވީޓީ) ދިމާވާ ކަމެކެވެ. މީގެ ސަބަބުން ފައިގައި ރިއްސުމާއި ބާރުވުން ފަދަ ކަންކަން މެދުވެރިވެއެވެ. މިފަދަ ހާލަތްތައް ގިނައިން ދިމާވަނީ ގިނައިރު އެއްތަނެއްގައި އިށީނދެގެން އިނުމުން (މިސާލަކަށް ދިގު ދަތުރުތަކުގައި) ނުވަތަ ހަރަކާތްތެރިނުވެ ގިނައިރު ތިބުމުންނެވެ.
ކެލިފޯނިއާގެ އޮރެންޖް ކޯސްޓް މެމޯރިއަލް މެޑިކަލް ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ކްރިސްޓީން އާތާ ވިދާޅުވާ ގޮތުގައި، ފައިގައި ލޭގަނޑުވެފައި ހުންނަ ހުރުމަށް އެންމެ ދުވަހަކުވެސް ފަރުވާނުދީ ދޫކޮށްލުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ އެ ލޭގަނޑު ނެއްޓިގެން ގޮސް ފުއްޕާމޭގައި ތާށިވެއްޖެނަމަ (ޕަލްމޮނަރީ އެމްބޮލިޒަމް)، ފުރާނައަށް ނުރައްކާވެދާނެތީއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޑީވީޓީ ޖެހޭ ކޮންމެ ތިން މީހަކުން އެކަކަށް މި ނުރައްކާ ކުރިމަތިވެއެވެ.
- ބުރަކަށީގައި ރިއްސުން
ބުރަކަށީގައި ރިއްސުމަކީ ލޭގަނޑުވުމުގެ އަލާމާތެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް، މިއީ ބަނޑުގެ މައި ލޭހޮޅީގައި ނުވަތަ އުނަގަނޑާވީ ސަރަހައްދުގައި ލޭގަނޑުވެފައި ހުރުމުގެ ނިޝާނަކަށް ވެދާނެއެވެ. މިފަދަ ހާލަތްތަކުގައި ވަގުތުން ފަރުވާ ނުދެވިއްޖެނަމަ، ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ދައުރުވުން ހުއްޓި، ދާއިމީ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑެވެ.
- ހަމުގެ ކުލަ ބަދަލުވުން
ލޭގަނޑުވުމުގެ ސަބަބުން ލޭގެ އާންމު ދައުރުވުމަށް ހުރަސްއެޅުމުން، ހަމުގެ ކުލަ ބަދަލުވެއެވެ. ފައިގެ ވަކި ސަރަހައްދެއް ރަތްވެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ކުލައެއް ހުރިނަމަ، އެއީ ލޭގަނޑުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެމެރިކާގެ ސީ.ޑީ.ސީ (ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް) އިން ލަފާދޭ ގޮތުގައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.
- އެ ސަރަހައްދެއް ހޫނުވުން
ލޭގަނޑުވެފައި ހުންނަ ތަން އަތްލުމުން ހޫނުކަން އިހުސާސްވުމަކީވެސް އާންމު އަލާމާތެކެވެ. މިއީވެސް ލޭ ދައުރުވުމަށް އަންނަ ބަދަލަކުން ދިމާވާ ކަމެކެވެ. އާންމުގޮތެއްގައި މި ތިން އަލާމާތް (ހޫނުވުން، މަސްގަނޑަށް އަރާ ތަދު، އަދި ކުލަ ބަދަލުވުން) ފެންނާނީ އެކުއެކީގައެވެ.
- ދުޅަވުން
އަތް، ފައި، ތަނބިކަށި ނުވަތަ ފައިތިލަ ކުއްލިއަކަށް ދުޅަވުމަކީ ލޭގަނޑުވުމުގެ އެންމެ އާންމު އެއް އަލާމާތެވެ. ހަށިގަނޑުގެ ގުނަވަނެއް ކުއްލިއަކަށް ދުޅަވާން މެދުވެރިވާ އެހެން ސަބަބުތައް ހުއްޓަސް، ލޭގަނޑުވުމަކީ މީގެ ތެރެއިން އެންމެ ސަމާލުވާންޖެހޭ އެއް ސަބަބެވެ.
- މާބޮޑަށް ދާހިއްލުން
ހިތް ނުވަތަ ފުއްޕާމޭގައި ލޭގަނޑުވެފައިވާނަމަ، އެހެން އަލާމާތްތަކާއެކު އާދަޔާ ހިލާފަށް ދާހިއްލުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވަގުތުން ސިއްހީ އަވަސް ފަރުވާ ބޭނުންވާނެ ވަރަށް ނުރައްކާތެރި ހާލަތެކެވެ.
- ނޭވާލާން އުނދަގޫވުން
ލޭގަނޑެއް ނެއްޓިގެން ގޮސް ފުއްޕާމޭގެ ލޭހޮޅިއެއް ބެދުމުން (ޕަލްމޮނަރީ އެމްބޮލިޒަމް)، ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، އަދި މޭގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެ އިތުރުން، ބައެއް މީހުން ހޭނެތުމާއި، ލޭގެ ޕްރެޝަރު ދަށްވުން ނުވަތަ ކެއްސާއިރު ލޭ އައުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނިދާނެއެވެ.
މަތީގައިވާ އަލާމާތްތަކަކީ ކުއްލި ސިއްހީ ފަރުވާ ބޭނުންވާނެ ކަންކަމެވެ. ލޭގަނޑުވުމުގެ ފުރުސަތު ބޮޑުވާ ބައެއް ކަންކަމުގެ ތެރޭގައި: ގިނައިރު އިށީނދެގެން އިނުން، ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާތައް (މިސާލަކަށް ކަށިގަނޑު ބިންދައިގެން ދިއުން)، ބޮޑެތި އޮޕަރޭޝަންތައް، ބަލިވެ އިނުން، ދާއިމީ ބަލިތައް (ހިތުގެ ބަލި ނުވަތަ ފުއްޕާމޭގެ ބަލި)، އަދި ބައެއް ކަހަލަ ހޯރމޯން ބޭސްތައް ބޭނުންކުރުން ހިމެނެއެވެ.
