މުނިއަވަސް ރަހަފަތުގައި މިއަދު މި ގެނެސްދެނީ އާމަންޑް ޗިކަން ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ރޯދަވީއްލާ ގަޑީގައި ރޮށްޓާއި އެކު ކެއުމަށް އަދި ހާރުދަމަށް ނުވަތަ ޢީދު ދުވަހުގެ މެންދުރު ކެއުމަށްވެސް ވަރަށް ކަމުދާނެ ކެއުމެއްކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާނެ ތަކެތި:

– 2 ސައިސަމުސާ ސޯޔާ ސޯސް

– ½ ކިލޯ ކަށިނެތް ކުކުޅުމަސް ކޮޑި

– ½ ސައިސަމުސާ ލޮނު

– ½ 1 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

– ¼ ޖޯޑު ތެޔޮ

– ½ ޖޯޑު ކެރެޓް (ތުނިކޮށް ކޮށާފައި)

– 1 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

– ½ ޖޯޑު  ފެހި ފިޔާ ފަތް

– 1 ސައިސަމުސާ އިނގުރު (ގާނާ ޗިސްކޮށްފައި)

– 1 ޖޯޑު ކުކުޅު ގަރުދިޔަ

– 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

– 3 މޭޒުމަތީ ސަމުސާ ކޯން ފްލަރ

– 150 ގްރާމް އާމަންޑްސް

– 6-7 މަޝްރޫމް (ތުނިކޮށް ކޮށާފައި)

– 1 ފިިޔާ (ކުދިކޮށް ކޮށާފައި)

– ފެން (ބޭނުންވާނަމަ)

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގައި ސޯޔާ ސޯސް، އިނގުރު އަދި ކަށިނެތް ކުކުޅު ކިއުބްތައް ރަނގަޅަށް އެއްކޮށްލައި މަރިނޭޑް (ކަމީރު) ކުރުމަށް 10 މިނެޓް ވާންދެން ބަހައްޓާށެވެ.

2- އެހެން ބޯތަށްޓެއްގެ ތެރެއަށް ކުކުޅު ގަރުދިޔަ، ސޯޔާ ސޯސް، އަސޭމިރުސް (މުގުރާފައި) އަދި ކޯން ފްލަރ ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

3- ތާހެއްގެ ތެރެއަށް ތެލާއި އާމަންޑްސް އެޅުމަށްފަހު 4-5 މިނެޓް ވާންދެން މުށިކުލަ އަރާންދެން ތެލުލާފައި ބަހައްޓާށެވެ.

4- ތާހުގައި އިތުރަށް ހުރި ތެޔޮކޮޅު ހުސްކޮށްލައި ކެރެޓް އަޅައި 2 މިނެޓް ވާންދެން ތެލުލާށެވެ.

5- މަޝްރޫމްކޮޅު އަޅާލައި 2-3 މިނެޓް ވާންދެން ތެލުލާފައި ބަހައްޓާށެވެ.

6- ހަމަ އެ ތާހުގެ ތެރެއަށް ލޮނުމެދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

7- ފިޔާކޮޅު އަޅާލައި ވަޅޯ ވަންދެން ތެލުލާށެވެ.

8- އެއަށްފަހު، ކުރިން ކަމީރު ކުރަން ބަހައްޓާފައިހުރި ކުކުޅުކޮޅު އެޅުމަށްފަހު ރަނގަޅަށް ކައްކާށެވެ.

9- ކުކުޅު ގަރުދިޔައިން ތައްޔާރުކުރި މިކްސްޗަރ އެއްކޮށްލައި 1-2 މިނެޓް ވާންދެން ކައްކާށެވެ.

10- ތެލުލާފައިހުރި ކެރެޓްކޮޅާއި މަޝްރޫމް އަދި ފިޔާ ފަތާއި ތެލުލާފައިހުރި އާމަންޑްސް އަޅައި އެއްކޮށްލާށެވެ.

11- ފެން އަޅަން ޖެހޭނަމަ ފެންފޮދެއް އަޅައި ރަނގަޅަށް ކައްކާލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.