މާލޭގެ އިރުމަތީ ފަރާތުން އިރު އަރައިގެން އައިއިރު، މުޅި ސިޓީ އޮތީ އާދައިގެ މަތިން ހަލަބޮލިވާން ފަށާފައެވެ. ސައިކަލުތަކާ ވެހިކަލްތަކުގެ އަޑާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަޑުން މުޅި މާހައުލު އޮތީ ގުގުމާފައެވެ. ނަމަވެސް، މި ހުރިހާ އަޑެއްގެ ތެރެއިން ވެހިކަލްތަކުގައި ތިބި ގިނަ ބައެއްގެ ކަންފަތަކާ ބައެއް ގޭބިސީތަކުގެ މީހުންނަށް އިވެމުންދަނީ އެހެން އަޑެކެވެ. އެއީ “މުނިއަވަސް އެފްއެމް” އިން އިވޭ މަރިޔަމްގެ ހިތްގައިމު އަޑެވެ.
“ބާއްޖަވެރި ހެނދުނެއް ހުރިހާ ބޭފުޅުންނަށް! މިއީ ތިޔަބޭފުޅުންގެ އެންމެ ގާތް އެކުވެރިޔާ މަރިޔަމް. މިއަދުގެ މި ހިތްގައިމު ހެނދުނު އަޅުގަނޑުމެން ފަށާނީ އުއްމީދުން ފުރިގެންވާ ލަވަޔަކުން،” މަރިޔަމް އޭނާގެ މައިކްރޯފޯނު ކައިރީގައި އިނދެ ބުންޏެވެ.
މަރިޔަމަކީ މާލޭގެ އެންމެ މަގުބޫލު އެއް ރޭޑިއޯ ޕްރެޒެންޓަރެވެ. އޭނާގެ އަޑުގައި ހުންނަ އާދަޔާ ހިލާފު ދިރުމަކީ ގިނަ ބަޔަކު އޭނާގެ ޝޯއަށް އިންތިޒާރުކުރާ ސަބަބެވެ. ނަމަވެސް، އެ އުފާވެރި އަޑުގެ ފަހަތުގައި ވަނީ އަމިއްލަ ނަފްސާ ކުރެވޭ ބޮޑު ހަނގުރާމައެކެވެ. މަރިޔަމްގެ ކައިވެނި ވަނީ އަންނަ މަހަށް ތާވަލުކުރެވިފައެވެ. އޭނާ ކައިވެނިކުރަން އުޅެނީ އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާ، އަދި މިހާރު ކާމިޔާބު ވިޔަފާވެރިޔާ މިފްތާހްއާއެވެ.
އެވަގުތު މާލޭގެ އެހެން ފަރާތެއްގައި، ފާއިގު ހުރީ އޭނާގެ އޮފީހުގެ ބެލްކަނީގައި ކޮފީއެއް ބޯށެވެ. ފާއިގަކީ ހުނަރުވެރި އާކިޓެކްޓެކެވެ. އޭނާގެ ކުރިމަތީގައި އޮތީ މާލޭގެ މުސްކުޅި އިމާރާތްތަކާއި އާ އުސް ބިލްޑިންގްތަކުގެ މަންޒަރެވެ. ފާއިގަށް ސިންގަޕޫރުގެ ބޮޑު ކުންފުންޏަކުން ވަޒީފާގެ ފުރުސަތު ލިބިފައިވީ ނަމަވެސް، އޭނާގެ ހިތް ބޭނުންވަނީ މި މާލޭގެ ހަނި ގޯޅިތަކާއި، މާލޭގެ މާހައުލުގައި މަސައްކަތް ކުރާށެވެ.
“ކޮބާ ފާއިގު؟ އަދިވެސް ނުނިމޭތަ އެ ޕްލޭން؟” އޭނާގެ ބޮސް އައިސް އަހާލިއެވެ.
“މި ނިމެނީ. އަޅުގަނޑު މި ބަލަނީ މި މާލޭގެ ގުދުރަތީ ރީތިކަން ގެއްލުވާނުލާ، ކިހިނެއްތޯ މި އާ އިމާރާތްތައް ފަރުމާކުރާނީ،” ފާއިގު މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.
ފާއިގަކީ ދިރިއުޅުމުގެ ކުދިކުދި އުފާވެރިކަމަށް ލޯބިކުރާ މީހެކެވެ. އޭނާގެ ކަންފަތުގައި ޖަހާފައިވާ ހެޑްސެޓުން އިވެމުންދަނީ މަރިޔަމްގެ ރޭޑިއޯ ޝޯގެ އަޑެވެ. އޭނާ ދުވަހަކުވެސް މަރިޔަމް ދެކެފައެއް ނުވެއެވެ. ނަމަވެސް އެ އަޑަކީ އޭނާގެ ދުވަހުގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މަރިޔަމްގެ ޝޯ ނިމުމުން، އޭނާ އަވަސްވެގަތީ މިފްތާހްއާ ބައްދަލުކުރުމަށެވެ. މާލޭގެ މަޖީދީމަގުގެ ބާރުބޮޑުކަމުން ހިނގާފައި ދިއުންވެސް އޮތީ އުނދަގޫ ކަމަކަށް ވެފައެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުން، އެ ބަލަން އުޅުމުގެ ތެރޭގައި މީހެއްގެ ގައިގައި ލައިގަތެވެ.
“އޯހް، ސޮރީ!” މަރިޔަމް ބުންޏެވެ.
އޭނާ އަވަސް އަވަހަށް ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ، އެ ހަލަބޮލިކަމުގެ ތެރޭގައި އޭނާގެ އަތުން ފޯނު ދޫވެ، މަގުމަތީގައި ހުރި ހުސް ފޮށިގަނޑެއްގެ ތެރެއަށް ވެއްޓުނު ކަމެވެ.
އޭގެ އިރުކޮޅެއް ފަހުން، ފާއިގު އެ މަގުން ހިނގާފައި ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފޮށިގަނޑު ތެރޭގައި އޮތް ރީތި ފޯނެކެވެ. އޭނާ ފޯނު ނަގައި، ވަށައިގެން ބަލާލިއެވެ. އެކަމަކު އެ ފޯނުގެ ވެރިފަރާތެއް ފެންނާކަށް ނެތެވެ. ފޯނު އޮތީ ލޮކްވެފައެވެ.
“ކާކުގެ ފޯނެއް ބާ؟” ފާއިގު އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.
އިރުކޮޅެއް ވާންދެން އެތަނުގައި މަޑުކޯށްގެން ހުރުމަށްފަހު އޭނާ ނިންމީ ފޯނަށް ކޯލެއް އަންނަންދެން މަޑުކުރުމަށެވެ.
އެރޭ މަރިޔަމް ގެއަށް ގޮސް ފޯނު ހޯދިއިރު ފޯނެއް ނެތެވެ. އޭނާ ވަރަށް ބޮޑަށް ހާސްވިއެވެ. އެ ފޯނުގައި އޭނާގެ ވަރަށް ގިނަ މުހިންމު މަޢުލޫމާތާއި ހަނދާންތައް ހުއްޓެވެ. އޭނާ އަވަހަށް ގޭގެ ލޭންޑްލައިން ފޯނުން އޭނާގެ މޯބައިލް ނަންބަރަށް ގުޅިއެވެ.
ފާއިގު ފޯނު ނެގިއެވެ.
“ހަލޯ؟” ފާއިގު ބުންޏެވެ.
“އައްސަލާމް ޢަލައިކުމް. ތިޔައީ އަޅުގަނޑުގެ ފޯނު. ތިޔަ ފޯނު ތިއޮތީ އަޅުގަނޑުގެ އަތުން ގެއްލިފަ،” މަރިޔަމް ހާސްވެފައި ހުރެ ބުންޏެވެ.
ފާއިގަށް އެ އަޑު ވަގުތުން ފާހަގަކުރެވުނެވެ. އެއީ ކޮންމެ ދުވަހަކު އޭނާ ރޭޑިއޯއިން އަޑުއަހާ ހިތްގައިމު އަޑެވެ. އެއީ މަރިޔަމްއެވެ!
“ވަޢަލައިކުމުއްސަލާމް. އާދެ، މި ފޯނު މިވަގުތު މިއޮތީ އަޅުގަނޑުގެ އަތުގަ. އަޅުގަނޑަށް މި ފެނުނީ މަޖީދީމަގުން،” ފާއިގު މަޑުމައިތިރިކަމާއެކު ބުންޏެވެ.
“ޝުކުރިއްޔާ! ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ކޮންތާކަށްތޯ ދާންވީ ފޯނު ބަލާ؟”
ފާއިގު ހިނިތުންވެލިއެވެ. “އަޅުގަނޑަށް އެނގޭ ތިޔައީ ކާކުކަން. މަރިޔަމް ނޫންތޯ؟ މުނިއަވަސް އެފްއެމްގެ؟”
މަރިޔަމް ހައިރާންވިއެވެ. “އާދެ، ކިހިނެއް ތިހާ ޔަގީންކޮށް ބުނަން އެނގުނީ؟”
“އަޅުގަނޑަކީ މަރިޔަމްގެ ޝޯގެ ވަރަށް ބޮޑު ސަޕޯޓަރެއް. އަޅުގަނޑުގެ ނަމަކީ ފާއިގު،” އޭނާ ތައާރަފްވިއެވެ.
މިގޮތަށް ފެށުނު ފޯނު ކޯލަކީ، އެ ދެމީހުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ދަތުރެއްގެ ފެށުމެވެ.
އެރޭ އެ ދެމީހުން ފޯނުން ވަރަށް ގިނަ އިރު ވާހަކަދެއްކިއެވެ. ފޯނު ހަވާލުކުރާނެ ތަނަކާއި ވަގުތެއް ކަނޑައެޅުމުގެ ބަދަލުގައި، އެމީހުންނަށް ދެކެވުނީ ދިރިއުޅުމުގެ ވާހަކައެވެ. މާލޭގެ ތޮއްޖެހުމާއި، ހުވަފެންތަކާއި، އަދި ކުރިމަތީގައި ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ.
“ފާއިގު، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ދިމާވާންވީ މާދަމާ ހަވީރު އާޓިފިޝަލް ބީޗުންހެން،” މަރިޔަމް ހުށަހެޅިއެވެ.
“މައްސަލައެއް ނެތް. ފަހެއް ޖަހާއިރު އެތާ ހުންނަ އެސްދަރަ ކޮފީ ޝޮޕް ކައިރިން ބައްދަލުކުރަމާ؟” ފާއިގު އެއްބަސްވިއެވެ.
ޖެހިގެން އައި ދުވަހު، މަރިޔަމް ހުރީ ވަރަށް ބޮޑަށް ފިކުރުބޮޑުވެފައެވެ. މިފްތާހް އޭނާއަށް ގުޅައި ކައިވެނީގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް މަރިޔަމްގެ ސިކުނޑީގައި އެނބުރެމުންދަނީ އިއްޔެ ފޯނުން ވާހަކަދެއްކި ބީރައްޓެހި ޒުވާނާގެ އަޑެވެ. އެ އަޑުގައި ހުރި އިހުލާސްތެރިކަމާއި އޯގާތެރިކަން މިފްތާހްގެ ވާހަކަތަކުން އޭނާއަކަށް ނުލިބެއެވެ.
ފަހެއް ޖަހަންވާއިރަށް ފާއިގު އާޓިފިޝަލް ބީޗަށް ދިޔައެވެ. އޭނާގެ އަތުގައި މަރިޔަމްގެ ފޯނު އޮތެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ރޭޑިއޯއިން އިވޭ އެ ހިތްގައިމު އަޑުގެ ވެރިޔާ ދެކިލުމަށެވެ. އެވަގުތު މަރިޔަމްވެސް އެ ސަރަހައްދަށް އައެވެ. ނަމަވެސް، މާލޭގެ ކާރޫބާރޫ ބޮޑުކަމާއި މީހުން ގިނަކަމުން، އެކަކު އަނެކަކަށް ފާހަގައެއް ނުކުރެވުނެވެ.
ފާއިގު ހުރީ ރަތްކުލައިގެ ގަމީހެއްލައިގެން ކަމަށް ބުނެފައިވީ ނަމަވެސް، އެތަނުގައި ރަތްކުލައިގެ ގަމީސްލައިގެން ތިބި އެތައް ބަޔަކު ތިއްބެވެ. މަރިޔަމް އެތައް އިރަކު ހޯދިއެވެ. ފަހުން އޭނާ މީހެއްގެ މޯބައިލް ފޯނަކުން ފާއިގަށް ގުޅިއެވެ.
“ފާއިގު، އަޅުގަނޑު މިހުރީ ކޮފީ ޝޮޕް ކުރިމަތީގަ. ކޮބައިތޯ؟”
“އަޅުގަނޑުވެސް މިހުރީ ހަމަ އެތާ. މަރިޔަމްއަށް އަޅުގަނޑު ނުފެނޭތަ؟”
މިއީ ފެށުމެވެ. މާލޭގެ މި ކުޑަކުޑަ ބިމުގައި، އެކަކު އަނެކަކު ހޯދުމަށް ކުރެވޭ ތަފާތު ދަތުރެކެވެ.
އާޓިފިޝަލް ބީޗުގެ ކާރޫބާރޫ ބޮޑު މާހައުލުގައި، އެކަކު އަނެކަކަށް ފެންނަ ހިސާބުގައި ތިބެމެ، އިއްތިފާގުން ދިމާނުވެ އެ ދުވަސް ނިމިގެން ދިޔައެވެ. މަރިޔަމް ގެއަށް ދިޔައީ މާޔޫސްވެފައި ހުރެއެވެ. އޭނާގެ ހިތުގައި އުފެދުނު ކުޑަކުޑަ ޝައުގުވެރިކަން މިހާރު ވަނީ ބޮޑު އިންތިޒާރަކަށް ބަދަލުވެފައެވެ.
ޖެހިގެން އައި ދުވަހު، ފާއިގު އޮފީހުގައި އިނދެގެން މަރިޔަމްގެ ފޯނަށް ބަލަހައްޓައިގެން އިނެވެ. އެ ފޯނުގެ ވޯލްޕޭޕަރުގައި އިނީ މަރިޔަމްގެ ފޮޓޯއެކެވެ. އަތިރިމަތީގައި ހީލައިގެން ހުރި މަންޒަރެކެވެ. އެ ހިނިތުންވުމުގައިވާ ސާފުކަން ފާއިގުގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރިކަމެއް ގެނުވިއެވެ.
“ފާއިގު، މިއަދު ސިންގަޕޫރުން އައި އީމެއިލްއަށް ޖަވާބު ދޭންވާނެ. އެމީހުން ބޭނުންވަނީ އަންނަ ހަފުތާގައި ކަލޭ އެކޮޅަށް ދާން،” ފާއިގުގެ އެކުވެރިޔާ އިބްރާހީމް އޮފީހަށް ވަންނަމުން ބުންޏެވެ.
ފާއިގު ފުން ނޭވާއެއްލިއެވެ. ސިންގަޕޫރުގެ އެ ވަޒީފާއަކީ ކޮންމެ އާކިޓެކްޓަކުވެސް ދެކޭނެ ހުވަފެނެކެވެ. ނަމަވެސް، މިހާރު އޭނާގެ ހިތް ވަނީ މާލޭގެ މި މަގުތަކުގައި ބަނދެވިފައެވެ. ނުވަތަ އެއަށްވުރެ ބޮޑަށް، އެ ނުފެންނަ އަޑުގެ ވެރިޔާއާ ބަނދެވިފައެވެ.
އެރޭ ފާއިގު އަނެއްކާވެސް މަރިޔަމަށް ގުޅިއެވެ.
“މިއަދު ދިމާނުވީމާ ވަރަށް ދެރަވި،” ފާއިގު ބުންޏެވެ.
“އަޅުގަނޑުވެސް. އަޅުގަނޑަށް ހީވަނީ މާލޭގެ މި ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑުމެން އުޅެނީ ފީކޮއި ކުޅޭހެން ކަމަށް،” މަރިޔަމް މަޑުމައިތިރި ހިނިތުންވުމަކާއެކު ބުންޏެވެ. “ފާއިގު، އަސްލުވެސް ތިޔަ ފޯނު އަޅުގަނޑަށް ވަރަށް މުހިންމު. އޭގައި ހުރި ފޮޓޯތަކާއި މެސެޖުތަކަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ބައެއް.”
“އަޅުގަނޑަށް އެނގޭ. މަރިޔަމްގެ ފޯނު އޮތީ ވަރަށް ރައްކާތެރިކޮށް. އަޅުގަނޑު މާދަމާ ހެނދުނު ‘މުނިއަވަސް އެފްއެމް’ ސްޓޫޑިއޯ ކައިރިއަށް ގޮސްލަންތޯ؟”
މަރިޔަމް ވަގުތުން ބިރުގަތެވެ. މިފްތާހް ކޮންމެ ދުވަހަކު އޭނާ ބަލާ ސްޓޫޑިއޯ ކައިރިއަށް ދެއެވެ. “ނޫން! އެތަނަށް ނާންނާތި. އަޅުގަނޑުމެން މާދަމާ ރޭގަނޑު ސަލްޓަން ޕާކުގައި ބައްދަލުކުރަމާ؟ އެތަނަކީ އަމާން ތަނެއް.”
މިފްތާހްއަކީ މާލޭގެ ކާމިޔާބު ވިޔަފާވެރިއެކެވެ. އޭނާއަށް ކޮންމެ ކަމެއްވެސް ފެންނަނީ ފައިސާއާއި މުދަލުގެ ނަޒަރަކުންނެވެ. މަރިޔަމްގެ އުޅުމަށް އައިސްފައިވާ ބަދަލު އޭނާއަށް ފާހަގަވާން ފެށިއެވެ.
“މަރިޔަމް، މިހާރު ކީއްވެތަ ފޯނު ނުނަގަނީ؟ ކޮންމެ ފަހަރަކު ގުޅީމާ ގޭގެ ނަންބަރުން ތިޔަ ގުޅަނީ،” މިފްތާހް ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ. އެމީހުން ތިބީ މާލޭގެ އުސް އިމާރާތެއްގެ މަތީގައި ހުރި ރެސްޓޯރެންޓެއްގައެވެ.
“ފޯނު އޮތީ މައްސަލައެއް ޖެހިފައޭ ބުނެފީމެއްނު މިފްތާހް،” މަރިޔަމް ދޮގެއް ހަދާލިއެވެ. އޭނާއަށް ނޭނގެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް، ފާއިގުގެ ވާހަކަ މިފްތާހް ކައިރީގައި ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“އަހަރެން އާ ފޯނެއް ގަނެދީފާނަމޭ. އައިފޯންގެ އެންމެ ފަހުގެ މޮޑެލް. ކީއްކުރާ ބާ މުސްކުޅި ފޯނެއް؟” މިފްތާހް ފޮނިވެލާފައި ބުންޏެވެ.
“އެއީ ހަމައެކަނި ފޯނެއް ނޫން މިފްތާހް. އެއީ އަހަރެންގެ ހަނދާންތައް،” މަރިޔަމް މަޑުމަޑުން ބުންޏެވެ. އޭނާގެ ހިތަށް އެރިއެވެ. މިފްތާހްއަށް ދުވަހަކުވެސް އޭނާގެ އިހުސާސްތަކެއް ނޭނގޭނެއެވެ.
އެވަގުތު، އެ ރެސްޓޯރެންޓުގެ އަނެއް ފަރާތުގައި ފާއިގު އިނީ އޭނާގެ ބޮސްއާ އެކު ކޮފީއެއްގައެވެ. ފާއިގުގެ ލޮލުގައި މަރިޔަމް އަޅައިގަތެވެ. އޭނާއަށް އެއީ މަރިޔަމްކަން އެނގުނީ ފޯނުގައި އިން ފޮޓޯއާ ވައްތަރުވީމައެވެ. އޭނާގެ ހިތް ތެޅެން ފެށިއެވެ. މަރިޔަމްގެ ކައިރީގައި އެއިނީ ކާކުބާވައެވެ؟ އެއީ އޭނާގެ ބިޓެއް ހެއްޔެވެ؟ނުވަތަ ކައިވެނިކުރަން އުޅޭ މީހާ ހެއްޔެވެ؟
ފާއިގު ތެދުވެގެން މަރިޔަމްގެ ކައިރިއަށް ދާން އުޅުނެވެ. ނަމަވެސް، އެވަގުތު މިފްތާހް މަރިޔަމްގެ އަތުގައި ހިފައިގެން، ވަރަށް ގާތްކޮށް ވާހަކަދައްކަން ފެށުމުން، ފާއިގު މަޑުޖެހުނެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާއަކީ ހަމައެކަނި މަގުމަތިން ފޯނެއް ފެނުނު ބީރައްޓެހި މީހެކެވެ. މަރިޔަމްގެ ދިރިއުޅުމުގައި އޭނާގެ އެއްވެސް މަގާމެއް ނެތެވެ.
ސަލްޓަން ޕާކުގައި ބައްދަލުކުރަން ރޭވި ރޭ، މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރު ކުރުން ދަތިވިއެވެ.
މަރިޔަމް ކުޑައެއް ހިފައިގެން ސަލްޓަން ޕާކުގެ ދޮރުމަތީގައި ހުއްޓެވެ. ފިނިވައިރޯޅިތަކުން އޭނާ ތުރުތުރުލަމުން ދިޔައެވެ. ފާއިގު އައީ އޭނާގެ ސައިކަލުގައެވެ. އޭނާގެ ގަމީސް އޮތީ ތެމި ފޯވެފައެވެ.
އޭނާ ސައިކަލު މަޑުކޮށްލާފައި، މަރިޔަމް ހުރި ދިމާލަށް ބަލާލިއެވެ. އެތަނުގައި ތިބި އެންމެންވެސް ތިބީ ކުޑަ ނަގައިގެން މޫނު ނުފެންނަ ގޮތަށެވެ. ފާއިގު މަރިޔަމް ވަގުތީގޮތުން ގެންގުޅޭ ނަންބަރަށް ގުޅިއެވެ.
“މަރިޔަމް، އަޅުގަނޑު މިހުރީ ޕާކުގެ ބޮޑު ދޮރުމަތީގަ. ވަރަށް ބޯކޮށް ވާރޭ އެބަވެހޭ،” ފާއިގު ބުންޏެވެ.
“އަޅުގަނޑުވެސް މިހުރީ ހަމަ އެތާ. ފާއިގު ކޮން ކުލައެއްގެ ކުޑައެއްތޯ ހިފައިގެން ތިޔަ ހުރީ؟”
“އަޅުގަނޑު އަތަކު ކުޑައެއް ނެތް. އަޅުގަނޑު މިހުރީ ތެމިފަ،” ފާއިގު ހިނިތުންވެލާފައި ބުންޏެވެ.
މަރިޔަމް ވަށައިގެން ބަލާލިއެވެ. ތެމިފޯވެފައި ހުރި ޒުވާނަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ރެސްޓޯރެންޓުން އޭނާއަށް ފެނުނު މީހާއާ ވައްތަރު މީހެކެވެ. މަރިޔަމް އެ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް މިފްތާހްގެ ކާރު އައިސް މަރިޔަމްގެ ކައިރިއަށް މަޑުކޮށްލިއެވެ.
“މަރިޔަމް! މި ކަހަލަ ބޯ ވާރޭގެ ތެރޭގައި މިތާ ކީއްކުރަނީ؟ އަވަހަށް އަރާ ކާރަށް،” މިފްތާހް ބާރަށް ބުންޏެވެ.
މަރިޔަމް ހާސްވިއެވެ. އޭނާ ފާއިގާ ދިމާލަށް ބަލާލިއެވެ. ފާއިގު ހުރީ އެ މަންޒަރު ބަލާށެވެ. އޭނާގެ އަތުގައި އޮތް ފޯނު އޭނާ ޖީބަށްލިއެވެ. އޭނާއަށް އެނގިއްޖެއެވެ. މިއީ އޭނާގެ ދުނިޔެއެއް ނޫން ކަމެވެ.
“ފާއިގު، އަޅުގަނޑު ދަނީ. ފަހުން ގުޅާނަން،” މަރިޔަމް އަވަސް އަވަހަށް ފޯނުން މެސެޖެއްކޮށްލާފައި ކާރަށް އެރިއެވެ.
ކާރު ނައްޓާލިއިރު، ފާއިގު ވާރޭގެ ތެރޭގައި އެކަނިމާއެކަނި ހުއްޓެވެ. އޭނާގެ ހިތަށް އެރިއެވެ. ފަހަރުގައި މިއީ ކަންތައް ވާންވީ ގޮތް ކަމަށް ވެދާނެއެވެ. ބައެއް ފަހަރު، ބައެއް މީހުންނާ ބައްދަލުވަނީ ހަމައެކަނި އަޑުންނެވެ. ފެނުމަކީ ނަސީބުގައި ނެތް ކަމަކަށް ވެދާނެއެވެ.
ޖެހިގެން އައި ދުވަހަކީ ފާއިގު ސިންގަޕޫރަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. އޭނާ ނިންމީ މަރިޔަމްގެ ފޯނު މުނިއަވަސް އެފްއެމް’ގެ ރިސެޕްޝަނާ ހަވާލުކުރުމަށެވެ. އިތުރަށް އިންތިޒާރު ކުރުމުގެ މާނައެއް ނެތް ކަމަށް އޭނާއަށް ވިސްނުނެވެ.
އޭނާ ސިޓީއުރައެއްގެ ތެރެއަށް ފޯނުލައި، އޭގައި ކުޑަ ނޯޓެއް ލިޔުނެވެ.
“މަރިޔަމް، މިއީ ތިޔަބޭފުޅާގެ ފޯނެވެ. މާލޭގެ މި ކާރޫބާރޫގެ ތެރެއިން އަޅުގަނޑުމެން ބައްދަލުނުވީ އެއީ އިއްތިފާގަކަށް ވެދާނެއެވެ. ނުވަތަ އެއީ ތަގުދީރުގެ ނިންމުމަކަށްވެސް ވެދާނެއެވެ. ތިޔަބޭފުޅާގެ ކައިވެނީގެ ދިރިއުޅުން ބާއްޖަވެރިވުމަށް އެދެމެވެ. އަޅުގަނޑަށް މި މާލޭން ފެނުނު ހުވަފެން ހަގީގަތަކަށް ނުވާނެކަމަށް ގަބޫލުކުރެވި ސިންގަޕޯއިން ލިބިފަ އޮތް ޖޮބަށް ޖޮއިންކުރަން މާދަމާ ފުރަން ރެޑީވާނަން – ފާއިގު”
ފާއިގު ސްޓޫޑިއޯއަށް ގޮސް ފޯނު ހަވާލުކޮށްފައި ނުކުތް ވަގުތަކީ، މަރިޔަމް ލިފްޓުން ފޭބި ވަގުތެވެ. އެކަކު އަނެކަކަށް ފުރަގަސްދީފައި ދިޔައިރު، އެއީ އެމީހުން ހޯދަމުންދިޔަ މީހާކަމެއް އެކަކަށްވެސް ނޭނގެއެވެ.
މަރިޔަމަށް ފޯނު ލިބުމުން، އޭނާ ވަގުތުން އެ ނޯޓު ކިޔާލިއެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އިހުސާސް ކުރެވުނީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ފުރުސަތު ގެއްލިގެން ދިޔަ ކަމެވެ.
“އަހަރެން މިފްތާހްއާ ކައިވެނި ކުރަން ބޭނުމެއް ނޫން،” މަރިޔަމް އަމިއްލަ ނަފްސަށް ބުންޏެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ އިހުސާސްތައް ދަންނަ މީހަކު.”
އޭނާ ވަގުތުން ފާއިގުގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފާއިގުގެ ފޯނު އޮތީ ނިއްވާލާފައެވެ. އޭނާ އޭރު އިނީ އެއާޕޯޓު ފެރީގައެވެ.
މަރިޔަމް ހުއްޓައެއް ނުލިއެވެ. އޭނާ ދުވެފައި ގޮސް ރޭޑިއޯ ސްޓޫޑިއޯއަށް ވަނެވެ. އޭރު އޭނާގެ ޝޯ ފަށަން އޮތީ ފަސް މިނެޓެވެ.
“މިއަދުގެ ޝޯގައި އަޅުގަނޑު ބޭނުންވަނީ ވަރަށް ހާއްސަ ވާހަކައެއް ދައްކަން،” މަރިޔަމް މައިކްރޯފޯން ކައިރީގައި އިނދެ، ތުރުތުރުލާ އަޑަކުން ބުންޏެވެ. “މިއީ ފާއިގަށް ކުރާ އިލްތިމާސެއް. ފާއިގު، ތިޔަ ފުރައިގެން ދަނީ އަހަރެންގެ ހިތުގެ ބައެއް ހިފައިގެން. އަހަރެން މިހުރީ ޖެޓީ ނަންބަރު އެކެއްގައި. އާދޭ ބައްދަލުކުރަން.”
ފާއިގު ފެރީގައި އިނދެގެން ރޭޑިއޯ އަޑުއަހަމުން ދިޔައެވެ. މަރިޔަމްގެ އަޑު އިވުމާއެކު، އޭނާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާ ވަގުތުން ފެރީގެ ކެޕްޓަން ކައިރިއަށް ދިޔައެވެ.
“މަޑުކުރޭ! އަހަރެން ފައިބަން ބޭނުން!”
މާލޭގެ ޖެޓީ ނަންބަރު އެކެއްގެ ކައިރީގައި މަރިޔަމް ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުއްމީދާއި ބިރުވެރިކަމެވެ. އިރުއޮއްސެމުން ދިޔަ ވަގުތު، އުޑުމަތި އޮތީ ރަންކުލައިން ފެވިފައެވެ.
ދުރުން މީހަކު ދުވެފައި އަންނަތަން މަރިޔަމަށް ފެނުނެވެ. އެއީ ފާއިގެވެ. އޭނާގެ އަތުގައި އޮތީ އޭނާގެ ދަބަހެވެ.
ދެމީހުން ކުރިމަތިލައިގެން ހުއްޓުނެވެ. މާލޭގެ ހަލަބޮލި އަޑުތައް އެވަގުތު އެމީހުންނަށްޓަކައި ކެނޑިގެން ދިޔަ ކަހަލައެވެ. ހަމައެކަނި އިވެނީ އެކަކު އަނެކަކުގެ ނޭވާގެ އަޑެވެ.
“މަރިޔަމް؟” ފާއިގު މަޑުމަޑުން އަހާލިއެވެ.
“ފާއިގު؟” މަރިޔަމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ.
ފާއިގު ހިނިތުންވެލިއެވެ. “އަޅުގަނޑު ހީކުރީ ދުވަހަކުވެސް ދިމާނުވާނެ ކަމަށް.”
“މާލެއަކީ ކިތަންމެ ކުޑަ ތަނަކަށް ވިޔަސް، ހިތްތައް ގުޅެން ވަގުތު ނަގާ،” މަރިޔަމް ބުންޏެވެ. “ފާއިގު، ސިންގަޕޫރަށް ނުގޮސް މަޑުކުރެވިދާނެތަ؟”
ފާއިގު އޭނާގެ އަތުގައި އޮތް ފްލައިޓް ޓިކެޓަށް ބަލާލިއެވެ. އަދި އެ ޓިކެޓް ކުދިކުދިކޮށް ވީދާލުމަށްފަހު މޫދަށް އުކާލިއެވެ.
“މާލޭގެ މި ހަނި ގޯޅިތަކުގައި އަދި މާ ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުރި. އަދި އެއަށްވުރެ މުހިންމީ، މި ސިޓީގެ އަޑުތަކުގެ ތެރެއިން އަހަރެން ހޯދި އެންމެ ސަޅި ރަން އަޑުގެ ވެރިޔާ އަދި އެހާމެ އަގުބޮޑު ރަންމުތް ދޫކޮށްލާފަ ދާން އަހަރެން ބޭނުންނުވާކަން،” ފާއިގު ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
މަރިޔަމްގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް އަތުވެއްޖެއެވެ. އެއީ އޭނާގެ ރޭޑިއޯ ޝޯއިން މުޅި މާލެއަށް ބަހަމުންދާ އުފާވެރިކަމަށްވުރެ މާ ފުން، މާ އަސްލު ހިނިތުންވުމެކެވެ.
“އެކަމަކު އެރޭ ރެސްޓޯރެންޓާ ޕާކުކައިރީގަ އުޅުނު – ؟” ފާއިގު ސުވާލުކޮށްލިއެވެ.
“އެއީ އަހަރެންގެ މާޒީ. އޭނާއަށް ބޭނުންވަނީ އޭނާގެ ކާމިޔާބީތައް ދައްކާލަން ހުންނަ ރީތި މުދަލެއް. އަހަރެން ބޭނުންވަނީ އަހަރެންގެ ހިތުގެ އަޑު އަހާނެ ބައިވެރިއެއް،” މަރިޔަމް ޖަވާބުދިނެވެ.
އެ ދުވަހަށްފަހު މަރިޔަމާއި ފާއިގުގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައެވެ. މަރިޔަމް މިފްތާހްއާ އޮތް ގުޅުން ކަނޑާލިއެވެ. އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. މިފްތާހްގެ ނުފޫޒާއި، އާއިލާގެ ފިއްތުންތައް ކުރިމަތިވިއެވެ. ނަމަވެސް މަރިޔަމް ހުރީ ސާބިތުކަމާއެކުގައެވެ.
ފާއިގު ސިންގަޕޫރުގެ ވަޒީފާ ދޫކޮށްލުމަށްފަހު، މާލޭގައި އަމިއްލަ އާކިޓެކްޗަރަލް ފަރމެއް ފެށިއެވެ. އޭނާގެ ބޭނުމަކީ މާލޭގެ މުސްކުޅި ރީތިކަން ހިމާޔަތްކުރަމުން، ޒަމާނީ ފަރުމާތައް ތައާރަފްކުރުމެވެ.
މަސްތަކެއް ފަހުން، އެއް ދުވަހެއްގެ ހަވީރު، އެ ދެމީހުން ތިބީ މާލޭގެ ސުނާމީބިނާ ސަރަހައްދުގައެވެ.
“ފާއިގު، ހަނދާންވޭތަ އަހަރެމެން ފޯނުން ވާހަކަދެއްކި ފުރަތަމަ ރޭ؟” މަރިޔަމް އަހާލިއެވެ.
“އާނ، ހަނދާންވޭ. މަރިޔަމް ހުރީ ވަރަށް ހާސްވެފަ. ފޯނު ނުލިބިދާނެތީ ބިރުން،” ފާއިގު ހީލަމުން ބުންޏެވެ.
“އަސްލު މި ފޯނު ގެއްލުމަކީ އަހަރެންގެ ދިރިއުޅުމުގަ ދިމާވި އެންމެ ނަސީބުވެރި އިއްތިފާގު. އެ ފޯނު ނުގެއްލުނުނަމަ، އަހަރެން މިއަދު އުޅޭނީ އަހަރެން ބޭނުންނުވާ ދިރިއުޅުމެއްގަ،” މަރިޔަމް ބުންޏެވެ.
މަރިޔަމް އޭނާގެ ދަބަހުން މަރިޔަމްގެ އެ ފޯނު ނެގިއެވެ.
“މީގައި ހުރި ފޮޓޯތަކާއި މެސެޖުތަކަށްވުރެ ބޮޑަށް، މި ފޯނަކީ އަހަރެމެން ގުޅުވައިދިން ސަބަބު. އަހަރެން ބޭނުންވަނީ މިއީ އަހަރެމެންގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ބާއްވަން،” މަރިޔަމް ބުންޏެވެ.
ފާއިގު ހިނިތުންވެލަމުން މަރިޔަމްގެ އަތުގައި ހިފާލިއެވެ. މާލޭގެ އިރުއޮއްސޭ މަންޒަރު ބަލަން ތިބިއިރު، ދުރުން ރޭޑިއޯއަކުން މަރިޔަމްގެ ކުރީގެ ރެކޯޑިންގްއެއް އިވެމުންދިޔައެވެ.
“މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރޭގައި، ކޮންމެ މީހަކުވެސް ހޯދަމުންދަނީ ކޮންމެވެސް އެއްޗެއް. ބައެއް ފަހަރު އަޅުގަނޑުމެން ހޯދާ އެއްޗަކަށްވުރެ އަގުބޮޑު އެއްޗެއް އިއްތިފާގުން ދިމާވެދާނެ. މުހިންމީ އެ ފުރުސަތުގެ ބޭނުން ހިފުން…..
މާލޭގެ އުސް އިމާރާތްތަކާއި، ހަނި ގޯޅިތަކާއި، އަދި ކަނޑުގެ ރާޅުތަކުގެ ތެރެއިން، ދެ ހިތެއްގެ ވާހަކަ މިވަނީ އާ ފެށުމަކުން ފެށިފައެވެ. މިއީ “މުނިއަވަސް އެފްއެމް” އިން ފެށުނު، އަދި މާލޭގެ މަގުތަކުން ފުރިހަމަވި ލޯބީގެ ހަގީގީ ދަތުރެވެ.
ނިމުނީ
