“ކޭޑީ: ދަ ޑެވިލް” ރިލީޒްކުރުމުގެ ކުރިން، އެ ފިލްމުގެ ލަވައެއް ކަމަށްވާ “ސަރްކޭ ޗުނަރް ތެރީ ސަރްކޭ” ގައި ބޭއަދަބީ މަންޒަރުތައް ދައްކައި އަންހެނުން ދަށްކޮށް ދައްކާފައިވާ ކަމަށް ބުނެ އުފެދުނު މައްސަލައިގައި ބޮލީވުޑް ތަރި ސަންޖޭ ދަތު ލިޔުމުން މާފަށް އެދިއްޖެއެވެ.
އިންޑިއާގެ ޤައުމީ އަންހެނުންގެ ކޮމިޝަން (އެންސީޑަބްލިއު)ގެ ޗެއާޕާސަން ވިޖަޔާ ރަހަޓްކަރް ބޭއްވެވި އަޑުއެހުމެއްގައި ސަންޖޭ ދަތު ހާޒިރުވެ، އެ ލަވައިގެ ލިރިކްސް، ތަރުޖަމާ، ކްރިއެޓިވް ކޮމްޕޮޒިޝަން ނުވަތަ ފައިނަލް ޕްރެޒެންޓޭޝަންގައި އޭނާގެ އެއްވެސް ދައުރެއް، ބައިވެރިވުމެއް، ނުވަތަ ކޮންޓްރޯލެއް ނެތް ކަމަށް ބުނެ މާފަށް އެދުނެވެ. އެ ކޮމިޝަނުން ވަނީ އެ ލަވައިގައި ބޭއަދަބީ މަންޒަރު ހިމެނުމާއި އަންހެނުން ދަށްކޮށް ދެއްކުމާ ގުޅޭ ގޮތުންނާއި، ނިޔަތާއި ޒިންމާގެ މައްސަލަތައް ފާހަގަކޮށްފައެވެ.
މި މައްސަލައިގެ ތެރޭގައި ވެސް ސަންޖޭ ދަތު ވަނީ އިޖުތިމާޢީ ހެޔޮކަމުގެ ގޮތުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ޤަބީލާ 50 އަންހެން ކުދިންނަށް ސްޕޮންސާޝިޕް ދޭނެ ކަމަށް އިޢުލާންކޮށްފައެވެ.
ސަންޖޭ ދަތުގެ އިތުރުން، އެ ލަވައިގައި ފެނިގެންދާ ކެނެޑާގެ ލަވަކިޔުންތެރިޔާ އަދި ނެށުންތެރިޔާ ނޯރާ ފަތެހީގެ މައްޗަށް ވެސް ހަމަ އެ ތުހުމަތު ކުރެވެއެވެ. ނަމަވެސް ނޯރާ މިވަގުތު ޤައުމުން ބޭރުގައި ހުރުމުން އަޑުއެހުމަށް ހާޒިރެއް ނުވެއެވެ. އޭނާ އިންޑިއާއަށް އެނބުރި އައުމުން ކޯޓަށް ހާޒިރުވާން ޖެހެއެވެ.
ސަންޖޭ ދަތާއި ނޯރާ ފަތެހީ ފެނިގެންދާ “ކޭޑީ: ދަ ޑެވިލް” ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ އެޕްރީލް 30 ގައެވެ.
