ޖިމީ ފެލަންގެ ޝޯގައި ދިލްޖީތު ދޯސަންޖު ދެއްކި ފުރިހަމަ ހުށަހެޅުމާއެކު އޭނާއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުންދާއިރު، އޭނާގެ “ގުޑް ނިއުސް” ފިލްމުގެ ކޯ-ސްޓާރު ކަރީނާ ކަޕޫރު ޚާން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މެސެޖެއްގައި، އޭނާއަކީ އަބަދުވެސް ދިލްޖީތުގެ “ފޭން” އެއް ކަމަށް ވަނީ ބުނެފައެވެ. ކަރީނާ މިހެން ބުނީ “ދަ ޓުނައިޓް ޝޯ ސްޓާރިންގ ޖިމީ ފެލަން” ގައި ދިލްޖީތު ދެއްކި ހިތްގައިމު ހުށަހެޅުން ފެނުމަށްފަހުގައެވެ.
ދިލްޖީތުގެ ހުށަހެޅުމުގެ ކްލިޕެއް ހިއްސާކުރަމުން ކަރީނާ ވަނީ “ފޯއެވަރ އަ ފޭން ގާލް” (އަބަދުވެސް ސަޕޯޓަރެއް) މިހެން ލިޔެ، ރަތް ކުލައިގެ ހިތެއްގެ އިމޯޖީއަކާއެކު ދިލްޖީތަށް އޮތް ލޯތްބާއި ތަރުހީބު ހާމަކޮށްފައެވެ.
View this post on Instagram
ޕަންޖާބީ އަދި ހިންދީ މިއުޒިކާއި ސިނަމާގައި ބައިނަލްއަގުވާމީ ފެންވަރުގެ މަގުބޫލުކަމެއް ހޯދާފައިވާ ދިލްޖީތު، މިދިޔަ ހަފުތާގައި މި ޝޯގައި ބައިވެރިވެ އޭނާގެ މަޝްހޫރު ލަވަ “މޯރްނީ” ހުށަހަޅައިދިނެވެ. އަދި ޝޯގެ ހޯސްޓް ޖިމީ ފެލަންއަށް “ބަންގްރާ” ނަށާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރުން، އޭނާގެ އެންމެ ފަހުގެ އަލްބަމް “އޯރާ” އާ ބެހޭގޮތުން ވާހަކަދެއްކިއެވެ.
100 މިލިއަނަށްވުރެ ގިނަ ފަހަރު ސްޓްރީމްކޮށްފައިވާ މި އަލްބަމާ ބެހޭގޮތުން ދިލްޖީތު ބުނީ، މި އަލްބަމަށް “އޯރާ” ގެ ނަން ދިނީ އޭނާގެ ކޮންސެޓްތަކަށްދާ ސަޕޯޓަރުން އޭނާގެ ފަރާތުން ފެންނަ ހައިބަތު ނުވަތަ “އޯރާ” ވަރަށް ފުރިހަމަ ކަމަށް ބުނާތީ، އެކަމާ ގުޅުވައިގެން ކަމަށެވެ.
މީގެ އިތުރުން، އިމްތިޔާޒް އަލީގެ ފިލްމީ ދުނިޔޭގެ ތެރެއިން އުފައްދާފައިވާ “މޭނ ވާޕަސް އާއުންގާ” ރިލީޒްވުމަށް އިންތިޒާރު ކުރަމުންދާ ކަމަށްވެސް ދިލްޖީތު ބުންޏެވެ. މި ފިލްމުގައި ދިލްޖީތުގެ އިތުރުން ނަސީރުއްދީން ޝާހް، ވޭދާންގް ރައިނާ އަދި ޝަރުވާރީ ވަގް ފެނިގެންދާނެއެވެ.
