ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މާ އަވަހަށް ގޮތް ނިންމެނީ ކީއްވެ؟
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންސާނުންނަކީ ޤުދުރަތީގޮތުން ކަންކަމާމެދު ވިސްނާ، ފިކުރުކޮށް، ގޮތް ނިންމުމުގެ ޤާބިލުކަން ލިބިގެންވާ ބައެކެވެ. ނަމަވެސް، މިއަދުގެ ދިވެހި މުޖުތަމަޢަށް ބަލާއިރު، ކަމެއްގެ ހަޤީޤަތް ބަލާލުމެއް ނެތި، ފެންނަ ފެނުމަކަށް ނުވަތަ އިވޭ އަޑަކަށް ބިނާކޮށް މާ އަވަހަށް ގޮތް ނިންމުމަކީ ވަރަށް އާންމުވެފައިވާ ނުރައްކާތެރި އާދައެކެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ގޯސްވެ، އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

މިއަދު މީސްމީޑިއާގެ ޕްލެޓްފޯމްތަކަކީ މިފަދަ ކަންކަން އެންމެ ހަލުވިކަމާއެކު ފެތުރޭ މައިދާނެވެ. މީސްމީޑިއާގެ ތަފާތު ޕޭޖުތަކުންނާއި ގުރޫޕްތަކުން ފެންނަ ފޮޓޯއެއް ނުވަތަ ވީޑިއޯކޮޅަކަށް ބަލާލުމަށްފަހު، އޭގެ އަސްލު ހަޤީޤަތާއި އެކަން ހިނގި ސަބަބު ހޯދާލުމެއް ނެތި، އަވަސްއަވަހަށް ގޮތް ނިންމާލެވެއެވެ. އެއަށްފަހު، އެފަދަ ފޮޓޯތައް މީސްމީޑިއާގައި ދައުރުކޮށް، އެމީހަކާ ބެހޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަން ފަށައެވެ. ގިނަ ފަހަރަށް އެ ފޮޓޯއަކީ އެކަން ހިނގި ގޮތުގެ ވަރަށް ކުޑަ މިންވަރަކަށް ވެފައި، އޭގެ ފުރަގަހުގައި އޮންނަ އަސްލު ސަބަބު މުޅިން ތަފާތުވެއެވެ.

މިގޮތަށް ކަން ކުރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ފޮޓޯއިން ނުވަތަ ވީޑިއޯއިން ފެންނަ ފަރާތަށެވެ. އެމީހެއްގެ އެއްވެސް ކުށެއް ނެތި، މުޅި މުޖުތަމަޢުގެ ކުރިމަތީގައި އެމީހާގެ އަބުރު ކަތިލެވިގެން ދެއެވެ. މީސްމީޑިއާގައި ފެތުރޭ ޚަބަރުތަކަކީ ވަގުތީ އެއްޗަކަށް ވިޔަސް، އެމީހަކާ މެދު މީހުން ދެކޭ ގޮތް ބަދަލުވެ، ދާއިމީ ސިފައެއްގައި އެމީހާގެ ޝަޚުސިއްޔަތަށް ހުތުރު އަރައެވެ. އަދި އެމީހަކީ މުޖުތަމަޢު ބަލައިނުގަންނަ މީހެއްގެ ގޮތުގައި ކަނޑައެޅި، ނަފުސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދެނީ ކަމެއްގެ ހަޤީޤަތް ނޭނގި އޭގެ މައްޗަށް ގޮތް ނުނިންމުމަށެވެ. އަދި މީހުންގެ އަބުރާ ބެހުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ޒިންމާދާރު މީހަކަށް ވާން އެބަޖެހެއެވެ. މީސްމީޑިއާއިން ފެންނަ ކޮންމެ އެއްޗަކީ ތެދެއް ކަމަށް ޤަބޫލުކޮށް، އެކަން ފެތުރުމުގެ ބަދަލުގައި، އެކަމުގެ ހަޤީޤަތް ހޯދަން މަސައްކަތް ކުރަންޖެހެއެވެ. ހަޤީޤަތް ނޭނގޭ ނަމަ، އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެކަކު އަނެކަކަށް ފޮނުވައި ދައުރުކުރުމުން ދުރުހެލިވާންޖެހެއެވެ.

އަޅުގަނޑުމެންގެ ޢަމަލުތަކުގެ ސަބަބުން އަނެކާގެ ދިރިއުޅުން ބަރުބާދުވެގެން ދިޔަ ނުދޭށެވެ. މާ އަވަހަށް ގޮތް ނިންމުމުގެ ބަދަލުގައި، ކެތްތެރިވެ، ކަންކަމުގެ އަސްލު ބަލާ އިންސާފުވެރި ބަޔަކަށް ވަމާ ހިނގާށެވެ. ކަމުގެ ހަޤީޤަތް ބަލާނުލާ މީސްމީޑިއާގައި އެއްވެސް އެއްޗެއް ދައުރު ނުކުރުމަކީ އަޅުގަނޑުމެންގެ އަޚުލާޤީ ވާޖިބެކެވެ. މިއަދު އަނެކާއާ ދޭތެރޭ މިގޮތަށް ކަންތައް ކުރާއިރު، މާދަމާ ތިމާގެ އަބުރު ކަތިލެވިދާނެ ކަމަށް ވިސްނާލުން މުހިންމެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top