ޒުވާނުންގެ މެދުގައި ގޮހޮރާއި ފުރަގަސްފަރާތު ގޮހޮރުގެ (ކޮލޮރެކްޓަލް) ކެންސަރު ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމުގެ އިންޒާރު މާހިރުން ދެއްވައިފިއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ފުރަގަސްފަރާތުން ލޭ އައުމާއި، ބޮޑުކަމުދާ ތަކެއްޗަށް އަންނަ ބަދަލުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ގިނަ ފަހަރަށް ދޫކޮށްލެވެއެވެ. މީގެ ސަބަބުން ބަލި ދެނެގަނެވޭއިރު އޮންނަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
އެމެރިކާގެ ޒުވާނުންގެ މެދުގައި ގޮހޮރުގެ ކެންސަރަށްވުރެ ރެކްޓަލް ކެންސަރު (ފުރަގަސްފަރާތު ގޮހޮރުގެ ކެންސަރު) ޖެހިގެން މަރުވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ދާދިފަހުން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ. ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، ފަރުވާ ދިނުމުގެ ނިޒާމަށް ބޮޑު ބަދަލެއް ނުގެނެސްފިނަމަ މި ނިސްބަތް ދާނީ އިތުރަށް މަތިވަމުންނެވެ.
ޗިކާގޯގައި ބޭއްވުނު ‘ޑައިޖެސްޓިވް ޑިޒީޒް ވީކް 2026’ ގައި ހުށަހެޅި މި ދިރާސާގައިވާ ގޮތުން، އުމުރުން 20 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންގެ ތެރޭގައި ރެކްޓަލް ކެންސަރުގައި މަރުވާ ނިސްބަތް، ގޮހޮރުގެ ކެންސަރަށްވުރެ ދެގުނަ ނުވަތަ ތިންގުނަ ހަލުވިކަމާއެކު ދަނީ އިތުރުވަމުންނެވެ. އަދި އުމުރުން 35 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންގެ މެދުގައި މި ބަލީގައި މަރުވާ ނިސްބަތް 2035 ވަނަ އަހަރާ ހަމައަށް ދާނީ މަތިވަމުން ކަމަށް ލަފާކުރެވެއެވެ.
މި ދިރާސާގައި ސައިންސްވެރިން ވަނީ 1999 އިން 2023 އަށް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) ގެ މަރުގެ ރެކޯޑުތައް ތަހުލީލުކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދި މި ތަހުލީލުން ދެއްކި ގޮތުގައި، ހުރިހާ ދަރިކޮޅެއްގެ މީހުންގެ މެދުގައި ވެސް ގޮހޮރުގެ ކެންސަރާއި ރެކްޓަލް ކެންސަރުގެ މަރުގެ ނިސްބަތުގެ ފަރަގު ދަނީ ބޮޑުވަމުންނެވެ.
ޒުވާނުންގެ މެދުގައި ބަލި ދެނެގަތުން ލަސްވުމަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އުމުރުން ދުވަސްވީ މީހުން ބަލި އެނގޭތާ މަހެއްހާ ދުވަހުގެ ތެރޭގައި ފަރުވާ ފަށާއިރު، ޒުވާނުންނަށް ފަރުވާ ލިބުމުގައި އެވްރެޖްކޮށް ހަތް މަސް ދުވަހުގެ ލަސްވުމެއް އާދެއެވެ. މީގެ ސަބަބުން ބަލި ވަރަށް ބޮޑަށް ފެތުރި، ނުރައްކާ ބޮޑުވާ ހާލަތަށް ދެއެވެ.
ނިއުޔޯކްގެ އެޕިސްކޯޕަލް ހެލްތު ސަރވިސަސްގެ ސާޖަން، ޑރ. ރޭޗަލް ގޯޑަން ވިދާޅުވި ގޮތުގައި، ވަރަށް ހަގު އުމުރުގައި ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާއިރު، ބަލި ދެނެގަނެވޭއިރު ގިނަ ފަހަރަށް އޮންނަނީ ފަރުވާދޭން އުނދަގޫ މަރުހަލާއަކަށް ގޮސްފައެވެ.
ކޮލޮރެކްޓަލް ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
* ފުރަގަސްފަރާތުން ލޭ އައުން
* ބޮޑުކަމުދާ ތަކެއްޗަށް ނުވަތަ ބޮޑުކަމުދާ އާދަތަކަށް ބަދަލު އައުން
މިފަދަ އަލާމާތްތައް ފެނުމުން އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ފަރުވާކުޑަކުރުމަކީ ބަލި ދެނެގަތުން ލަސްވާ މައިގަނޑު ސަބަބެވެ. މީގެ އިތުރުން ކެއިންބުއިމުގެ އާދަތަކާއި ހަށިގަނޑުގެ ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކަށް އަންނަ ބަދަލުތަކަކީ ވެސް މިކަމުގައި ދައުރެއް އަދާކުރާ ކަންކަމެވެ.
ސައިންސްވެރިން ބާރުއަޅުއްވަނީ، ބަލީގެ ކުރީކޮޅު ސްކްރީން ކުރުމުގެ މުހިންމުކަމަށެވެ. އެއީ ގޮހޮރުގެ ކެންސަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރެކްޓަލް ކެންސަރު ކަމަށްވާތީ، ވަގުތުން ފިޔަވަޅު ނާޅައިފިނަމަ މި ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެތީއެވެ.
