ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓާޗާރިޔާ، އެކްޓަރު ޝާހް ރުކް ޚާނާ އެކު އޮތް ގުޅުން ހީނަރުވި ސަބަބު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
ނިދީ ވަސަންދާނީއާ އެކު ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އުމުރުން 67 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ، ގުޅުން ގޯސްވީ ޝާހް ރުކް ޚާންގެ އީގޯ އާއި އޭނާގެ އަމިއްލަ އިއްޒަތާ ހެދި ކަމަށެވެ. އެންމެ ބޮޑަށް ދެރަވީ، ކުށެއް ކަމަށް ދެކޭ ކަމަކަށް ފަހު ޝާހް ރުކް ޚާން އެކަން ބަލައިގެންފައި ނުވާތީ ކަމަށް ބަޓާޗާރިޔާ ބުންޏެވެ. “ތިޔައީ އެހާ ބޮޑު މީހެއް، އެކަމަކު މާފެއްވެސް ނެތް،” ‘ޗުންނަރީ ޗުންނަރީ’ގެ ލަވަކިޔުންތެރިޔާ ބުންޏެވެ. އެ ތަޖުރިބާގެ އަސަރު ދިގު މުއްދަތަކަށް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ޝާހް ރުކް ޚާންގެ ޕްރޮޖެކްޓްތަކާ ދުރުވީ ބޮޑާކަމަކުން ނޫން ކަމަށާއި އެއީ ޒާތީ މާޔޫސްކަމެއްގެ ސަބަބުން ކަމަށް ބަޓާޗާރިޔާ ސާފުކޮށްދިނެވެ. ޝާހް ރުކް ޚާންގެ ކުޑަކުޑަ ހެޔޮ އިޝާރާތަކުން ވެސް ދެ މީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލުވީސް ކަމަށް އޭނާ ބުންޏެވެ. އެ ހިތި ތަޖުރިބާއާ އެކުވެސް ސުލްހަވުމުގެ ފުރުސަތަށް އުންމީދުކުރާ ކަމަށާއި، ޝާހް ރުކް ޚާންގެ ސްކްރީން ޕާރސަނާއާ އެންމެ ގުޅޭ އަޑު ދެވޭނެ ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށް ބައޓާޗާރިޔާ ބުންޏެވެ.
މި ދެ ފަންނާނުންގެ ގުޅުމަކީ 1990ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު ވަރަށް ގާތް ގުޅުމެކެވެ. ‘މެ ކޮއޯ އޭސަ ގީތު’، ‘ތުމްހެ ޖޯ މައިނެ ދޭކާ’ އަދި ‘ބާދުޝާ އޯ ބާދުޝާ’ ފަދަ ލަވަތައް މި ޕާޓްނާޝިޕުން އުފެދުނެވެ. ނަމަވެސް 2009 ވަނަ އަހަރުގެ ފިލްމު “ބިއްލޫ” އަށް ފަހު ދެ މީހުންގެ މަސައްކަތުގެ ގުޅުން ނިމުމަކަށް އައީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
