އެފްއޭއެމުން އިންތިޒާމު ކޮށްގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ. މިއަދު ފެށި ނޯތު ރީޖަން ލީގު މެޗުން ޓީމު ހަނިމާދޫ މޮޅުވިއިރު، ސެންޓްރަލް ރީޖަން ލީގުގައި ހުރާ ކޮމިއުނިޓީ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު ވީ އެއްވަރެވެ.
ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗުން ޓީމު ހަނިމާދޫ މޮޅުވީ މަނަދޫއާ ވާދަކޮށް 5-0 އިންނެވެ. ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ހަނިމާދޫ ޓީމުގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. ކުރީ ހާފަށްވުރެ ބޮޑަށް އެޓޭކަށް އިސްކަން ދީގެން ކުޅެމުންދިޔަ ހަނިމާދޫން ލީޑު ނެގީ 57 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާލިމް އެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ މަނަދޫން މަސައްކަތް ކުރަމުން ދަނިކޮށް ހަނިމާދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހީ ނާއިލްއެވެ. މި ލަނޑު ޖެހިތާ ގިނައިރެއް ނުވެ ހަނިމާދޫގެ ޝިފާން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔަ މަނަދޫއަށް ލަނޑެއް ނުޖެހި އުޅެނިކޮށް ހަނިމާދޫގެ އާސިފް ވަނީ އެ ޓީމަށް އިތުރު ދެ ލަނޑު ޖަހައިދީފައެވެ.
މި ރީޖަންގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދިއްދޫ އެވެ.
ސެންޓްރަލް ރީޖަން ލީގުގައި ހުރާ ކޮމިއުނިޓީ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު އެތައް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.
މި ރީޖަންގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ދ. މީދޫ އެވެ.
ސައުތު ރީޖަންގައި މިއަދު ކުޅެން އޮތް މެޗު ވަނީ އެހެން ދުވަހަކަށް ބަދަލު ކޮށްފައެވެ. މި ރީޖަންގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުނަހަންދޫ އާއި ފޭދޫ އެވެ.
