ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިންތެޓިކް ކެމިކަލްތަކުން އިންސާނުންނާއި ޖަނަވާރުންގެ ދަރިފަނީ ނިޒާމަށް ނުރައްކާވަނީ

ޕެސްޓިސައިޑާއި ޕްލާސްޓިކާއި ތަޣައްޔަރުވުމާ ގުޅޭ ކެމިކަލްތަކުގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންގެ ދަރިމައިވުމުގެ ޤާބިލުކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ސައިންސްވެރިން އިންޒާރު ދީފިއެވެ.

ޓޮކްސިކޮލޮޖިސްޓުންނާއި ބަޔޮލޮޖިސްޓުންގެ ޓީމަކުން ހެދި އާ ދިރާސާއެއްގައި ބުނެފައިވަނީ ތަޣައްޔަރުކުރާ ތަފާތު މާއްދާތަކާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެއްވެ، ދަރިފަނި ނިޒާމާއި ދިރޭ ތަކެތީގެ ނަސްލާއި ސިއްހަތަށް ދުނިޔޭގެ ފެންވަރުގައި ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ދިރާސާ ޝާއިއުކޮށްފައިވަނީ “އެންޕީޖީ އިމާރޖިން ކޮންޓެމިނެންޓްސް” ޖާނަލްގައެވެ.

ފާއިތުވި ބައި ގަރުނުގެ ތެރޭގައި ދުނިޔޭގެ ވަލު ޖަނަވާރުންގެ އާބާދީ ތިންބައިކުޅަ ދެބައި ދަށްވެފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު އިންސާނުންގެ ދަރިމައިނުވުމުގެ ނިސްބަތްވެސް ފިރިހެނުންނާއި އަންހެނުންގެ މެދުގައި އިތުރުވަމުންދާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. މިހާރު ބާޒާރުގައި ހުރި ސިންތެޓިކް ކެމިކަލްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ކެމިކަލަކީ ހޯމޯންތަކާ އެއްގޮތް ގޮތަކަށް މަސައްކަތްކުރާ ނުވަތަ ހޯމޯންތައް ހުއްޓުވާ މާއްދާތައް ކަމަށް ދިރާސާގައިވެއެވެ. އަދި ހުރިހާ ސިންތެޓިކް ކެމިކަލްތަކުގެ ތެރެއިން އެންމެ އެއް ޕަސެންޓް ކެމިކަލަށް އެކަށީގެންވާ ރައްކާތެރިކަމުގެ ޓެސްޓުތައް ހެދިފައިވާ ކަމަށް ބައެއް އަންދާޒާތަކުން ދައްކާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

“އީކޯސިސްޓަމާއި އިންސާނުންގެ ސިއްހަތު ވަނީ ފުންކޮށް ގުޅިލާމެހިފައި. ހޫނު މިން އިތުރުވުމާއި، އޮކްސިޖަން މަދުވުމާއި، ކެމިކަލްތަކަށް ހުށަހެޅުން އެކުވެ، ދަރިފަނީ ނިޒާމަށް ކުރާ ބާރު ބޮޑުކުރޭ،” ދިރާސާގެ އިސް ލިޔުންތެރިޔާ، ޔުނިވާސިޓީ އޮފް އޮރެގޯންގެ އީކޯޓޮކްސިކޮލޮޖިސްޓް ސޫޒެން ބްރެންޑާ ލިޔުއްވާފައިވެއެވެ.

ޑީޑީޓީ ފަދަ ބައެއް ކެމިކަލްތަކުގެ ނޭދެވޭ އަސަރު ސާބިތުވެ، ބައިނަލްއަގުވާމީ ފެންވަރުގައި މަނާކުރެވިފައިވެއެވެ. ހަމައެއާއެކު “ފޮރެވާ ކެމިކަލްސް” ގެ ނަމުން މަޝްހޫރު ޕީއެފޭއެސް (ޕާ- އެންޑް ޕޮލީ-ފްލޮރޯއެލްކައިލް ސަބްސްޓެންސެސް) ވެސް އިންސާނުންގެ ދަރިމައިވުމުގެ ނިސްބަތް ދަށްކުރާ ކަމާ ގުޅުވައިލެވިފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި 1970ގެ އަހަރުތަކުން ފެށިގެން ބައެއް ކުންފުނިތަކަށް ޕީއެފޭއެސް ކެމިކަލްތައް އިންސާނުންނަށް ވިހައެއް ކަން އެނގުނު ނަމަވެސް، އެ މައުލޫމާތު އާންމުންނަށް ސިއްރުކުރި ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

މައިކްރޯޕްލާސްޓިކުގެ ނުރައްކަލާ ބެހޭ ގޮތުން ދިރާސާގެ ލިޔުންތެރިން ފާހަގަކޮށްފައިވަނީ “ޕްލާސްޓިކް ތަޣައްޔަރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ އަވަސް ކަމުން ހާމަވަނީ، ޕްލާސްޓިކް ތަޣައްޔަރުވުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމާއި، މުޅި ދުނިޔޭގެ ސިއްހީ ކާރިސާއެއް ކަން” ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top