އެޕަލްގެ 2026 ވަނަ އަހަރުގެ ވޯރލް ވައިޑް ޑިވެލޮޕާރސް ކޮންފަރެންސް (ޑަބްލިއު.ޑަބްލިއު.ޑީ.ސީ) ކީނޯޓްގައި، ޖޫން މަހުގެ 8 ވަނަ ދުވަހު އައި.އޯ.އެސް 27 އިފްތިތާޙު ކުރާނެ ކަމަށް ބެލެވޭއިރު، އައިފޯނަށް އަންނާނެ ކަމަށް ބެލެވޭ ގިނަ ބަދަލުތަކެއްގެ ވާހަކަ މިހާރުވެސް ދަނީ ދެކެވެމުންނެވެ.
މި އަޕްޑޭޓްގެ ފުރަތަމަ ޑިވެލޮޕަރ ބީޓާ ކީނޯޓަށްފަހު ވަގުތުން ލިބޭނެ ކަމަށް ބެލެވޭއިރު، ޕަބްލިކް ބީޓާ އާންމުކޮށް ލިބެން ފަށާނީ ޖުލައި މަހުގައެވެ. ބީޓާ ޓެސްޓިންގް ނިމުމުން، ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ސޮފްޓްވެއަރ އަޕްޑޭޓް އައިފޯން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ބްލޫމްބާގް އަދި ދި އިންފޮމޭޝަން ފަދަ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އޯ.އެސް 27 އާއެކު ތައާރަފްވާނެ ކަމަށް ބެލެވޭ މުހިންމު ފީޗާތަކަކީ:
ސިރީ އެޕްލިކޭޝަން
އައި.އޯ.އެސް 27، އައިޕެޑް އޯ.އެސް 27 އަދި މެކް އޯ.އެސް 27 އާއެކު، “އެކްސްޓެންޝަންސް” ފީޗާ ހިމެނޭ މުޅިން އައު ސިރީ އެޕެއް ތައާރަފްކުރުމަށް އެޕަލް އިން ރާވާފައިވާ ކަމަށްވެއެވެ. މި އެޕް މެދުވެރިކޮށް ލިޔުމުންނާއި އަޑުން ސިރީއާ މުޢާމަލާތް ކުރެވޭނެއެވެ. އަދި ކުރިން ކޮށްފައިވާ މުޢާމަލާތްތައް ބަލާލުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. މި އެޕް މަސައްކަތްކުރާނީ ޗެޓްޖީޕީޓީ ފަދަ ޗެޓްބޮޓްތަކާ އެއްގޮތް ބަހަވީ އުސޫލަކުންނެވެ.

މީގެ އިތުރުން، ޑައިނަމިކް އައިލެންޑްގައި ސިރީގެ އައު އިންޓަރފޭސްއެއް ފެންނާނެ ކަމަށްވެއެވެ. ސިރީ އެކްޓިވޭޓް ކުރުމުން “ސާޗް އޯ އާސްކް” (ހޯދާ ނުވަތަ އަހާ) ޖުމްލައާއެކު ދިއްލިފައިވާ ކާރސަރެއް ފެންނާނެއެވެ. އަދި މެއިލް އާއި މެސެޖްތަކުން މަޢުލޫމާތު ނަގައިގެން، މީހުންގެ ދަތުރުތަކާއި ކެއުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ސިރީއަށް ސުވާލުކުރެވޭ ފަދަ “ޕާސަނަލައިޒްޑް” ޚިދުމަތްތައްވެސް މިއަހަރު ލިބިގެންދާނެއެވެ.
ސެޓެލައިޓްގެ އައު ޚިދުމަތްތައް
އައި.އޯ.އެސް 27 އާއެކު 5G ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ޚިދުމަތް ލިބޭނީ އައު ސީ2 މޮޑެމް ހިމެނޭ އައިފޯން 18 ޕްރޯ، ޕްރޯ މެކްސް އަދި އަލްޓްރާ މޮޑެލްތަކަށް އެކަނި ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން ސެޓެލައިޓް މެދުވެރިކޮށް ލިބޭނެ އިތުރު ޚިދުމަތްތަކަކީ:
📱 ސެޓެލައިޓް މެދުވެރިކޮށް އެޕަލް މެޕްސް ބޭނުންކުރެވުން.
📱 ސެޓެލައިޓް މެދުވެރިކޮށް މެސެޖް އެޕުން ފޮޓޯ ފޮނުވުން.
📱 އެހެން އެޕްލިކޭޝަންތަކަށްވެސް އެޕަލްގެ ސެޓެލައިޓް ފީޗާ ބޭނުންކުރެވޭ ގޮތްވުން.
📱 އުޑާ ދިމާލަށް ފޯނު އަމާޒުނުކޮށްވެސް ސެޓެލައިޓާ ގުޅާލެވުން.

ބަގްތައް ރަނގަޅުކުރުމާއި ހަލުވިކަން
އައި.އޯ.އެސް 27 ބޮޑަށް އަމާޒުކުރާނީ ސޮފްޓްވެއަރގައި ހުންނަ މައްސަލަތައް (ބަގްސް) ހައްލުކުރުމަށާއި، ފޯނުގެ ހަލުވިކަމާއި ހަމަޖެހުން އިތުރުކުރުމަށެވެ. މީގެ އިތުރުން “ލިކުއިޑް ގްލާސް” ޑިޒައިންއަށް ބައެއް ކުރިއެރުންތައް ގެންނާނެ ކަމަށް ބެލެވެއެވެ.
އެހެނިހެން ފީޗާތައް
📱 އައު ކީބޯޑް: އޮޓޯކަރެކްޓް އިތުރަށް ފުރިހަމަކޮށް، ލިޔުމުގައި ހުންނަ ކުށްތައް ރަނގަޅުކޮށްދޭ “ގްރެމަރލީ” ފަދަ ފީޗާއެއް ހިމެނިދާނެއެވެ.
📱 ލިކުއިޑް ގްލާސް ސްލައިޑަރ: ފޯނުގެ އިންޓަރފޭސްގެ ފުސްކަން (އޮޕޭސިޓީ) ބޭނުންވާ މިންވަރަށް ބަދަލުކޮށްލެވޭނެ ސްލައިޑަރެއް މުޅި ސިސްޓަމްގައި ހިމެނިދާނެއެވެ.
📱 ވިޝުއަލް އިންޓެލިޖެންސް: ކާބޯތަކެތީގެ ނިއުޓްރިޝަން ލޭބަލްތައް ސްކޭންކޮށް ހެލްތު އެޕަށް މަޢުލޫމާތު އެއްކުރުމާއި، ކަރުދާހުގައި ހުންނަ ފޯނު ނަންބަރު ފަދަ ތަކެތި ސްކޭންކޮށް ކޮންޓެކްޓަށް އިތުރުކުރުމުގެ ޤާބިލުކަން ލިބޭނެއެވެ.
📱 ވޮލެޓް އެޕް: ފިިޒިކަލް ޓިކެޓްތަކާއި މެމްބަރޝިޕް ކާޑުތައް ސްކޭންކޮށްގެން ޑިޖިޓަލް ކޮށްލެވޭނެއެވެ.
- ސަފާރީ އެޕް: ޓެބް ގްރޫޕްތަކުގައި ހުންނަ މަޢުލޫމާތަށް ބަލައި، އެ ގްރޫޕްތަކަށް އޮޓޯއިން ނަން ދެވޭނެއެވެ.
މި އަޕްޑޭޓް ސަޕޯޓްކުރާނެ އައިފޯން މޮޑެލްތައް

އައި.އޯ.އެސް 27 ސަޕޯޓްކުރާނީ އައިފޯން 12 އާއި އޭގެ ފަހުގެ މޮޑެލްތަކަށެވެ. މީގެ މާނައަކީ އައިފޯން 11، އައިފޯން 11 ޕްރޯ، ޕްރޯ މެކްސް އަދި އައިފޯން އެސް.އީ (2 ވަނަ ޖެނެރޭޝަން) އަށް މި އަޕްޑޭޓެއް ނުލިބޭނެއެވެ. ނަމަވެސް، މި ފޯނުތަކަށް ކުރިއަށް އޮތް މަދު އަހަރުތަކެއްގައި ސެކިއުރިޓީ އަޕްޑޭޓްތައް ލިބެމުންދާނެއެވެ.
އައި.އޯ.އެސް 27 ގައި ހިމެނޭ “އެޕަލް އިންޓެލިޖެންސް”ގެ އައު ފީޗާތައް ބޭނުންކުރުމަށްޓަކައި މަދުވެގެން އައިފޯން 15 ޕްރޯ އެއް ނުވަތަ އޭގެ ފަހުގެ ފޯނެއް ބޭނުންވާނެއެވެ.
