ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީޤީގެ ކުރިއަށް އޮތް ފިލްމު “މޭ އެކްޓަރ ނެހީ ހޫން” އަންނަ މެއި މަހުގެ 8 ވަނަ ދުވަހު ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވެއްޖެއެވެ.
މި ފިލްމަކީ އެންމެ 1.5 ކްރޯޑް ރުޕީސްގެ ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް، މިއީ ވަރަށް އުންމީދީ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ބޮޑެތި ސިޓީތައް ކަމަށްވާ ދިއްލީ، މުމްބާއީ، ބެންގަލޫރު އަދި ޕޫނޭ ހިމެނޭހެން 100 އެއްހާ ތިއޭޓަރުގައި މި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ކުޑަ ބަޖެޓަކުން އުފައްދައި މިހާ ގިނަ ތިއޭޓަރުތަކެއްގައި ފިލްމު ދެއްކުމަކީ މި ފިލްމުގެ ވާހަކަ އާއި އުފެއްދުންތެރިކަމަށް އޮތް އިތުބާރު ހާމަވާ ކަމެކެވެ.
“މޭ އެކްޓަރ ނެހީ ހޫން” ބިނާވެފައިވަނީ އެކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ރިޓަޔަރޑް ބޭންކަރެއްގެ މައްޗަށެވެ. މި ރޯލުން ފެނިގެންދާނީ ނަވާޒުއްދީން ސިއްދީޤީއެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ނަވާޒުއްދީންގެ އިތުރުން ޗިތުރަންގަޅާ ސިންގް، ނަވީން ކަސްތޫރިއާ، އަޔޫޝީ ގުޕްތާ އަދި ޔާސިރު އިފްތިޚާރު ޚާން ފަދަ ހުނަރުވެރި ތަރިން ފެނިގެންދާނެއެވެ.
މި ފިލްމުގެ މަންޒަރުތައް މައިގަނޑު ގޮތެއްގައި ނަގާފައިވަނީ ޖަރުމަނުގެ ފްރޭންކްފާޓްގައާއި އިންޑިއާގެ މުމްބާއީގައެވެ. ފްރޭންކްފާޓްގައި މަންޒަރުތައް ނަގާފައިވަނީ ވަރަށް މަދު ކުރޫއަކާއެކުގައެވެ. މީގެ އިތުރުން، ފިލްމު އުފެއްދުމުގައި ތަފާތު އަދި އާދަޔާ ޚިލާފު އުކުޅެއް ބޭނުންކޮށްފައިވެއެވެ. އެގޮތުން، ވީޑިއޯ ކޯލް މެދުވެރިކޮށް އެކްޓަރުން ވަގުތުން މަންޒަރުތައް ކުޅެދީފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓްކުރީ އަދިތުޔާ ކްރިޕަލާނީއެވެ. ޕްރޮޑިއުސްކުރީ މުމްބާ ދޭވީ މޯޝަން ޕިކްޗާރސް އާއި ސައިޑް ހީރޯ އެންޓަޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކުޑައިގެ ދަށުން އަދިތުޔާ ކްރިޕަލާނީ، ޝްވޭތާ ޗަބްރިއާ ކްރިޕަލާނީ، ފާއިޒުއްދީން ސިއްދީޤީ އަދި ނަވާޒުއްދީން ސިއްދީޤީ ގުޅިގެންނެވެ.
ނަވާޒުއްދީން ސިއްދީޤީ މި ފަހަކަށް އައިސް އަންނަނީ ތަފާތު އެކި ރޯލުތަކުން ބެލުންތެރިންނާ ބައްދަލުކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޯޓީޓީގައި ރިލީޒްކުރި “ރާތު އަކޭލީ ހޭ: ދަ ބަންސަލް މާޑަރސް” އާއި، މިދިޔަ އަހަރުގެ މެއި 1 ގައި ރިލީޒްކުރި ކްރައިމް ޑްރާމާ “ކޮސްޓާއޯ” އިން އޭނާގެ މޮޅު އެކްޓިންގ ވަނީ ފެނިގެން ގޮސްފައެވެ.
މީގެ އިތުރުން މިއަހަރުވެސް ނަވާޒުއްދީންގެ ގިނަ ފިލްމުތަކެއް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލާފައިވާ “ނޫރާނީ ޗެހެރާ” އާއި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ދެ ފިލްމު ކަމަށްވާ “ސެކްޝަން 108” އަދި “ސަންގީން” ހިމެނެއެވެ.
