އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި ހއ. ދިއްދޫ ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ އެއްވަނައިގަ ހަމަޖެހިލައިފިއެވެ.
ކުޅުނު ފުރަތަމަ މެޗުން މޮޅުވި ޓީމް ހަނިމާދޫ އާއި ދިއްދޫ ބައްދަލުކުރި މެޗު ވެގެން ދިޔައީ ފޯރިގަދަ، ވާދަވެރިކަން ބޮޑު މެޗަކަށެވެ. ކުޅުނު ފުރަތަމަ މެޗުން ދިއްދޫ ވެސް މޮޅުވެފައި އޮތުމުން މި މެޗު ވެގެން ދިޔައީ ގުރޫޕްގެ އެއްވަނަ ހޯދުމަށް ދެ ޓީމު ވެސް ކުރިމަތިލި މެޗަކަށެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ދިއްދޫ އެޓޭކިން ގޭމެއް ކުޅުނުއިރު، ހަނިމާދޫން ބޮޑަށް އިސްކަންދިނީ ޑިފެންސަށެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ދިއްދޫން ޖެހީ 16 ވަނަ މިނިޓްގައެވެ. ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވުނު ޑީޖޭ މި ލަނޑު ޖަހައިދިނީ ހަނިމާދޫ އޭރިޔާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ހަނިމާދޫން މަސައްކަތް ކުރަމުން ދިޔައިރު، އިތުރު ލަނޑެއް ޖެހޭތޯ ދިއްދޫން ދިޔައީ މަސައްކަތް ކުރަމުންނެވެ. ދެ ޓީމަށް ވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ދިއްދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށުމާއިއެކު، ލަނޑެއް ޖެހުމަށް ހަނިމާދޫން ކުރަމުން އައި މަސައްކަތް އިތުރުކުރި ނަމަވެސް، ދެން ވެސް ފެނުނީ ދިއްދޫގެ ލަނޑެކެވެ. ވެހެމުންދިޔަ ބޯ ވާރެއާއެކު ދެވަނަ ހާފުގެ ބޮޑުބައި ކުޅެން ޖެހުނުއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒިމިޔަންއެވެ. ދިއްދޫ ކުޅުންތެރިއަކު މަތިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޒިމިޔަން ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.
މެޗުގެ ފަހުކޮޅު ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ދިއްދޫ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއިރު، ދެ ޓީމުގެ އެހެން ދެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ވެސް ދައްކާފައެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ހަނިމާދޫން އެ ޓީމުގެ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅުއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނޫރުﷲ ޠާހާއެވެ. ދިއްދޫ އޭރިޔާ ބޭރުން ހަނިމާދޫއަށް ލިބުނު ފްރީކިކް ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން ދިއްދޫ ކުޅުންތެރިން ދިފާއު ކުރި ވަގުތު، ނޫރުﷲ އަށް ލިބުނު ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ އެއްފަހަރުންނެވެ.
މި ރީޖަންގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުށްޓާއި މަނަދޫ އެވެ.
