ފާތުން އޭނާގެ އަތުކުރީ ގަޑިއަށް ބަލައިލީ އެދުވަހު ސަތޭކަވަނަ ފަހަރަށް ކަމަށް ވެދާނެއެވެ. ވަށައިގެންވާ މޮނިޓަރުތަކުން އިވޭ އަޑުތަކަށްވުރެ، ގަޑީގެ ސިކުންތު ކަށީގެ އަޑު އޭނާގެ ކަންފަތުގައި މާ ބާރަށް ގުގުމަމުން ދިޔައެވެ. އެއީ ހޮސްޕިޓަލުގެ ފާރުތަކުގެ ބޭރުގައި އޭނާއަށް އިންތިޒާރު ކުރަމުންދާ މަސްއޫލިއްޔަތުތަކުގެ މަތިން ހަނދާންކޮށްދޭ ފަދަ އަޑެކެވެ. ނަމަވެސް، ވަރުބަލިވެފައިވާ އޭނާގެ ފައިތިލަ ހަރަކާތްކުރަމުން ދިޔައީ ނުހަނު ސާބިތުކަމާއެކުގައެވެ.
ބަލި މީހަކާ ގާތްވާ ކޮންމެ ފަހަރަކު، ބުރަކަށީގައި އަޅަމުންދާ ރިހުމަށް ބެލުމެއްނެތި ހަށިގަނޑު ސީދާކޮށްލައެވެ. ކަަންކަމުގައި އަހުލުވެރިވެފައިވާ އެ އޯގާތެރި ދެއަތުން، ޑްރިޕްތައް ރަނގަޅުކޮށް، ބަލި މީހުންނަށް ހިތްހަމަޖެހުން ހޯދައިދީ، ނޯޓުތައް ލިޔެ، ހިނިތުންވުމަކާއެކު އެންމެނަށް ހިތްވަރު ދެމުން ދިޔައެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ.
އޭނާއަކީ ނަރުހެކެވެ. ނަމަވެސް އެއީ އޭނާގެ ހަމަ އެކަނި މައްސޫލިޔަތެއް ނޫނެވެ.
އިރުގެ ފުރަތަމަ ދޯދިތަކުން އުޑުމަތި އަލިވުމުގެ މާކުރިން އޭނާގެ ދުވަސް ފެށެއެވެ. އޭނާގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ގޭތެރޭގައި ފާތުން އުޅެމުން ދަނީ ހަލުވި ދުވެއްޔެއްގައެވެ. ލޯތްބާއެކު ކުދިންގެ ކެއުން ތައްޔާރުކޮށް، ކިޔެވުމުގެ ކަންކަން ބަލައި، ހަނދާންކޮށްދީ، ދުވަސްވީ މަންމަގެ ބޭސްތައް ބަރާބަރަށް ހުރިތޯ ނަގައިތޯ ބަލައި، ދުވާލުގެ ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ދެމުންދާއިރު، އަމިއްލަ ނަފުސަށް ހުސްކޮށްލާނެ އެންމެ ސިކުންތެއްވެސް އޭނާއަކަށް ނުލިބެއެވެ. ބޯން ހެދި ސައިތަށިވެސް ހަނދާން ނެތި ފިނިވެފައި ހުންނައިރު، އެއީ އޭނާ އެއްވެސް ޖެހިލުމެއްނެތި އާއިލާއަށްޓަކައި ޤުރުބާންކުރާ އެތައް ވަގުތެއްގެ ކުޑަ މިންވަރެކެވެ.
ވަޒީފާއަށް ދެވޭއިރު އޭނާ އޮންނަނީ ދުވަހުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމާފައެވެ. އެހެންނަމަވެސް، މަޑުޖެހިލާނެ ނުވަތަ ފުން ނޭވާއެއްލާނެ ފުރުސަތެއް ނޯވެއެވެ. ހޮސްޕިޓަލުގެ މަސައްކަތްތައް ހުންނަނީ އޭނާގެ ފުރިހަމަ ސަމާލުކަމަށް ބޭނުންވެފައެވެ. ބަލި މީހުންނަށް ބޭނުންވަނީ ހަމައެކަނި އޭނާގެ ހުނަރެއް ނޫނެވެ؛ އެމީހުން ބޭނުންވަނީ އޭނާގެ އޯގާތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރެވެ. މި ސިފަތަކަކީ އޭނާގެ ކިބައިގައި އެހާ ފުރިހަމައަށް ހުންނަ ސިފަތަކަކަށް ވުމުން، އެކަމަށްޓަކައި ފާތުން އުފުލާ ތަކުލީފު ގިނަ މީހުންނަށް އިޙުސާސެއް ނުކުރެވެއެވެ.
އެހެންވިޔަސް، ބައެއް މީހުންގެ ކުރިމަތީގައި އޭނާ ކުރާ ކަންކަން މަދުވެފައި ފުރިހަމައެއް ނުވެއެވެ. ދަރިއަކު ބަލިވުމުން ނުވަތަ އެހީތެރިކަމަށް ބޭނުންވެފައިވާ މައިންބަފައިންގެ ސަބަބުން ވަޒީފާއަށް ކުޑަކޮށް ލަސްވިޔަސް، މަލާމާތުގެ ބަސްތަކާއި ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއެވެ. އާއިލީ ކަމެއް ދިމާވެގެން ޗުއްޓީއަކަށް އެދުނަސް، އެކަން ބަލައިގަންނަނީ ވަޒީފާއަށް ދޭ ސަމާލުކަން ކުޑަވުން ކަމުގައެވެ. އޭނާ ނުނިދާ ހޭދަކުރާ ރޭތަކާއި، ހާސްވާ ވަގުތުތަކުގައި ކުރާ ދުޢާތަކެއް އެކަކަށްވެސް ނުފެނެއެވެ. މަސައްކަތުގައާއި ގޭގައިވެސް “ފުރިހަމަ ނުވެވިދާނެ” ކަމުގެ ބިރުވެރިކަން ހިޔަންޏެއް ފަދައިން ފާތުންގެ ފަހަތުން ދުވާއިރު، ފާތުން އެދަނީ އޭނާގެ ގައިގައި ހުރި ހުރިހާ ހަކަތައެއް ހުސްކުރަމުންނެވެ.
ދުވަސް ނިމެމުންދާއިރު ހަށިގަނޑު ބަރުވެ، ވަރުބަލިކަން އިތުރުވަމުން ދިޔަސް، ފާތުންގެ ހިތް، ހިތްވަރު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ އެހީއަށް ބޭނުންވެފައިވާ އެތައް ބަލި މީހުންނެއް ތިބުމުން، އަމިއްލަ ނަފުސުގެ ހަކަތަ ހުސްވިޔަސް އޭނާ ކުރިއަށްދެއެވެ. ނަމަވެސް ޑިއުޓީ ނިމުމަކީ އޭނާގެ މަސައްކަތް ނިމުމެއް ނޫނެވެ.
ގެއަށްދާ މަގުމަތީގައި ބާޒާރުކޮށް، ރޭގަނޑުގެ ކެއުން ރާވައި، ޚަރަދުތައް ހަމަޖައްސަމުން ދާއިރު ފާތުންގެ ސިކުނޑިއަށް އަރާމެއް ނުލިބެއެވެ. ގެއަށް ވަދެވުމާއެކު އަނެއްކާވެސް އާ މަސްއޫލިއްޔަތުތަކެއް އޭނާއާ ކުރިމަތިވެއެވެ. ކެއްކުމާއި، ސާފުކުރުމާއި، ކުދިންގެ ފިލާވަޅުތައް ބެލުމާއި، މަންމަގެ ކަންކަމާއި ފިރިމީހާގެ ބޭނުންތައް ފުއްދައިދިނުމެވެ. ގޭގެ ކޮންމެ ދިމާލަކުން އިވެނީ އޭނާގެ ނަމެވެ. އެންމެންވެސް އޭނާގެ ފަރާތުން ކަމަކަށް ބޭނުންވެއެވެ. ނަމަވެސް އޭނާގެ ހާލަކީ ކޮބައިތޯ އަހާލާނެ މީހަކު ވަރަށް ނުފެނެއެވެ.
“ފާތުން، މިކަން ކޮށްދީބަލަ..”
“ފާތުން، އެކަން ކުރިންތަ؟” “ފާތުން..”
އޭނާގެ ނަން މުޅި ގޭތެރޭގައި ގުގުމަމުންދާއިރު، އޭނާ އަޑުއަހަން ބޭނުންވާ ސުވާލު އޮންނަނީ ނުކުރެވިފައެވެ. އެއީ “ހާލު ކިހިނެއް ހެއްޔެވެ؟” މި ސުވާލެވެ.
ލަސްވެފައިވާ ރޭގަނޑުގެ ވަގުތެއްގައި، މުޅި ދުނިޔެ ހިމޭންވެ، ގޭތެރެއަށް އަމާންކަން ވެރިވުމުން ފާތުން އިށީނދެލައެވެ. ވަރުބަލިކަމުން ހަށިގަނޑު ހަރަކާތްކުރަންވެސް ދަތިވެފައިވާއިރު، އޭނާގެ އަތަށް ބަލައިލައެވެ. އެއީ އެތައް ބައެއްގެ ވޭނާއި ތަދު ފިލުވައިދީ، ބީރައްޓެހިންނަށް ހިތްހަމަޖެހުން ހޯދައިދީ، އަމިއްލަ އާއިލާއަށް އަޅާލި ދެއަތެވެ. އެއްވެސް ބަދަލަކަށް އެދުމެއްނެތި ދުވަހުން ދުވަހަށް ޤުރުބާންވި ދެއަތެވެ.
އެ ހިމޭން ވަގުތުކޮޅުގައި، ފާތުންގެ ހިތުގައި ހުރި ހުރިހާ އިޙުސާސްތަކެއް ބޭރުކޮށްލައެވެ. ވަރުބަލިކަމާއި، ބުނެދޭން ނޭނގޭ ހިތްދަތިކަމާއި، މީހުންނަށް ނުފެނިދާ ޤުރުބާނީތަކުގެ ބަރުދަނެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ފާޅުވަނީ ނުހަނު ވަރުގަދަ ސިފައެކެވެ. އެއީ “ހިތްވަރު” ގަދަކަމެވެ.
އެއީ ކޮންމެ ގޮންޖެހުމަކާއި، އުންމީދަކާއި، ޤުރުބާނީއެއްގެ ތެރެއިން އޭނާ ކުރިއަށް ގެންގޮސްދޭ ސާބިތު ހިތްވަރެވެ. އެއީ އެކަން ފަސޭހަވެގެނެއް ނޫނެވެ. އެކަމަކު އޭނާ ކުރާ ކަންކަމަކީ މުހިންމު ކަންކަން ކަމަށްވާތީއެވެ. އޭނާ ލޯބިވާ މީހުންނާއި، އޭނާގެ އެހީތެރިކަން ލިބޭ މީހުންގެ ދިރިއުޅުން އޭނާއަށް ބަރޯސާވެފައިވާތީއެވެ. ގޭގައާއި ވަޒީފާގައި އޭނާ ކުރާ މަސައްކަތަކީ ބަަހުން ބުނެދޭން ނޭނގޭ ފަދަ މަތިވެރި އަގުހުރި މަސައްކަތެއްކަން އޭނާގެ ހިތް ޤަބޫލުކުރެއެވެ.
އަނެއް ދުވަހަށް ތައްޔާރުވަމުންދާއިރު، ދުނިޔެއަށް ނުފެންނަ ހަޤީޤަތެއް ފާތުން ޤަބޫލުކުރެއެވެ. އޭނާ ފަދަ އަންހެނުންނަކީ ހަމައެކަނި ޒިންމާތަކެއް އަދާކުރާ ބައެއް ނޫނެވެ. އެއީ ކެތްތެރިކަމާއި ލޯތްބާއެކު މުޅި އާއިލާއާއި މުޖުތަމަޢު ބަދަހިކޮށްދޭ ބިންގަލެވެ.
އޭނާގެ ވަޒީފާއަކީ ނަރުހަކަށް ވެދާނެއެވެ. އޭނާގެ ދައުރަކީ މައެއް، ދަރިއެއް، އަނތްބެއް ނުވަތަ އެކުވެރިއަކަށް ވެދާނެއެވެ. ނަމަވެސް އޭނާއަކީ ހަމައެކަނި ނަމެއް ނޫނެވެ. އޭނާއަކީ އާއިލާގެ ފަހަތުގައިވާ ބާރެވެ. ބީރައްޓެހިންގެ ރިހުމަށް ހުރި ހިތްހަމަޖެހުމެވެ. އަދި އޯގާތެރިކަމާއެކު އިންސާނިއްޔަތުކަން ގުޅުވައިދޭ ހިމޭން ބާރެވެ.
މި މަގުން ހިނގާ، ވަރުބަލިވިޔަސް ހުއްޓުމެއްނެތި މަސައްކަތްކުރާ، އަދި އަމިއްލަ ހިތާމަތައް ހިފަހައްޓައިގެން ތިބެ އެހެން މީހުންނަށް ޝިފާ ހޯދައިދޭ ކޮންމެ ނަރުހަކަށް ދަންނަވަމެވެ. ތިޔަބޭފުޅުންގެ މަސައްކަތް ފެނެއެވެ. ތިޔަބޭފުޅުންގެ އަގު ވަޒަންކުރެވެއެވެ. އަދި ތިޔަ ކުރައްވާ މަތިވެރި ޚިދުމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ތިޔަބޭފުޅުންގެ ހިތްވަރަކީ އާދަޔާ ޚިލާފު އެއްޗެކެވެ. ތިޔަބޭފުޅުންގެ އޯގާތެރިކަމަކީ ބާރެކެވެ. އަދި ތިޔަބޭފުޅުންގެ ޤުރުބާނީތަކަކީ ބަހުން ބުނެދެވޭނެ ކަންކަމަށްވުރެ މާ މަތިވެރި ކަންކަމެވެ.
ހުރިހާ ނަރުހުންނަށް އުފާވެރި “ނަރުހުންގެ ދުވަހަކަށް” އެދެމެވެ. ތިޔަބޭފުޅުންގެ މަޤާމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމާއި، ތިޔަބޭފުޅުންގެ ދައުރަކީ ކޮންމެ ދުވަހަކު އެތައް ބައެއްގެ ދިރިއުޅުން އުޖާލާކޮށްދޭ މަތިވެރި ޚިދުމަތެއްކަން އަބަދުވެސް ހަނދާން ބަހައްޓަވާށެވެ.
(ނިމުނީ)
