އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ރުބީނާ ދިލައިކް، އޭނާގެ ކެރިއަރުގެ ކުރީކޮޅު ފިލްމީ ދާއިރާގެ ތެރެއިން ކުރިމަތިލާން ޖެހުނު ބަދުބަަސްތަކާއި ތަފާތުކުރުންތަކުގެ ވާހަކަ ފުރަތަމަ ފަހަރަށް ހިއްސާކޮށްފިއެވެ.
“ސްކްރީން” އަށް ދީފައިވާ ޚާއްސަ އިންޓަވިއުއެއްގައި، “ޗޯޓީ ބަހޫ” އާއި “ބިގް ބޮސް 14” ކާމިޔާބުކޮށް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ރުބީނާ ބުނީ، އޭނާގެ ސިފައާ ގުޅޭގޮތުން މީހުން ދެއްކި ވާހަކަތަކުގެ ސަބަބުން އަމިއްލަ ނަފުސަށް އޮތް އިތުބާރު އެ ދުވަސްވަރު ވަރަށް ބޮޑަށް ކުޑަވި ކަމަށެވެ.
ރުބީނާ ކިޔައިދިން ގޮތުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ދާއިރާއަށް ނުކުތްއިރު ހަށިގަނޑުގައި “ބޭބީ ފެޓް” ހުރުމުގެ ސަބަބުން މީހުން އޭނާއަށް “ހިމާޗަލީ ސޭބު” (ހިމާޗަލްގެ އާފަލު) ގެ ނަމުން ގޮވައި މަލާމާތް ކުރިއެވެ. އަދި އޭރު ދަތްތަކުގައި ބްރޭސަސް ޖަހާފައި ހުރުމުން، އޭނާގެ ސިފައާ މެދު އޭނާ އަމިއްލައަށްވެސް ސުވާލު އުފެދުނު ކަމަށް އޭނާ ބުންޏެވެ.
މި އިންޓަވިއުގައި ރުބީނާ ވަނީ ޑައިރެކްޓަރެއްގެ ފަރާތުން ލިބުނު ވަރަށް ހިތްދަތި ފާޑުކިޔުމެއްގެ ވާހަކަވެސް ހިއްސާކޮށްފައެވެ.
“އެއް ފަހަރަކު ޑައިރެކްޓަރަކު ބުނި އަހަރެންގެ މޫނު ފެންނަނީ ވަރަށް ނެގެޓިވްކޮށްނޭ. އެހެންވީމާ ކުޅެންވާނީ ނުބައިބައި (ނެގެޓިވް) ރޯލުތަކޭ. ޕޮޒިޓިވް ރޯލަކުން ނުވަތަ ލީޑު ރޯލަކަށް އެއްވެސް މީހަކު އަހަރެން ނުނަގާނެ ކަމަށް އޭނާ ބުނި.” ރުބީނާ ކިޔައިދިނެވެ.
ނަމަވެސް، ވަގުތާއެކު އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެ، ކޮންމެ މީހަކީވެސް ތަފާތު ސިފަތަކެއް ހުންނާނެ މީހެއްކަން ޤަބޫލުކުރެވުނު ކަމަށް ރުބީނާ ބުންޏެވެ. ދާދި ފަހުން އެއްމާބަނޑު ދެ އަންހެން ކުދިން ކަމަށްވާ އެދާ އާއި ޖީވާ ލިބުނު ރުބީނާ ފާހަގަކުރި ގޮތުގައި، އަމިއްލަ ސިފަ ޤަބޫލުކުރުމަކީ އޭނާގެ ދަރިންނަށްޓަކައިވެސް އޭނާ ދަސްކުރަންޖެހޭ މުހިންމު ފިލާވަޅެކެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ރުބީނާ ދެން އެންމެ އަވަހަށް ފެންނާނީ ރިއަލިޓީ ޝޯ “ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަނުންނެވެ. މި ޝޯގައި އޭނާއާއެކު ޖޭސްމިން ބަސިންވެސް ބައިވެރިވާއިރު، ކުރީގެ ދެބަސްވުންތަކަށްފަހު މިހާރު ދެމީހުންގެ މެދުގައި އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށް ރުބީނާ ވަނީ ހާމަކޮށްފައެވެ.
