ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަހިބަދޫ ބަލިކޮށް ކުޑަހުވަދޫ ތިންވަނައަށް ޖެހިލައިފި!
ފޮޓޯ: ދ. ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖް

އެފްއޭއެމްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގުގައި، މަހިބަދޫ ދަނޑުގައި މަހިބަދޫ ބަލިކޮށް ކުޑަހުވަދޫ މި ރީޖަންގެ ތިންވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު މަހިބަދޫ ދަނޑުގައި ކުޅެވުނު މި މެޗަކީ މި ރީޖަންގެ 8 ވަނަ މެޗެވެ. އަދި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އޮތީ ކުޑަހުވަދޫ ދަނޑުގައެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މަހިބަދޫން ކިކްއޮފް ކުރި މި މެޗުގެ ފުރަތަމަކޮޅު ރަނގަޅަށް ކުޅުނީ ކުޑަހުވަދޫންނެވެ. މެޗުގެ ފުރަތަމަ ފުރުސަތު ހޯދީ ވެސް ކުޑަހުވަދޫންނެވެ. މަޑުމަޑުން މެޗުގެ ތެރެއަށް ވަން މަހިބަދޫން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކުޑަހުވަދޫންނެވެ. 12 ވަނަ މިނިޓްގައި ކުޑަހުވަދޫން ޖެހި މި ލަނޑަކީ އެ ޓީމުގެ ކުޅުންތެރިއަކު މަހިބަދޫ ޓީމުގެ އޭރިޔާ ބޭރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު ޝަރްފަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ވެސް ކުޑަހުވަދޫން ވަނީ ނުރައްކާތެރި ފުރުސަތެއް ތަނަވަސްކޮށްފައެވެ. ގޯލު ކުރިމަތީ ހުސްކޮށް ހުރެ ކުޑަހުވަދޫ ކުޅުންތެރިޔާ މިފަހަރު ފޮނުވާލި ބޯޅައިގައި މާބޮޑު ބާރެއް ނެތެވެ. މި ބޯޅަ މަހިބަދޫ ކީޕަރު ޖަޒްލާން ވަނީ ހިފައިފައެވެ.

15 ވަނަ މިނިޓްގައި މަހިބަދޫން ވެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. މަހިބަދޫއަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، މަހިބަދޫ ކުޅުންތެރިއަކު ހުސްކޮށް ގޯލު ކުރިމަތީ ހުރެ ފޮނުވާލި ނަމަވެސް ކުޑަހުވަދޫގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތު ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗު މަހިބަދޫން އެއްވަރު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މަހިބަދޫން އުފެއްދި ހަމަލާއެއް ދިފާއުކުރަން ނުކުތް ކުޑަހުވަދޫ ކީޕަރަށް ބޯޅަ ނުލިބި ގޯލާއި ދިމާއަށް ދިޔަ ވަގުތު ކުޑަހުވަދޫ ކުޅުންތެރިއަކު ދިފާއުކުރި ނަމަވެސް، ދެން ވެސް ލިބުނީ މަހިބަދޫ ކުޅުންތެރިއަކަށެވެ. އޭރިޔާގެ އަރިމަތީ ހުރި މަހިބަދޫ ޓީމުގެ އަޙްމަދު ސިޔާހް އެ ބޯޅަ މަތިމަތިން ގޯލުގެ ތެރެއަށް ފޮނުވާލިއިރު ގޯލު އޮތީ ހުސްކޮށެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ފުރަތަމަކޮޅު ރަނގަޅަށް ކުޅުނީ ކުޑަހުވަދޫންނެވެ. ދިހަވަރަކަށް މިނިޓަށްފަހު މަހިބަދޫން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ގާތްގާތުގައި ލިބުނު ދެ ފުރުސަތެއް ބޭނުން ނުކުރެވި ދިޔަ ނަމަވެސް، 58 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި މަހިބަދޫން ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މަހިބަދޫ ކުޅުންތެރިއަކު ތިރިތިރިން އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ހޯދައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މުޙައްމަދު ހާޖިދު ޝަހީމް އެވެ.
ދެވަނަ ލަނޑު ޖަހައި، ހަމަޖެހިނުލެވިގެން އުޅެނިކޮށް ކުޑަހުވަދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 60 ވަނަ މިނިޓްގައި ކުޑަހުވަދޫއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ޝަރްފަން އެވެ.

ދެވަނަ ފަހަރަށް ކުޑަހުވަދޫން މި މެޗުގެ ލީޑު ނެގީ 76 ވަނަ މިނިޓްގައެވެ. ކުޑަހުވަދޫ ކުޅުންތެރިއަކު އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު، ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ޒިހާން ހުސެއިން އެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ކުޑަހުވަދޫ ވަނީ ތިންވަނައަށް ޖެހިލައިފައެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 18 ވަނަ ދުވަހުއެވެ. އެދުވަހު ހުރާ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ހުރާ އާއި މަހިބަދޫ ބައްދަލުކުރާއިރު ކުޑަހުވަދޫ ދަނޑުގައި ބައްދަލު ކުރާނީ ކުޑަހުވަދޫ އާއި މީދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top