ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން، 1990 ގެ އަހަރުތަކުގައި އިންޑިއާގެ މީޑިއާ އާއި ފިލްމީ މަޖައްލާތަކުން ގެންގުޅުނު “ވިހަ” ސަގާފަތާ ބެހޭގޮތުން ފާޅުގައި ވާހަކަދައްކައިފިއެވެ.
މި ފަހުން ދިން އިންޓަވިއުއެއްގައި ރަވީނާ ބުނެފައިވަނީ، އެ ދުވަސްވަރުގެ މީޑިއާތަކުން މީހުންގެ އަބުރާ ބެހުމާއި، ދޮގު ވާހަކަތައް ފެތުރުމަކީ އާންމު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަކީ ދުވަހަކުވެސް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރަވީނާ ކިޔައިދިން ގޮތުގައި، އެ ޒަމާނުގައި ފިލްމީ މަޖައްލާތަކުން ޚަބަރުތައް ފަތުރަނީ އެއްވެސް ބެލުމެއް ނެތި، ހަމައެކަނި މަޖައްލާގެ ވިޔަފާރި ކުރިއެރުވުމަށެވެ.
“އޭރު ލިޔާ ލިޔުންތަކުގެ ސަބަބުން މީހާގެ ދިރިއުޅުމާއި، އަބުރާއި، ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ގެއްލުމަކަށް އެ މީހުން ބަލައެއް ނުލާ. އެ ލިބުނު ގެއްލުމަކީ ލިބި ނިމިފައިވާ އެއްޗެއް، އެއީ އަނބުރާ ހޯދޭނެ އެއްޗެއް ނޫން،” ރަވީނާ ބުންޏެވެ.
މީގެ އިތުރުން ރަވީނާ ފާހަގަކުރީ، އޭރުގެ މީޑިއާތަކުން އަންހެން ފަންނާނުންނަށް އަމާޒުކޮށް ކުރި މަލާމާތާއި އިހާނެތި ބަސްތަކުގެ ސަބަބުން ގިނަ ބައެއްގެ ކެރިއަރަށާއި އަމިއްލަ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް މިހާރުގެ ސޯޝަލް މީޑިއާގެ ސަބަބުން، ފަންނާނުންނަށް އަމިއްލައަށް ކަންކަން ސާފުކޮށްދިނުމުގެ ފުރުސަތު އޮންނަކަމީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ރަވީނާ ޓަންޑަންއަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދާލި އެއް ތަރިއެވެ. އެހެންނަމަވެސް، އެ ދުވަސްވަރު އޭނާއާ ބެހޭގޮތުން ވެސް ގިނަ ދޮގު ޚަބަރުތަކެއް ފެތުރިފައިވާކަން އޭނާ ހިތާމައާއެކު ފާހަގަކުރިއެވެ. މި ވާހަކަތަކުން އެނގިގެންދަނީ އޭރުގެ މީޑިއާ ސަގާފަތް އޮތް ހަރުކަށި މިންވަރާއި، އޭގެ ސަބަބުން ފަންނާނުން އުފުލި ތަކުލީފުތަކެވެ.
