މިހާރު ކުރިޔަށްދާ ރާއްޖެ ޖޫނިއާރ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ބައިގެ ސެމީ ފައިނަލް ދެ މެޗު މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭ މިނީ ސްޕޯރޓްސް ކޮމްޕްލެކްސްގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު 14:45 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ކަލާފާނު ސްކޫލެވެ.
ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާފުށީ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.
ސެމީ ފައިނަލަށް ޓީމްތައް ދަތުރުކޮށްފައިވާ ގޮތަށް ބަލައިލާއިރު، ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ އދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ކުއާޓާރ ފައިނަލްގެ ޖާގަ ހޯދި އދ. އަތޮޅު ތަޢުލީމީ މަރުކަޒު، ކުއާރޓާރ ފައިނަލް މެޗު ވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކުއެވެ. އިމާދުއްދީން ސްކޫލާއި އދ. އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލުކުރި މި މެޗު އދ. އަތޮޅު ތަޢުލީމީ މަރުކަޒު ކާމިޔާބުކުރީ 4-0 އިންނެވެ.
މާފުށީ ސްކޫލަކީ ސެމީ ފައިނަލްގެ ޖާގަ ހޯދި ދެވަނަ ޓީމެވެ. މާފުށި ސްކޫލަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. އެ ޓީމު ވަނީ ގްރޫޕް ސްޓޭޖްގައި އެ ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ކުއާޓާރ ފައިނަލްގައި މާފުށީ ސްކޫލާއި ބައްދަލުކުރީ މަޖީދިއްޔާ ސްކޫލެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު މާފުށީ ސްކޫލުން ކާމިޔާބުކުރީ 2-1 އިންނެވެ.
ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގުޅި ސްކޫލާއި ކަލާފާނު ސްކޫލެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައނަލަށް ދަތުރުކުރި ކަލާފާނު ސްކޫލާއި، އެ ގުރޫޕްގެ ތިންވަނަ ހޯދި ގުޅި ސްކޫލް ބައްދަލުކުރި ކުއާޓާރ ފައިނަލް މެޗު، ކަލާފާނު ސްކޫލުން ކާމިޔާބު ކުރީ 2-0 އިންނެވެ.
ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ހޯދި ޓީމަކީ ދަރުމަވަންތަ ސްކޫލެވެ. ދަރުމަވަންތަ ސްކޫލަކީ ގުރޫޕް އީގެ އެއްވަނައެވެ. ގުރޫޕް ސްޓޭޖްގައި ދަރުމަވަންތަ ސްކޫލް ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗުން މޮޅުވިއިރު، ތިންވަނަ މެޗު ވީ އެއްވަރެވެ. ކުއާޓާރ ފައިނަލްގައި ދަރުމަވަންތަ ސްކޫލާއި ބައްދަލުކުރި އިސްކަންދަރު ސްކޫލަކީ އެ ގުރޫޕްގެ ދެވަނަ ޓީމެވެ. އެ ޓީމަށް ދެވަނަ ލިބެނީ ދަރުމަވަންތަ ސްކޫލާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލު ދަރުމަވަންތަ ސްކޫލަށްވުރެ މަދުވުމުންނެވެ. ދަރުމަވަންތަ ސްކޫލް ސެމީ ފައިނަލުން ޖާގަ ހޯދީ 4-1 އިން ކަލާފާނު ސްކޫލް ކައިރިން މޮޅުވެގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
