އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ޕްރީތަމް، އޭނާގެ އާ ފިލްމު ‘ކޮކްޓެއިލް 2’ ގެ ‘މާޝޫގާ’ ލަވަ ކޮޕީކޮށްފައިވާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ރަސްމީކޮށް ރައްދުދީ، ހަނުހުރުން މުގުރާލައިފިއެވެ.
މި މައްސަލަ ހޫނުވީ، ދާދި ފަހުން ރިލީޒްކުރި ‘މާޝޫގާ’ ލަވައާއި އެހެން މަޝްހޫރު މިއުޒިކް ޓްރެކަކާ ދެމެދު އާދަޔާ ހިލާފު އެއްގޮތްކަމެއް ހުރިކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކޮށް، ޕްރީތަމްއަށް ފާޑުކިޔަން ފެށުމުންނެވެ. މީގެ ކުރިން ވެސް ޕްރީތަމްގެ މައްޗަށް އެކި ފަހަރުމަތިން މިއުޒިކް ކޮޕީކުރުމުގެ ނުވަތަ “ޕްލޭޖިއަރިޒަމް”ގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ޕްރީތަމް ބުނެފައިވަނީ، އޭނާ އެއްވެސް މީހެއްގެ އުފެއްދުމެއް ވަގަށް ނަގާފައި ނުވާނެ ކަމަށެވެ. އޭނާ ހާމަކުރި ގޮތުގައި، އެ ލަވައިގައި ބޭނުންކޮށްފައިވާ މިއުޒިކްގެ މެލޮޑީ ނުވަތަ ބައެއް ބައިތަކަކީ އޭގެ އަސްލު އުފެއްދުންތެރިންގެ އަތުން ގާނޫނީ ހަމަތަކުގެ މަތިން ރަސްމީކޮށް “ރައިޓްސް” ގަނެގެން ބޭނުންކޮށްފައިވާ ތަކެއްޗެވެ. އެހެންކަމުން، އެއީ ވައްކަމެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ޕްރީތަމް އިތުރަށް ބުނީ، މިއުޒިކް އިންޑަސްޓްރީގައި ކުރީގެ މަޝްހޫރު ރާގުތައް ރަސްމީ ހުއްދައާއެކު އައުކޮށްގެން ބޭނުންކުރުމަކީ އާންމު ކަމެއް ކަމަށާއި، މި ފަހަރު ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
މި މައްސަލައިގައި ޕްރީތަމް މިފަދަ ސާފު ބަހުން ޖަވާބު ދީފައި މިވަނީ، އޭނާގެ އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ‘މާޝޫގާ’ ލަވައަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުންދާ ލަވައެކެވެ.
