ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކީ ކަނާތްތެރިންނަށް ވާންޖެހޭ ސަބަބާ ބެހޭގޮތުން ސައިންސްވެރިން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުމެއް އައިސް، އޭގެ ފަހަތުގައިވާ ސިއްރުތައް ހޯދިއްޖެ ކަމަށް ދިރާސާވެރިން ބުނެފިއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ މެކްސް ޕްލާންކް އިންސްޓިޓިއުޓް ފޯ ފިޒިއޮލިންގުއިސްޓިކްސްގެ ސައިންސްވެރިން ހާމަކުރި ގޮތުގައި، އިންސާނުން ކަނާތްތެރި ނުވަތަ ވައަތްތެރިވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އިންސާނާގެ ޖީންސް ނުވަތަ ވާރުތަވާ ސިފަތަކެވެ. ޚާއްޞަކޮށް “TUBB4B” (ޓީޔޫބީބީ4ބީ) ނަމަކަށް ކިޔާ ޖީންއެއްގައި ހުންނަ ބަދަލުތަކެއްގެ ސަބަބުން އިންސާނާ ބޭނުންކުރާނީ ކޮން އަތެއްކަން ކަނޑައެޅުމުގައި އެހީތެރިވެދޭކަން މި ހޯދުމުން ވަނީ އެނގިފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަކީ ކަނާތްތެރިންނެވެ. ބާކީ 10 އިންސައްތަ މީހުންނަކީ ވައަތްތެރިންނެވެ. މި ތަފާތު އުފެދެނީ މައިމީހާގެ ބަނޑުގައި ކުއްޖާ އުފެދި ބޮޑުވަމުން އަންނައިރު، ސިކުނޑީގެ ދެފަރާތް ތަފާތު ގޮތްގޮތަށް ތަރައްޤީވުމުގެ ސަބަބުންނެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ އިނގިރޭސިވިލާތުގެ “ޔޫކޭ ބަޔޯބޭންކް” ގައި ހުރި 350،000 އަށްވުރެ ގިނަ މީހުންގެ ޖެނެޓިކް މައުލޫމާތެވެ.
މި ހޯދުމުގެ ސަބަބުން އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތާއި، ސިކުނޑީގެ ވާތްފަރާތާއި ކަނާތްފަރާތް ތަފާތު ވަޒީފާތަކަށް ޚާއްޞަވާ ގޮތް އިތުރަށް ދެނެގަނެވޭނެއެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި، މި ޖީންތަކަކީ ސިލިއާ ނުވަތަ ސެލްތަކުގެ ބޭރުގައި ހުންނަ ކުދި އިސްތަށިތަކެއް ފަދަ އުފެދުންތަކާ ގުޅުންހުރި އެއްޗެކެވެ. މިއީ ސިކުނޑީގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
މި ދިރާސާއަކީ އިންސާނާގެ ހަށިގަނޑުގެ ނިޒާމުތައް ރޭވިފައިވާ ގޮތާއި، މާތްﷲ އިންސާނާ އުފައްދަވާފައިވާ ފުރިހަމަ ފަރުމާ ދެނެގަތުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ދެކެއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބައެއް ބަލިތަކާއި އުނިކަންތައްތައް ދެނެގަތުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
