ލެބޯޓްރީގައި އުފައްދާ މަސް (ލެބް ގްރައުން މީޓް) ރަސްމީކޮށް މަނާކުރި ފުރަތަމަ ޤައުމަކަށް އިޓަލީ ވެއްޖެއެވެ. މި ނިންމުމާއެކު، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އައު އީޖާދުތަކާއި އަދި ސަގާފީ އާދަކާދަތަކާމެދު މުޅި ދުނިޔޭގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.
2024 ވަނަ އަހަރު އަމަލުކުރަން ފެށި މި ޤާނޫނުގެ ދަށުން، ލެބޯޓްރީގައި އުފައްދާ މަސް ތައްޔާރުކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ. އިޓަލީގެ އެގްރިކަލްޗަރ މިނިސްޓަރ ފްރާންސެސްކޯ ލޮލޯބްރިޖިޑާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ އެ ޤައުމުގެ ކާބޯތަކެތީގެ ތާރީޚީ ތަރިކައާއި، ދަނޑުވެރިކަމުގެ ދާއިރާ އަދި އާންމު ސިއްޙަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެކެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރިމަތިވާނެއެވެ.
މި ނިންމުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އަނެއް ސަބަބަކީ، ބިލް ގޭޓްސް ފަދަ މަހުޖަނުން މިފަދަ އީޖާދުތަކަށް އިންވެސްޓް ކުރަމުންދިއުމެވެ. އިޓަލީގެ ސިޔާސަތާ މިކަމާ ސީދާ ގުޅުމެއް ނެތް ނަމަވެސް، ބިލިއަނަރުންގެ މަދަދު ލިބޭ ކާބޯތަކެތީގެ ޓެކްނޮލޮޖީތަކުން މުޖުތަމަޢަށް ކުރާނެ ނުފޫޒާ މެދު އިންޓަނެޓްގައި ދަނީ ބަހުސް ކުރެވެމުންނެވެ.
ލެބޯޓްރީގައި އުފައްދާ މަހަކީ ކޮބާ؟
މިއީ ޖަނަވާރުން ދިރުވައި އާލާކޮށް، ކަތިލުމުގެ ބަދަލުގައި، ޖަނަވާރުގެ ސެލް ބޭނުންކޮށްގެން ލެބޯޓްރީއެއްގެ ތެރޭގައި އުފައްދާ އަސްލު މަހެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސް އުފެއްދޭނެ ވަސީލަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ދިވެހިންނަށް ނޭނގި މިފަދަ މަސް ކެވުމުގެ ފުރުސަތު އެބައޮތްތަ؟
ނެތެވެ. ލެބޯޓްރީގައި އުފައްދާ މަސް ބޭނުންކުރުމުގެ ހުއްދަ މިހާތަނަށް ދީފައިވަނީ އެމެރިކާ އަދި ސިންގަޕޫރު ފަދަ މަދު ޤައުމުތަކެއްގައެވެ. އަދި މިފަދަ ތަކެތި ވިއްކާއިރު އެއީ ކޮން އެއްޗެއްކަން އެނގޭނޭހެން ލޭބަލް ޖަހަން ޖެހެއެވެ. ދިވެހިރާއްޖޭގައި މިފަދަ މަސް ވިއްކުމުގެ ހުއްދަ ދީފައި ނުވާތީއާއި، ރާއްޖޭގެ ބާޒާރުން މިއަދާ ހަމައަށް މިފަދަ ތަކެތި ލިބެން ނެތުމުން، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ނޭނގި މިފަދަ މަސް ކެވުމުގެ ފުރުސަތެއް ނެތެވެ.
މީގައި ހުރި ނުރައްކާތަކަކީ ކޮބާ؟
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މިކަމާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރަން ޖެހެއެވެ. މީގެ ސަބަބުން ސިއްޙަތަށް ކުރާނެ ދިގު މުއްދަތުގެ އަސަރުތައް ނޭނގުމާއި، މިފަދަ މަސް އުފެއްދުމުގައި ގިނަ މަރުހަލާތަކެއް ކަނޑަތުކުރަން ޖެހުމާއި، އަދި މިކަން ރެގިއުލޭޓްކުރުމުގައި ހުރި ދަތިތަކަކީ ކަންބޮޑުވުންތަކެވެ. އެހެންނަމަވެސް، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ އިން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ އާބާދީ އިތުރުވަމުންދާއިރު ކާބޯތަކެތީގެ ބޭނުން ފުއްދުމަށް މިފަދަ އައު ގޮތްތައް އެހީތެރިވެދީފާނެއެވެ.
އިޓަލީގެ މި ނިންމުމާއެކު، ސަގާފީ ކާބޯތަކެތީގެ ނިޒާމު ހިމާޔަތްކުރުމާއި، ދުނިޔޭގެ ކެއުމުގެ އާދަކާދައަށް ބޮޑު ބަދަލެއް ގެނެސްފާނެ އައު ޓެކްނޮލޮޖީތައް ބަލައިގަތުމާމެދު އުފެދިފައިވާ ބޮޑު ބަހުސްގެ މަރުކަޒަކަށް އެ ޤައުމު މިވަނީ ވެފައެވެ.
