ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ ރޫޙް – ނަހާސްކީރާއްޖެ

އެއީ 2024 ވަނަ އަހަރުގެ ހުކުރު ވިލޭރޭގެ ވަގުތެވެ. މާލޭގެ ކުދި ގޯޅިތަކުގެ ތެރޭގައި ހުރި ކެފޭއެއްގެ ތެރޭގައި ހަތަރު ރަހުމަތްތެރިން ތިބީ ވަރަށް މަޖާ މާހައުލެއްގައެވެ. ޒުބޭރު، ޒަޔާން، ހަނާ އަދި ޝިޔާ އަކީ ކުޑައިރުއްސުރެ އެކުގައި އުޅެމުން އަންނަ ގާތް ރަހުމަތްތެރިންނެވެ.

“މިރޭ މާލެ މާ ބޮޑަށް ތޮއްޖެހިފައި އޮތްހެން ހީވަނީ،” ޒުބޭރު އޭނާގެ ކަޅު ކޮފީ ތަށިން އެތިފޮދެއް ބޯލަމުން ބުންޏެވެ. “ހިނގާބަލަ ހުޅުމާލެއަށް ބުރުޖަހާލަން ދާން. މިހާރު އެކޮޅު ފޭސް 2ގެ މަގުތައް ވަރަށް ހިތްގައިމުވާނެ.”

ޒަޔާން ވަގުތުން އެކަމަށް ތާއީދުކުރިއެވެ. “އާނ! އަހަރެންގެ އާ ކާރުގައި އަދި އެކޮޅަށް ދަތުރެއް ނުދެވޭ. މިއީ ރަނގަޅު ވަގުތެއް.”

ހަނާއާއި ޝިޔާވެސް މިކަމާ އެއްބަސްވިއެވެ. އެމީހުން ކެފޭއިން ނުކުމެ، ޒަޔާންގެ އާ ކާރަށް އަރައި ސިނަމާލެ ބްރިޖާ ދިމާލަށް މިސްރާބު ޖެހިއެވެ. ބްރިޖު މަތީގައި ޖަހާފައިވާ ރީދޫ ކުލައިގެ ބޮކިތަކުގެ އަލި ކަނޑުގެ ރާޅުތަކުގެ މައްޗަށް އެޅިފައިވާއިރު، މުޅި މަންޒަރު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ، މި އުފާވެރި ދަތުރު ބިރުވެރި ހުވަފެނަކަށް ބަދަލުވާން ކުޑަވަގުތުކޮޅެއް އޮތްކަމެވެ.

ހުޅުމާލެއަށް ވަދެވުމާއެކު، ފޭސް 1ގެ ހަލަބޮލިކަން ފަހަތަށް ޖައްސާލާފައި އެމީހުން ދިޔައީ ފޭސް 2 އާ ދިމާލަށެވެ. ފޭސް 2 އަށް ވަދެވުމާއެކު މާހައުލު މުޅިން ބަދަލުވިއެވެ. މާސިންގާ އުސް ޓަވަރުތައް ފިޔަވައި އިމާރާތްތައް މަދުވެފައި، މަގުތަކުގައި ދުއްވާ އެއްޗެހި ނެތުމުގެ ސަބަބުން މުޅި ސަރަހައްދު އޮތީ ހަމަހިމޭންކަމުގެ ތެރޭގައެވެ. މަގުބޮކިތަކުގެ އަލި ފަނޑުވެފައިވާއިރު، ދުރުން ފެންނަނީ ހިޔަނިތަކެއް ފަދަ ބޮޑެތި ގަސްތަކެވެ.

“މިހާ ހިސާބު މާ ބޮޑަށް ހަމަހިމޭން ދޯ؟” ޝިޔާ ކުޑަކޮށް ޖެހިލުންވެފައި އިނދެ ބުންޏެވެ. “އަހަރެން އަޑުއެހިން މިކޮޅު ފަޅު މަގުތަކުގައި ބައެއް ކަހަލަ އާދަޔާ ހިލާފު ކަންތައްތައް ހިނގާވާހަކަ.”

“އޭ ޝިޔާ! ތިއީ ހުސް ފުލޯކު ވާހަކަ،” ޒަޔާން ހީނލާފައި ބުންޏެވެ. “މި ޒަމާނުގައި ކޮން ޖިންނި ޝައިތާނެއް؟ ތިއީ މީހުން ހަދައިގެން އުޅޭ ވާހަކަ.”

އެ ވަގުތު ކުއްލިއަކަށް ކާރުގެ ރޭޑިއޯއިން އަންނަމުންދިޔަ ލަވަ މެދުކެނޑި، ކުރަކި އަޑެއް އިވެން ފެށިއެވެ. ޒަޔާން ރޭޑިއޯ ނިއްވާލަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. ހަމައެއާއެކު، ކާރުގެ އޭސީގެ ފިނިމިން އާދަޔާ ހިލާފަށް ގަދަވެ، ކާރުގެ އެތެރޭގައި ދުންފިންޏެއް ފަދަ ފިނިކަމެއް އުފެދުނެވެ.

“ޒަޔާން، ކާރު މަޑުކޮށްބަލަ!” ހަނާ ހަޅޭއްލަވައިގަތެވެ. “ކުރިމަތީގައި އެހެރީ ކޮން އެއްޗެއް؟”

ކާރުގެ ހެޑްލައިޓުގެ އަލިން ފެންނަން ހުރީ މަގުގެ މެދުގައި ހުއްޓިގެން ހުރި ހުދު ހެދުމެއްލައިގެން ހުރި އަންހެނެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ފެތުރިފައެވެ. ޒަޔާން ވަގުތުން ބުރެކި ޖެއްސިއެވެ. ކާރު ހުއްޓުނީ އެ އަންހެންމީހާއާ މާ ދުރު ނޫން ހިސާބަކަށެވެ.

“ކާކު އެއީ؟” ޒުބޭރު ދޮރު ހުޅުވާލާފައި ބޭރަށް ބޯދިއްކޮށްލިއެވެ. “މިހާރު ކޮބާ އޭނަ؟”

އެންމެން ބަލައިލިއިރު މަގުމަތީގައި އެއްވެސް މީހަކު ނެތެވެ. މުޅި ސަރަހައްދު ވަނީ ހުސްކޮށެވެ. ވައިރޯޅިއެއްގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ.

“އަހަރެންނަށް ޔަގީން އެތާ މީހަކު ހުރިކަން،” ހަނާ ތުރުތުރުލާ އަޑަކުން ބުންޏެވެ. “ޒަޔާން، އަވަހަށް މިތަނުން ދާން އުޅޭ.”

ޒަޔާން ކާރު އިސްޓާޓު ކުރަން އުޅުނެވެ. ނަމަވެސް ކާރު އިސްޓާޓެއް ނުވިއެވެ. “މިއީ ކިހިނެއް ވާކަމެއް؟ މިއީ މުޅިން އާ ކާރެއް!” ޒަޔާން ހާސްވެފައި ބުންޏެވެ.

މި ވަގުތު ކާރުގެ ފަހަތު ބިއްލޫރިގަނޑުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. އެންމެން އެއްފަހަރާ ފަހަތަށް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ބިއްލޫރިގަނޑުގައި އަތްތިލައެއްގެ ނިޝާން ހުއްޓެވެ. އެއީ އާދައިގެ އަތްތިލައެއް ނޫނެވެ. އޭގެ އިނގިލިތައް އާދަޔާ ހިލާފަށް ދިގުވެފައި، ނިޝާން ހުރީ ކަޅު ކުލައިގެ ކޮންމެވެސް މާއްދާއަކުންނެވެ.

“ޒުބޭރު، ކޮންމެވެސް އެއްޗެއް ކިޔަވަބަލަ!” ޝިޔާ ރޮމުން ބުންޏެވެ. “އަހަރެމެންނަށް މި އުޅެވެނީ ރަނގަޅު ތަނެއްގައެއް ނޫން.”

ޒުބޭރު ކުރުސި ކިޔަވަން ފެށިއެވެ. އޭނާ ކިޔަވަން ފެށުމާއެކު، ކާރުގެ ވަށައިގެން ބާރު ވަޔެއް ޖެހެން ފެށިއެވެ. ކާރު ހީވަނީ ފުރޮޅާލަފާނެ ހެންނެވެ. ކުއްލިއަކަށް ކާރުގެ ކުރިމަތީ ބިއްލޫރިގަނޑަށް މީހަކު ވެއްޓުނެވެ. އެއީ ކުރިން ފެނުނު އަންހެންމީހާއެވެ. އޭނާގެ މޫނު ހުރީ ކުނިވެ، ލޯ ހުރީ ރަތްވެފައެވެ. އޭނާގެ އަނގަ ހުޅުވާލައި ބާރު ހަޅޭކެއްގެ އަޑު އިވުނެވެ. އެ އަޑަކީ އިންސާނެއްގެ އަޑެއް ނޫނެވެ.

ޒަޔާން ބިރުން ގޮސް އަނެއްކާވެސް ތަޅުދަނޑި އަނބުރާލިއެވެ. މިފަހަރު ކާރު އިސްޓާޓުވިއެވެ. އޭނާ ވަގުތުން ފަހަތަށް ގިއަރު ލާފައި ކާރު ދުއްވާލިއެވެ. ނަމަވެސް ކާރު ދުވަނީ ވަރަށް ބަރުކޮށެވެ. ހީވަނީ ކާރުގެ މަތީގައި ނުވަތަ ފަހަތުގައި ވަރަށް ބަރު އެއްޗެއް އޮތް ހެންނެވެ.

“ޒަޔާން! މަޑުނުކުރާތި! ދުއްވާ!” ޒުބޭރު ހަޅޭއްލަވައިގަތެވެ.

އެމީހުން ފޭސް 1 އާ ދިމާލަށް ދުއްވަމުން ދިޔައިރު، މަގުގެ ދެފަރާތުގައި ހުރި ގަސްތަކުގެ ތެރެއިން އެ އަންހެންމީހާ އެމީހުންނާ އެއްވަރަކަށް ދުވަމުންދާ ތަން ފެނެއެވެ. އޭނާ ދުވަނީ އިންސާނުން ދުވާ ގޮތަކަށް ނޫނެވެ. ހީވަނީ ވަޔާ އެކު އުދުހެނީ ހެންނެވެ.

ފޭސް 1 ގެ އަލިގަދަ ސަރަހައްދަށް ވަދެވުމާއެކު، އެ ހުރިހާ ބިރުވެރިކަމެއް ކުއްލިއަކަށް ފިލައިގެން ދިޔައެވެ. ރޭޑިއޯއިން އަނެއްކާވެސް ލަވަ އިވެން ފެށިއެވެ. އޭސީގެ ފިނިކަން އާދައިގެ ވަރަކަށް ބަދަލުވިއެވެ. ޒަޔާން ކާރު މަޑުކޮށްލީ މީހުން ގިނަ ކެފޭއެއްގެ ކުރިމައްޗަށެވެ.

އެންމެން ތިބީ މާނޭވާލެވިފައެވެ. އެކަކު އަނެކަކަށް ބަލައިލީ ބިރުން ފިތްކަނޑައިގެން ގޮސްފައިވާ ހާލުގައެވެ.

“އަހަރެމެން މިއަދު ސަލާމަތްމިވީ ހަމަ ކިރިޔާ،” ޒަޔާން ދަލުން ފޯވެފައި ހުރެ ބުންޏެވެ.

“ބަލާބަލަ!” ޝިޔާ އިޝާރާތް ކުރީ ކާރުގެ ފަހަތު ސީޓަށެވެ. އެންމެންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. ހަނާއާއި ޝިޔާ އިށީނދެގެން ތިބި ފަހަތު ސީޓުގެ މެދުގައި އޮތީ ތެތްވެފައިވާ، ކަޅުކުލައިގެ ދިގު އިސްތަށިގަނޑެކެވެ. އަދި ސީޓުގެ މަތީގައި ފެންނަން ހުރީ ކަޅުކުލައިގެ ހިރަފުހާއި ފެން އެކުވެފައިވާ ފަދަ ނިޝާންތަކެކެވެ. އެއީ އިންސާނެއްގެ އަތްތިލައަށްވުރެ މާ ބޮޑު، ތިން އިނގިލީގެ ނިޝާނެކެވެ.

“މިއީ… މިއީ ކިހިނެއްވީ ކަމެއް؟” ހަނާގެ އަޑު ނުކުތީ ކިރިޔާއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. “އަހަރެމެން އެކަކުވެސް ކާރުން ބޭރަކަށް ނުފަައިބަމެއްނު؟”

ޒަޔާން ތުރުތުރުލާ އަތަކުން ކާރުގެ އެތެރޭގެ ބޮކި ދިއްލާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އެންމެންގެ ލޭ ގަނޑުވި ކަހަލައެވެ. ކާރުގެ ފަހަތު ބިއްލޫރިގަނޑުގެ އެތެރޭގައި، “ސަލާމަތްކުރޭ” މި ލަފުޒު ލޭގެ ކުލައިން ލިޔެފައި ހުއްޓެވެ. ނަމަވެސް އެއީ ތާޒާ ލެޔެއް ނޫނެވެ. އެއީ ވަރަށް ކުރީގެ، ކުނިވެފައިވާ އެއްޗެއްގެ ވަހެވެ.

“އަވަހަށް ކާރުން ފައިބާ!” ޒުބޭރު ހަޅޭއްލަވައިގަންނަމުން ދޮރު ހުޅުވާލިއެވެ.

އެންމެން އެކަކު އަނެކަކަށް އެހީވަމުން ކާރުން ފޭބިއެވެ. ހުޅުމާލޭގެ އެންމެ ހަލަބޮލި އެއް މަގު ކަމުގައިވާ ނިރޮޅުމަގުގައި ތިބިއިރުވެސް، އެމީހުންނަށް އިހުސާސް ކުރެވެމުން ދިޔައީ ކޮންމެވެސް ނުފެންނަ ބާރެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވާ ކަމެވެ. ކައިރީގައި ހުރި ކެފޭތަކުން އިވޭ މީހުންގެ އަޑުތަކާއި، މަގުމަތިން ދުއްވާ ސައިކަލުތަކުގެ އަޑުތަކުންވެސް އެމީހުންގެ ހިތުގެ ބިރުވެރިކަމަކަށް ލުޔެއް ނުލިބުނެވެ.

“އަހަރެން މި ކާރުގައި ދެން ނުދުއްވާނަން،” ޒަޔާން ބުންޏެވެ. އޭނާ ހުރީ ކާރާ ދުރަށް ޖެހިފައެވެ. “އަހަރެންގެ އުމުރުގައިވެސް މިކަހަލަ ކަމެއް ނުދެކެން. އެއީ ހަމަ ހަގީގަތެއް. އެ ފެނުނީ އިންސާނެއް ނޫން.”

ޒުބޭރު މަޑުމަޑުން ކާރުގެ ވަށައިގެން ބަލާލިއެވެ. ކާރުގެ ބޭރުގައި، ފަހަތު ފުރޮޅާ ދިމާލުން ބޮޑު ރެނދެއްލާފައި ހުއްޓެވެ. ހީވަނީ ވަރަށް ވަރުގަދަ އެއްޗަކުން ކާރުގައި ހިފަހައްޓާފައި ހުރި ހެންނެވެ.

“ހިނގާ މިތަނާ ކައިރީގައި ހުރި މިސްކިތަށް ދާން،” ޒުބޭރު ހިޔާލު ދިނެވެ. “އަހަރެމެންނަށް މި ކުރިމަތިވީ އާދައިގެ ކަމެއް ނޫން. މިއީ ރޫހާނީ ކަމެއް.”

އެމީހުން މަޑުމަޑުން ހިނގާފައި ގޮސް ހުޅުމާލޭ ވަށް މިސްކިތާ ދިމާލަށް ދިޔައެވެ. މިސްކިތުގެ މާހައުލަށް ވަދެވުމާއެކު، ހަނާއާއި ޝިޔާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. މިސްކިތުގެ ގޯތިތެރޭގައި ތިބެގެން ޒުބޭރު އޭނާގެ ބޭބެއަށް ގުޅިއެވެ. އޭނާގެ ބޭބެއަކީ ދީނީ ކަންކަމަށް ލޯބިކުރާ، އަދި މިފަދަ ކަންކަމުގެ ކުޑަ ތަޖުރިބާއެއް ހުރި މީހެކެވެ.

“ބޭބޭ، އަހަރެމެންނަށް މިރޭ ވަރަށް ބިރުވެރި ކަމަކާ ދިމާވެއްޖެ،” ޒުބޭރު ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ފޯނުގެ އަނެއްކޮޅުން ބޭބެ ބުންޏެވެ. “ޒުބޭރު، ތިޔަ ސަރަހައްދަކީ ކުރިން ފަޅެއްގެ ގޮތުގައި އޮތް އިރުވެސް ބައެއް ކަހަލަ ވާހަކަތައް ދެކެވޭ ތަނެއް. ހާއްސަކޮށް ފޭސް 2 ގެ ބައެއް ސަރަހައްދުތަކަކީ އަދި މީހުން އާބާދުނުވާ، އަދި ކުރީގެ ސަރަހައްދުތައް. ކަލޭމެންނަށް ފެނުނު ކަންތައްތަކަކީ ހަމައެކަނި ބިރުގަންނަވަން ދެއްކި ކަމަކަށްވެސް ވެދާނެ. އެކަމަކު ސަމާލުވާންވާނެ.”

ބޭބެގެ ނަސޭހަތާއެކު، އެމީހުން ނިންމީ އެރޭ ވަގުތުން ގެއަށް ދިއުމަށެވެ. ޒަޔާން އޭނާގެ ކާރު އެތަނަށް ދޫކޮށްލާފައި، އެންމެން ޓެކްސީއެއްގައި މާލެއަށް ދާން ނިންމިއެވެ. ޓެކްސީއަށް އަރައިގެން ބްރިޖު މަތިން ދިޔައިރު، އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހަކުވެސް އިނީ އަމިއްލަ ހިޔާލުތަކަށް ގެއްލިފައެވެ.

މާލެއަށް ދެވުމާއެކު، ޒުބޭރު އެންމެން އެމީހުންގެ ގެއަށް ލައިދިނެވެ. ނަމަވެސް ބިރުވެރިކަން ނިމުނީއެއް ނޫނެވެ.

އެރޭ ދަންވަރު 3 ޖަހާކަންހާއިރު، ޒަޔާނަށް ހޭލެވުނީ އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. “ޒަޔާން… ޒަޔާން… ދޮރު ހުޅުވަބަލަ،” އެއީ ހަނާގެ އަޑެވެ.

ޒަޔާން ބިރުން ގޮސް ގަނޑުވިއެވެ. ހަނާ އުޅެނީ އޭނާގެ އަމިއްލަ ގޭގައެވެ. މި ގަޑީގައި އޭނާ ޒަޔާންގެ ކޮޓަރި ދޮރުމައްޗަށް އަންނާނީ ކިހިނެއް ހެއްޔެވެ؟ ޒަޔާން ފޯނު ނަގައި ހަނާއަށް ގުޅިއެވެ. ހަނާ ފޯނު ނެގީ ވަރަށް އަވަހަށެވެ.

“ހަނާ، ކޮންތާކު ތިހިރީ؟” ޒަޔާން މަޑުމަޑުން އެހިއެވެ.

“އަހަރެން މިއޮތީ ގޭގަ، އެކަމަކު ޒަޔާން… އަހަރެންގެ ކޮޓަރީގެ ކުޑަދޮރު ބޭރުގައި މީހަކު ހުއްޓިގެން އެބަހުރި. އެއީ ކުރިން ފެނުނު އަންހެންމީހާ!” ހަނާ ރޮމުން ބުންޏެވެ.

މި ވަގުތު ޒަޔާންގެ ކޮޓަރީގެ ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ. ދޮރު މަޑުމަޑުން ހުޅުވެން ފެށިއެވެ. ޒަޔާންގެ ލޯ ބޮޑުވިއެވެ. ދޮރުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކޮޓަރީގެ ތަޅުމުގެ މަތީގައި ތެތް ފިޔަވަޅުތަކެއް އުފެދެމުން ދިޔައެވެ. އެ ފިޔަވަޅުތައް ދިޔައީ ސީދާ ޒަޔާންގެ އެނދާ ދިމާލަށެވެ.

“ނޫން! ނޫން!” ޒަޔާން ހަޅޭއްލަވައިގަތެވެ.

އެވަގުތު ކުއްލިއަކަށް މުޅި ކޮޓަރީގެ ބޮކިތައް ނިވި، އަނދިރިވިއެވެ. ޒަޔާނަށް އިހުސާސް ކުރެވުނީ އޭނާގެ ކަރުގައި ފިނި އަތްތިލައަކުން ހިފަހައްޓާލި ކަމެވެ. އެ އަތްތިލައިގެ އިނގިލިތައް ހީވަނީ ކަށިގަނޑުތަކެއް ހެންނެވެ.

ހަމަ އެވަގުތު، ޒުބޭރުގެ ގޭގައި ޒުބޭރުވެސް އިނީ ނުނިދިފައެވެ. އޭނާ އިނީ މުސްހަފު ހުޅުވައިގެން ބަގަރާ ސޫރަތް ކިޔަވާށެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ގޭގެ ސިޓިން ރޫމުގައި ކޮންމެވެސް އެއްޗެއް ދުވާ އަޑެވެ. އޭނާ ކިޔެވުން ހުއްޓައެއް ނުލައެވެ. ކިޔެވުން ބާރުކުރަމުން ދިޔަވަރަކަށް، ގޭގެ ތެރޭގައި އިވޭ އަޑުތައް ގަދަވަމުން ދިޔައެވެ. ބަދިގޭގައި ހުރި ތަށިތައް ތަޅައިގެންދާ އަޑާއި، ފަރުނީޗަރުތައް ދަމާ އަޑު އިވެން ފެށިއެވެ. ނަމަވެސް ޒުބޭރު ހިތްވަރު ދޫނުކޮށް ކިޔެވުން ކުރިއަށް ގެންދިޔައެވެ. އޭނާއަށް އެނގެނީ މި ނުފެންނަ ބާރަކީ އެމީހުންގެ ފަހަތުން ހުޅުމާލެއިން މާލެއަށް އައިސްފައިވާ އެއްޗެއް ކަމެވެ.

ކުއްލިއަކަށް ޒުބޭރުގެ ފޯނަށް ޒަޔާންގެ ފަރާތުން މެސެޖެއް އައެވެ. އޭގައި އޮތީ ހަމައެކަނި “ސަލާމަތްކުރޭ” މި ލަފުޒެވެ. ޒުބޭރު ވަގުތުން ޒަޔާނަށް ގުޅަން އުޅުނެވެ. ނަމަވެސް ފޯނު އޮތީ ރޭންޖުން ބޭރުގައެވެ.

ޒުބޭރު އަވަސްއަވަހަށް އޭނާގެ ބޭބެ، އިސްމާއިލްގެ ކޮޓަރިއަށް ދިޔައެވެ. “ބޭބޭ! ހޭލަބަލަ! ޒަޔާންމެންނަށް ކޮންމެވެސް ކަމެއް ވެއްޖެ،” ޒުބޭރު ހާސްވެފައި ބުންޏެވެ.

އިސްމާއިލް ހޭލައިގެން އައިސް ޒުބޭރުގެ މޫނަށް ބަލައިލިއެވެ. “ޒުބޭރު، ހަމަޖެހިބަލަ. އަހަރެންނަށްވެސް މި ގޭގެ ތެރެއިން އާދަޔާ ހިލާފު ކަންތައްތަކެއް އެބަ އިހުސާސްވޭ. އެ އެތި އެވަނީ ތިޔަ ހަތަރު ކުދިންގެ ފަހަތުން އައިސްފަ. އެއީ އެ ސަރަހައްދުން އެއްޗެއްގައި އަތްލުމުގެ ނުވަތަ އެ ސަރަހައްދުގެ ހަމަހިމޭންކަން ނަގާލުމުގެ ނަތީޖާ.”

އެވަގުތު ޝިޔާގެ ފަރާތުންވެސް ކޯލެއް އައެވެ. އޭނާ ގިސްލާ ރޮމުންދާ އަޑު އިވުނެވެ. “ޒުބޭރު، އަހަރެންގެ ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ. އެތަނުން ކަޅު ހިޔަންޏެއް އެތެރެއަށް ވަދެފި. އަހަރެން މިހުރީ ފާހަނާގައި ބަންދުވެގެން. އަހަރެން ސަލާމަތްކުރޭ!”

އިސްމާއިލް ވަގުތުން ނިންމީ އެންމެން އެއްތަނަކަށް ޖަމާކުރުމަށެވެ. “ޒުބޭރު، ދުއްވާފައި ގޮސް ޒަޔާނާއި، ހަނާ އަދި ޝިޔާ މިގެއަށް ގެނޭ. އަހަރެން މިތަނުގައި ތިޔަ ކުދިންނަށް ރައްކާތެރިކަން ހޯދައިދޭނަން. ކާރުގައި ދާއިރު ހެޔޮ އެއްޗެހި ކިޔަމުން ދާތި.”

ޒުބޭރު އޭނާގެ ބޭބެގެ ކާރުގައި ބާރު ދުވެލީގައި ޒަޔާންގެ ގެއަށް ދިޔައެވެ. މަގުމަތިން ދިޔައިރު އޭނާއަށް ހީވަނީ މަގުގެ ކޮންމެ ކަނަކުން އެ ބިރުވެރި އަންހެންމީހާ ނުކުމެދާނެ ހެންނެވެ. ޒަޔާންގެ ގެއަށް ދެވުނުއިރު، ގޭގެ ބޭރު ދޮރު ހުރީ ހުޅުވިފައެވެ. އެތެރެއަށް ވަންއިރު މުޅި ސިޓިން ރޫމު އޮތީ ސުންނާފަތިވެފައެވެ.

“ޒަޔާން!” ޒުބޭރު ގޮވާލިއެވެ.

ޒަޔާންގެ ކޮޓަރިން ބާރު އަޑެއް އިވުނެވެ. ޒުބޭރު ދުވެފައި އެތަނަށް ދިޔައިރު، ޒަޔާން އޮތީ ކަނެއްގައި ބޮނޑިވެގެންނެވެ. އޭނާގެ ކުރިމަތީގައި އެ ބިރުވެރި ސޫރަ ހުއްޓެވެ. އެއީ ދިގު، ހިކި، އަދި ކަޅުކުލައިގެ ހިޔަންޏެކެވެ. އޭގެ ދިގު އިނގިލިތައް ހުރީ ޒަޔާންގެ ކަރުގައި ޖެހިފައެވެ.

“އަޢޫޛުބިﷲ…” ޒުބޭރު ބާރަށް ކިޔަވަން ފެށިއެވެ.

އެއާއެކު އެ ހިޔަނި ބާރު އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު ދުމަށްވެގެން ފިލައިގެން ދިޔައެވެ. ޒަޔާން ހޭނެތިގެން ވެއްޓުނެވެ. ޒުބޭރު އަވަހަށް ޒަޔާން ނަގައިގެން ކާރަށް އަރުވައިގެން ހަނާއާއި ޝިޔާ ބަލައި ދިޔައެވެ. އެންމެން އެއްކޮށް ޒުބޭރުމެންގެ ގެއަށް ގެނެވުނުއިރު ފަތިސް ނަމާދަށް ގޮވަނީއެވެ.

އިސްމާއިލް ބޭބެ އެކުދިންނަށް ފެން ކިޔަވައިދީ، ގޭގެ ހަތަރު ކަނުގައި ކިޔަވައި ޖެހިއެވެ. “ތިޔަ ކުދިންނަށް ފެނުނީ ހަގީގީ ރޫހާނީ އުނދަގުލެއް ޖެހިފައިވާ މަޚުލޫޤެއް. ބައެއް ފަހަރު އަހަރެމެން ކުރާ ކުދިކުދި ކަންތައްތަކުން، ނުވަތަ ނުބައި ވަގުތުތަކުގައި ނުބައި ތަންތަނަށް ދިއުމުން މިފަދަ ކަންކަން ދިމާވޭ.”

އެ ހާދިސާއަށްފަހު، އެ ހަތަރު ރަހުމަތްތެރިން ދުވަހަކުވެސް ދަންވަރު ފަޅު ތަންތަނަށް ދާކަށް ނުކެރެއެވެ. ޒަޔާން އޭނާގެ އާ ކާރު ވިއްކާލިއެވެ. ސަބަބަކީ އެ ކާރުގެ ފަހަތު ސީޓުގައި ހުރި އެ އަތްތިލައިގެ ނިޝާން ކިތަންމެ ވަރަކަށް ދޮވުނަސް ފިލައިގެން ނުދިއުމެވެ.

މިއަދުވެސް ހުޅުމާލޭގެ ފޭސް 2 ގެ ބައެއް މަގުތަކުން ދަންވަރު ދަތުރުކުރާ މީހުން ބުނާ ގޮތުގައި، ހުދު ހެދުމެއްލައިގެން ހުންނަ އަންހެނަކު މަގުގެ މެދުގައި ހުއްޓިގެން ހުރެއެވެ. އަދި ބައެއް ފަހަރު ކާރުތަކުގެ ބިއްލޫރިގަނޑުގައި ޓަކިޖަހާ އަޑު އިވޭ ކަމަށްވެއެވެ. ނަމަވެސް އެ ސަރަހައްދުގެ ހަމަހިމޭންކަމުގެ ފަހަތުގައިވާ ސިއްރު ދަންނަނީ މަދު ބައެކެވެ.

އަހުމަދާއި އޭނާގެ ރަހުމަތްތެރިންނަށް އެނގޭ ކަމަކީ، ބައެއް ދޮރުތަކަކީ ހުޅުވާލަން ރަނގަޅު ދޮރުތަކެއް ނޫން ކަމެވެ. އަދި ހަމަހިމޭންކަމުގެ ތެރޭގައިވާ ކޮންމެ އެއްޗަކީ ފުރާނައެއް ނެތް އެއްޗެއް ނޫން ކަމެވެ.

ނިމުނީ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top