މާލޭގެ ހަވީރުގެ އުޑުމަތި ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އުޑުމަތީގައި ރަތްވިލާލައި، ދަނބުކުލައިގެ ކުލަތަކުން މުޅި އުޑުމަތި ވަނީ އުޖާލާވެފައެވެ. އެއީ ހީވަނީ ދުނިޔެ މަޑުޖެހިލައި، ނިމުމެއް ނެތް ވަގުތުކޮޅަކަށް އިންތިޒާރުކުރާ ފަދަ ވަގުތެކެވެ. ނަމަވެސް، ތިރީގައި އޮތް މާލެ ސިޓީގެ ހަލަބޮލިކަމަކަށް ބަދަލެއް ނާދެއެވެ. ހަނި ގޯޅިތަކުގެ ތެރެއިން ދުއްވާ ސައިކަލުތަކުގެ އަޑާއި، ކޮންކްރީޓް ފާރުތަކުގެ ތެރެއިން އިވޭ ކުޑަކުދިންގެ ހިނިތުންވުމުގެ އަޑުތައް މުޅި މާހައުލުގައި ގުގުމަމުންދެއެވެ. އަދި މި ހުރިހާ އަޑުތަކެއްގެ ތެރެއިން، މިސްކިތްތަކުން އިވޭ ބަންޤީގެ ރީތި އަޑާއެކު، މީސްތަކުންގެ ހިތްތައް ﷲ ގެ މަތިން ހަނދުމަކުރުމަށް ގޮވައިލައެވެ.
މި ކުޑަކުޑަ މާލޭގައި ފާތިމަތު ޝައިނާ އާއި މުޙައްމަދު ރިޔާންގެ ލޯބީގެ ވާހަކަ ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެ ދެމީހުންގެ މެދުގައި އުފެދުނު ގުޅުމަކީ މީހުންގެ ސަމާލުކަން ހޯދުމަށް ކުރި ކަމެއް ނޫނެވެ. އެއީ ބާނީތައް އައިސް ގޮނޑުދޮށަށް ބީއްސާލާ ފަދަ، ހިމޭން، ކެތްތެރި އަދި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
އެ ދެމީހުންނަށް ފުރަތަމަ އެކަކު އަނެކަކު ފާހަގަވީ މީގެ އަހަރުތަކެއް ކުރިން ހުޅުމާލޭގައި އޮތް އާއިލީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އާއިލާގެ މީހުންގެ ވާހަކަތަކާއި ކާބޯތަކެތީގެ މީރުވަހުން މުޅި މާހައުލު އޮތީ ހަލަބޮލިވެފައެވެ. ނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރެއިން އެ ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެ ކުޑަކުޑަ ވަގުތުކޮޅަކީ، އެ ދެމީހުންގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ޝުޢޫރުތަކެއް އުފެއްދި ވަގުތެކެވެ.
އެ ދެމީހުންގެ ވާހަކަތައް ފެށުނީ ވަރަށް ބޮޑު އަދަބުވެރިކަމަކާއި އިޙްތިރާމަކާއެކުގައެވެ. އާއިލާގެ ތެރެއިން މެސެޖުތައް ބަދަލުކުރެވި، ބައްދަލުވުންތަކުގައި ފެނިލާ ފެނިލުންތަކުން އެކަކު އަނެކަކަށް އޮތް އިޚްލާޞްތެރިކަން ހާމަވަމުންދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، މި ކުދިކުދި މުޢާމަލާތްތައް ބަދަލުވީ ވަރުގަދަ ގުޅުމަކަށެވެ. އެއީ ހަމައެކަނި ލޯތްބެއް ނޫނެވެ. އެއީ އެއްގޮތް ވިސްނުމަކާއި، އިސްލާމީ ރިވެތި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ، ﷲ ރުއްސަވާނޭ ފަދަ ދިރިއުޅުމެއް ބިނާކުރުމުގެ މަތިވެރި އަޒުމެކެވެ.
ރިޔާންއަކީ އަބަދުވެސް ކަންކަމުގައި ކެތްތެރިކަން އިސްކުރާ މީހެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ވާނީ އެކަމަށް ކަނޑައެޅިފައިވާ ވަގުތު ޖެހުމުންނެވެ. އެހެންކަމުން، ޝައިނާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރުމުގެ ކުރިން، އޭނާއަށް އުފާވެރި އަދި ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެކަމުގެ ޔަޤީންކަން ލިބެންދެން އޭނާ އިންތިޒާރުކުރިއެވެ. އަދި ޝައިނާވެސް އެ އިންތިޒާރަކީ އޭނާއަށްޓަކައި ރިޔާންގެ ހިތުގައި އޮތް އަޅާލުމެއް ކަމުގައި ދެކުނެވެ.
އެ ދެމީހުން މުސްތަޤުބަލާއި ބެހޭގޮތުން ވަރަށް އުންމީދީ ވާހަކަތައް ދައްކައެވެ. އެއީ މާ ބޮޑު ދެއްކުންތެރިކަމެއް އޮތް ހުވަފެންތަކެއް ނޫނެވެ. މަޣްރިބް ނަމާދަށްފަހު އެކުގައި ޤުރުއާން ކިޔެވުމާއި، ދީންވެރި ހެޔޮލަފާ ދަރިންތަކެއް ބިނާކުރުމަކީ އެމީހުންގެ އެންމެ ބޮޑު އުންމީދެވެ. އެ ދިރިއުޅުން ދުނިޔޭގެ ނަޒަރުގައި އާދައިގެ ކަމަކަށް ވިޔަސް، އެ ދެމީހުންގެ ނަޒަރުގައި އެއީ ވަރަށް މަތިވެރި އަދި އިޚްލާޞްތެރި ދިރިއުޅުމެކެވެ.
ނަމަވެސް، ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.
އެންމެ ފުރަތަމަ ކަންތައްތައް ފެށުނީ ޝައިނާއަށް އިޙުސާސްވާން ފެށި ވަރުބަލިކަމަކުންނެވެ. އޭނާ ހީކުރީ އެއީ އާދައިގެ ވަރުބަލިކަމެއް ކަމަށެވެ. ބަނޑުގައި ރިއްސުމާއި މޭ ނުބައިކުރުން، ކުއްލިއަކަށް ހިކުމާއި ކާހިތް ނުވުން އަދި ބޯއެނބުރުން. މާ ބޮޑު ކަމެއް ކަމަށް އޭރު ހީނުކުރި ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެކަން ބޮޑުވަމުން ގޮސް، ޝައިނާގެ މަންމައަށްވެސް އަދި އެކުވެރިންނަށްވެސް އެކަން ފާހަގަވިއެވެ. ހޮސްޕިޓަލަށް ދިޔައީ ހިތްހަމަޖެހުމެއް، ފަސޭހައެއް ލިބޭނެކަމުގެ އުންމީދުގައެވެ.
ފަހަރަކު ޑޮކްޓަރަކަށް ދެއްކުނެވެ. ހުރިހާ ޓެސްޓުތަކެއް ހެދުނެވެ. އަދި އެވަރުން ނުވެގެން މާލެއާއި ކައިރި ހުރިހާ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރެވިއްޖެއެވެ. ފަހަރަކު ޑޮކްޓަރެއް ތަފާތު އަލާމާތްތަކަށް ބޭސްދީ ފަރުވާކުރަން ފެށިއެވެ. ނަމަވެސް އަދިއެއް ވާނުވާ މާ ރަނގަޅަށް އެނގި، ޝައިނާއަށް ލުޔެއް ފަސޭހައެއް ވާ ގޮތެއް ނުވިއެވެ. ދުވަސްތައް ފާއިތުވެ ފަހަރަކު ބޭހެއް ކަމުން ގޮސް އެންމެ ފަހުން އެއް ދުވަހަކު ބޭރުތެރޭ ހުއްޓައި ހޭނެތިގެން ވީ ގޮތެއް ނޭނގި ވެއްޓުނެވެ. މިފަހަރު ކަން ދިމާކުރި ގޮތުން އެވަގުތު ގެންދެވުނު އެ ހޮސްޕިޓަލަށް ވަގުތީ ގޮތުން ޒިޔާރަތް ކޮށްގެން އުޅޭ ޚާއްސަ ޑޮކްޓަރެއް ހުއްޓެވެ. އަދި މި ޑޮކްޓަރުގެ ލަފާގެ ދަށުން އިތުރު ޚާއްސަ، ބޭރަށް ފޮނުވައިގެން ނަތީޖާ ލިބޭ ޓެސްޓުތަކެއް ހެދުނެވެ. ދިގު އިންތިޒާރަކަށްފަހު އެ ރިޕޯޓުތައް ލިބުމުން އަނެއްކާވެސް އެ ޑޮކްޓަރަށް ދެކެވުނެވެ. ބޮޑު އުންމީދަކާ އެކުއެވެ.
ނަމަވެސް ލިބުނީ ހިތްދަތި ޚަބަރެކެވެ.
ޑޮކްޓަރުން ބުނީ ޝައިނާގެ ހަށިގަނޑުގައި ނުރައްކާތެރި ކެންސަރު ބަލި ހުރި ކަމަށެވެ. އެ ވަގުތު މުޅި ދުނިޔެ ހުއްޓުނު ފަދަ އިޙުސާސެއް ރިޔާންއަށް ކުރެވުނެވެ. ޝައިނާ އިސްދަށަށް ޖަހައިގެން އިނީ ހިތާހިތުން ﷲ މަތިން ހަނދުމަކުރާ ހާލުގައެވެ. ރިޔާންގެ ހިތް ވަނީ ބަޔާންކުރަން ނޭނގޭ ފަދަ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެރޭ އިޝާ ނަމާދަށްފަހު، ރިޔާން އޭނާގެ ކޮޓަރީގައި އެކަނި އިނދެ، ޝައިނާއަށް ދިނުމަށް ތައްޔާރުކުރި އަނގޮޓިއަށް ބަލަހައްޓައިގެން އިނެވެ. އޭނާ ރޭވީ އެ ދުވަހު ޝައިނާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅާށެވެ. ނަމަވެސް މިންވަރުފުޅު އޮތީ އެހެން ގޮތަކަށެވެ.
އެހެންނަމަވެސް، ރިޔާންގެ ހިތުގައި އޮތް ޔަޤީންކަމަކީ ޝައިނާ ނެތް މުސްތަޤުބަލެއް އޭނާ ބޭނުންނުވާ ކަމެވެ. ޖެހިގެން އައި ދުވަހު އޭނާ ޝައިނާއާ ބައްދަލުކޮށް، އެންމެ އުނދަގޫ ވަގުތުގައިވެސް އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެދުނެވެ. ޝައިނާގެ ލޮލުން ކަރުނަ އައީ އެއީ ހަމައެކަނި ބިރެއްގެ ސަބަބަކުން ނޫނެވެ. ރިޔާންގެ އެ މަތިވެރި ލޯތްބާއި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ. ޝައިނާ އެކަމަށް އާނބަސް ބުންޏެވެ.
އެދުވަހުން ފެށިގެން އެމީހުންގެ ދިރިއުޅުން ބަދަލުވީ ހޮސްޕިޓަލުގެ ފާރުތަކުގެ ތެރެއަށެވެ. ކޮންމެ ދުވަހަކީވެސް އުންމީދާއި ހިތްދަތިކަމުގެ ތެރޭގައި ހޭދަވާ ދުވަހެކެވެ. ރިޔާން ކޮންމެ ވަގުތަކުވެސް ހުރީ ޝައިނާގެ ކައިރީގައެވެ. އޭނާގެ ބަލި އެނދުގެ ކައިރީގައި އިނދެ ޤުރުއާން ކިޔަވައިދީ، އޭނާއަށް ހިތްވަރު ދިނުމުގައި ދެމިހުއްޓެވެ.
ޝައިނާގެ ބަލި ހާލަތު ދަށަށް ދާން ފެށުމުން، އާއިލާއިން ނިންމީ ލަސްނުކޮށް އެ ދެމީހުންގެ ކައިވެނި ކުރުމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ކޮޓަރީގައި ވަރަށް އާދައިގެ ގޮތަކަށް، އެކަމަކު ވަރަށް އަސަރުގަދަ ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމިއެވެ. ހުރިހާ ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއެކު ކުޑަކޮށް ރާވަން އުޅުނު ހަފުލާ ބޮޑުވެގެން ގޮސް މުޅި ތަން ޒީނަތްތެރި ކުރެވި މުޅި ހޮސްޕިޓަލް އެންމެން ބައިވެރިވިއެވެ. އިމާމް މީހާ ކައިވެނި ކޮށްދިން އިރު، މުޅި ކޮޓަރީގައި އޮތީ ހިމޭންކަމާއި އަސަރުގަދަ ދުޢާތަކުގެ އަޑެވެ. “އަހަރެން ޤަބޫލުކޮށްފިން.” ރިޔާން ބުންޏެވެ. ޝައިނާވެސް މަޑުމަޑުން އެ ޖުމްލަ ތަކުރާރުކުރިއެވެ.
ނަމަވެސް އެރޭގެ ފަތިސް ވަގުތު ޖެހެން ކައިރިވެފައި ވަނިކޮށް، ޝައިނާގެ ނޭވާލުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަދި ހާލަތު ގޯސްވާން ފެށިއެވެ. ރިޔާން ޝައިނާގެ ގާތަށް ޖެހިލާފައި ގޮވާލިއެވެ. ޝައިނާ ލޯ ހުޅުވާލާފައި ވަރަށް މަޑުމަޑުން ބުންޏެވެ، “ﷲ އަހަރެމެންނާއެކު ވޭ.” އަދި އެންމެ ފަހު ނޭވާއާއެކު އޭނާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔެވެ.
އެ ދެމީހުން ދެމަފިރިންގެ ގޮތުގައި ހޭދަކުރީ އެންމެ އަށާރަ ގަޑިއިރެވެ. ނަމަވެސް އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެމީހުން ދެއްކި ލޯތްބަކީ މުޅި އުމުރަށްވެސް ފުދޭވަރުގެ މިސާލެކެވެ.
މި ވާހަކަ ރަށްރަށަށް ފެތުރިގެން ދިޔައިރު، ގިނަ ބަޔަކު ދެކުނީ އެއީ ހިތްދަތި ނިމުމެއް ކަމަށެވެ. ނަމަވެސް ފުންކޮށް ވިސްނާލި ކޮންމެ މީހަކަށް އެނގުނީ، އީމާންތެރިކަމުގެ މައްޗަށް ބިނާވާ ލޯތްބަކީ ދުނިޔެއިން ނިމޭނެ އެއްޗެއް ނޫން ކަމެވެ. އެ ގުޅުން އާޚިރަތުގައިވެސް ދެމިއޮންނާނެއެވެ. އެމީހުންގެ އަސްލު ވާހަކަ އަދި ކިރިޔާ ފެށުނީއެވެ.
(ނިމުނީ)
