މިއަހަރުގެ އަޟްޙާ ޢީދަށް ޚާއްސަކޮށްގެން ހިޔަލަ ގުރޫޕުން ތައްޔާރުކުރި “ރަންރަން ނޫރަލިޔާ” ރިލީޒްކޮށްފިއެވެ.
މިފަހަރުގެ ލަވައަކީ ވެސް ދިވެހިންގެ ސަގާފީ ޢީދު ފޯރިއާއި، ރަށްފުށުގެ ފުރިހަމަކަން ދައްކުވައިދޭ، ދިވެހިވަންތަ އާދަކާދަތަކާއި، ކާބަފައިންގެ ހަނދާންތައް އާކޮށްދޭ ފުރިހަމަ ޓްރިބިއުޓެކެވެ.
މިހާރު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު އެއް އަންހެން ލަވަކިޔުންތެރިޔާ ކަމަށްވާ މަރިޔަމް އަޝްފާގެ އަސަރުގަދަ އަޑުން ހުށަހަޅައިދީފައިވާ މި ލަވައިގެ ޅެމާއި ރާގު ތައްޔާރުކުރީ ޢަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މިއުޒިކްގެ މަސައްކަތް އެއްކާފު ސްޓޫޑިއޯގެ މުނާޒް ޒުބައިރު ކޮށްފައިވާއިރު، މިއީ ފެންވަރު ރަނގަޅު މިއުޒިކީ އުފެއްދުމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
“ރަން ރަން ނޫރާލިޔާ” ބިނާވެފައިވަނީ ރާއްޖޭގެ ރަށްރަށުގައި ކުރިން ބޭއްވޭ ޢީދު ހަރަކާތްތަކުގެ ތެރެއިން، ރަށަށް އަލަށް ތައާރަފުވި “ބޮކިފަތި” ތަކުން ލިބުނު އުފާވެރިކަމާއި ހައިރާންކަމުގެ މައްޗަށެވެ. އެ ދުވަސްވަރުގެ އަންހެންވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކާއި، ރަށު ތެރޭގައި އޮތް އެއްބައިވަންތަކަން މި ވީޑިއޯއިން ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.
މީގެ އިތުރުން، އެވޭލާ ޒަމާނުގައި ބޯފެން އުފުލުމަށް ބޭނުންކުރި “ބަނޑިޔާ”، މިއަދު ސަގާފީ ނެށުމެއްގެ ގޮތުގައި ދެމިއޮތް އޮތުމަކީވެސް މި ލަވައިގެ މުހިންމު ބަޔެކެވެ. އަދި މި ވީޑިއޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ، ދިވެހި ސަގާފީ ކުޅިވަރުގެ ދާއިރާގައި ނަން މަޝްހޫރު އއ. ތޮއްޑޫ ސޯސަން ކްލަބަށް ދީފައިވާ ޚާއްސަ ޝަރަފެވެ. 1980 ގެ އަހަރުތަކުން ފެށިގެން ބަނޑިޔާ ޖެހުމުގެ ފަންނު ދިރުވާ އާލާކުރުމުގައި ސޯސަން ކްލަބުން ކުރަމުންދާ މަސައްކަތް މި ވީޑިއޯއިން ފެނިގެންދެއެވެ. ޚާއްސަކޮށް، އެ ކްލަބުން ބޭނުންކުރާ “ރޫބާ ހެދުން” ތަކާއި، އިސްތަށިގަނޑާއި ރިބަން ބޯޓައި ބޭނުންކޮށްގެން ދައްކުވައިދޭ ހުނަރުވެރި ހަރަކާތްތަކަކީ ތޮއްޑޫގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ކަންކަމެވެ.
އއ. ތޮއްޑޫގެ ހިތްގައިމުކަން ދައްކާލާފައިވާ މި ވީޑިއޯ ލަވައިގެ އެޑިޓިންއާއި ވިޒުއަލް އިފެކްޓްސް ތައްޔާރުކުރީ ޢަބްދުﷲ މުއާޒް (މުއާ) އަދި ވިޝާލް ޒަކީ (ވިއްޓެ) އެވެ. ކެމެރާ އަދި މިކްސިންގްގެ މަސައްކަތް އިބްރާހީމް ސުޖާއު (ޖަންކީ) އަދި ޙުސައިން ސުނޭނު (ސުނޭ) ނިންމާފައިވާއިރު، މި އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ ތެރެއިން އަޒްމަތު ޚަލީލްގެ ނަން ޚާއްސަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.
“ރަން ރަން ނޫރާލިޔާ” އަކީ ހަމައެކަނި ލަވައެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކާއި، ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް “ހިޔަލަ” އިން ކުރި އަގުހުރި މަސައްކަތެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކުވެސް، ދިވެހިވަންތަ އުފާވެރިކަމުގެ ނޫރު އަބަދުވެސް ދެމިއޮންނާނެކަން މި އުފެއްދުމުން ހަނދާންކޮށްދެއެވެ.
