ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، ޖިއޯ އެންޓަޓެއިންމަންޓުން އުފައްދާ އާ ޑްރާމާ ސިލްސިލާ “ތަޕިޝް” އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑު، ބޮޑާ މިޒާޖެއްގެ ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ ދިރިއުޅުން ބަދަލުކޮށްލެވޭނެ އެއްވެސް މީހަކު ހުންނާނެ ކަމަށް އޭނާ ދުވަހަކުވެސް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް، ޑްރާމާގެ ބަތަލާ ފެނުމާއެކު އޭނާގެ މުޅި ދުވަސް ބަދަލުވެ، އެ އަންހެން ކުއްޖާއަށް އޭނާގެ ހިތް ކިޔަން ފަށައެވެ. މި ލޯބި ފަހުން ނުރައްކާތެރި “އޮބްސެޝަނަކަށް” ނުވަތަ މޮޔަވުމަކަށް ބަދަލުވެ، އެ އަންހެން ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ހިސާބަށް ކަންތައްތައް ދެއެވެ.
މި ޑްރާމާގެ ލީޑު ރޯލުން ފެނިގެންދާނީ މުޅިން އަލަށް އެކުގައި މަސައްކަތްކުރާ މަޝްހޫރު އެކްޓަރު މުނީބް ބަޓް އާއި ބަތަލާ ލައިބާ ޚާންއެވެ. މީގެ އިތުރުން ސާދު ޤުރައިޝީ، ސަބާ ފައިސަލް، ފަރާން ތާހިރު، ޝަރްމީން އަލީ، ޓީޕޫ ޝަރީފް، ޕާރަސް މަސްރޫރު، އާމްނާ މާލިކް، އިމްރާން ގުރައިޝީ، މަލައިކާ ރިއާޒް، ކޯމަލް އައްބާސީ، ޒަފަރު އައްބާސް އަދި ބާބަރު ސުލްތާން ފަދަ ހުނަރުވެރި ތަރިން މި ސިލްސިލާއިން ފެނިގެންދާނެއެވެ.
ރެހާނާ އަފްތާބްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ޑްރާމާ ޑައިރެކްޓް ކުރަނީ އަޙްމަދު ބައްޓީއެވެ. މި ޑްރާމާއަކީ ސެވެންތު ސްކައި އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުން މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ޢަބްދުﷲ ކަދުވާނީ އާއި އަސަދު ޤުރައިޝީ އުފައްދާ ޑްރާމާއެކެވެ.
ލޯތްބަށްޓަކައި އިންސާނަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ދައްކުވައިދޭ މި ޑްރާމާ ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. މީގެ އިތުރުން ޖިއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާ ބަލައިލެވޭނެއެވެ.
