ޝަމްސިއްޔާ އިނީ ކޮޓަރީގެ ކަނެއްގައި މަޑުމަޑުން އިށީނދެގެންނެވެ. އޭނާގެ ދުވަސްވީ ބަލިކަށި ދެއަތް ވަނީ މަޑުމަޑުން އުނގުމަތީ ބާއްވާލެވިފައެވެ. ވަށައިގެން އުފާވެރިކަމާއި ހިނިތުންވުމުގެ އަޑުތައް ގަދަވެފައިވީ ނަމަވެސް، އޭނާ އިނީ އަމިއްލަ ދުނިޔެއެއްގައެވެ.
އެއްދުވަސްވަރެއްގައި އޭނާގެ އަޑުން ގުގުމާފައި އޮތް އެ ގޭތެރެ، މިއަދު ފުރިފައިވަނީ އޭނާ ބޮޑުކުރި، ތަރުބިއްޔަތުކުރި އަދި ލޯބިދިން އެތައް ޖީލެއްގެ އަޑުތަކުންނެވެ. އޭނާ ކަކޫޖަހައިގެން އިނދެ ސާފުކުރި ތަޅުންގަނޑުމަތީގައި، މިއަދު ކުޑަކުދިން ކުޅެމުން ދުވަނީ އެއްވެސް ފަރުވާލެއް ނެތް އުފާވެރިކަމަކާއެކުގައެވެ.
ދަރިންގެ ދަރިން ގޮނޑިތަކަށް އަރައި، މީރު އެއްޗެއްސަށް ޒުވާބުކޮށް، ރަނގަބީލެއް ފަދަ ހިތްގައިމު ހުނުމުގެ އަޑުތައް ލަވަމުންދެއެވެ. އޭނާގެ ދަރިން، އޭނާއަށް އަމިއްލަ ނަފުސު ހަނދާން ހުންނަވަރަށްވުރެ ވެސް މިއަދު އުމުރުން ދޮށިވެފައިވާއިރު، އެކުދިން ތަށިތައް އަތުރައި، ސައި އަޅައި، އެކަކު އަނެކަކަށް ގޮވާ ހަދަނީ އޯގާތެރިކަމާއި ލޯތްބާއެކުގައެވެ.
އުމުރުގެ ދުވަސްތަކާއެކު ފެނުން ކޮންމެވެސް ވަރަކަށް ފުސްވެފައިވީ ނަމަވެސް، އޭނާ އެ މަންޒަރުތަކަށް ބަލަހައްޓައިގެން އިނީ ތުންފަތްމަތީގައިވި މަޑުމައިތިރި ހިނިތުންވުމަކާއެކުގައެވެ. އޭނާގެ ހަށިގަނޑު މިއަދު ވަނީ ބަލިކަށިވެފައެވެ. ކޮންމެ ހަރަކާތަކީ ވެސް ބުރަ މަސައްކަތެކެވެ. ނޭވާލާ ކޮންމެ ފަހަރަކީ އިހުނަށްވުރެ ބަރު ކަމެކެވެ. އޭނާގެ ކަށިތަކުގައި ރިއްސަނީ، ވޭތުވެދިޔަ ދިގު އުމުރުގެ ހުރިހާ ހަނދާންތަކެއް އުފުލައިގެން ހުރި ކަހަލައެވެ. ނަމަވެސް، އޭނާގެ އެތެރެހަށި އަދިވެސް އޮތީ ހަމަ އެގޮތުގައެވެ. އޭނާގެ ހިތުގެ ވިންދަކަށް ބަދަލެއް ނާދެއެވެ. ޒުވާން ދުވަސްވަރުގެ ހަނދާންތައް އަދިވެސް ވަނީ ސާފުކޮށް ފެންނާށެވެ.
ބައެއް ފަހަރު، މި ހުރިހާ ކަމެއްގެ މައްޗަށް އޭނާ އަމިއްލައަށް ހީނލައެވެ. “ހާދަ ފާޑެއްގެ ކަމެކެވެ.” އޭނާގެ ހިތަށް އަރައެވެ. “ހަށިގަނޑު މުސްކުޅިވަމުންދަނީ އެހާ އަޑުގަދަކޮށް، އެކަމަކު ރޫހު އަދިވެސް އެހާ ޒުވާންކޮށް އެހުންނަނީ ކީއްވެބާވައެވެ؟”
އޭނާގެ ނަޒަރު ހުއްޓުނީ، ތަޅުންގަނޑުމަތީގައި އިށީނދެގެން އިނދެ، އެހެން ކުއްޖެއްގެ އިސްތަށިގަނޑު ގަތަން އިން އޭނާގެ އެންމެ ހަގު މާމަ ދަރިފުޅަށެވެ. އެ ވަގުތު، ކުޑަ ހިނދުކޮޅަކަށް ވިޔަސް، އޭނާއަށް އެ ކުއްޖާގެ ސިފައިގައި ފެނުނީ އަމިއްލަ ނަފުސެވެ. މިއަދު މިހުރި ސިފައެއްގައެއް ނޫނެވެ. ދިރުމުން ފުރިގެންވި، ހަރަކާތްތެރި، އަދި އުފާވެރި މުސްތަޤުބަލެއް އޮތް ޒުވާން އަންހެން ކުއްޖެއްގެ ސިފައިގައެވެ.
އެއާއެކު، އޭނާގެ ހަނދާންތައް މާޒީގެ ތެރެއަށް ދަތުރުކުރަން ފެށިއެވެ.
އެންމެ ފުރަތަމަ މި ގެއަށް އައި ދުވަސް އޭނާ ހަނދާން އެބަހުއްޓެވެ. އޭރު އޭނާ ހާދަ ޒުވާނެވެ. ބިރުގަތުމާއި އުންމީދުން ހިތް ފުރިފައިވީއިރު، އަތުގައި ޖައްސާފައިވާ ހީނާފަތުގެ ކުލަ ވެސް އޭރު ނުފިލައެވެ. ރަޝީދާއެކު އެ ގޭގެ ދޮރުން އެތެރެއަށް ވަދެވުނު ވަގުތު، ހުރިހާ ކަމެއްވެސް ފުރިހަމަކަމުގެ އިޙުސާސް ކުރެވުނެވެ. ރަޝީދަކީ މާ ގިނަ ވާހަކަދައްކާ ނުވަތަ ބޮޑެތި ދެއްކުންތެރިކަން ދައްކާ މީހެއް ނޫނެވެ. އޭނާއަކީ މަޑުމައިތިރި، އޯގާތެރި އިންސާނެކެވެ. އޭނާގެ ހިތްހެޔޮކަމަކީ އިރުއަރާ ވަގުތުގެ ކަނޑުގެ އޮމާންކަން ފަދަ، ހިމޭން ނަމަވެސް ވަރުގަދަ އެއްޗެކެވެ.
އެ ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރީ ކެތްތެރިކަމާއެކުގައެވެ. އެއީ އަބަދު އުފާވެރި ދުވަސްތަކެއް ނޫނެވެ. ފައިސާގެ ދަތިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުގެ ދުވަސްތައް ވެސް ދިޔައެވެ. ނަމަވެސް، އެކަކު އަނެކަކަށް އޮތް އިތުބާރާއި ލޯބީގެ ސަބަބުން، އެއްވެސް އިރަކު އެކަނިވެރިކަމެއް އިޙުސާސެއް ނުކުރެއެވެ. ވަރުބަލި ދުވަހަކަށްފަހު ގެއަށް އައިސް، ރަޝީދު އޭނާގެ ގާތުގައި އިށީނދެ، ދުވަހުގެ ކަންތައްތައް އަހާލާ ގޮތުން، ދުނިޔޭގެ އެހެން ހުރިހާ ކަމަކަށްވުރެ އޭނާގެ ކަންތައްތައް މުހިންމުކަން އިޙުސާސްވެއެވެ. ރަޝީދު އޭނާއަށް ބަލާލާފައި ހީނލާ ހިނިތުންވުމުން، އަމިއްލަ ނަފުސަށް ވެސް ނުފެންނަ ފަދަ ރީތިކަމެއް އޭނާއަށް ފެންނަކަން އިޙުސާސްވެއެވެ.
ރަޝީދު އޭނާދެކެ ލޯބިވީ ހަމައެކަނި ޒުވާންކަމާއި ރީތިކަމަކަށް ނޫނެވެ. އެއަށްވުރެ މާ ފުން، ދުވަސްތަކާއެކު ބަދަލުނުވާނެ ފަދަ ލޯތްބެކެވެ. “ތިޔައީ މި ދުނިޔޭގެ އެންމެ ރީތި އަންހެނާ.” ވަރުބަލިކަން މޫނުމަތިން ފެންނަން ހުންނަ އިރުވެސް ރަޝީދު ބުނާނެއެވެ. އަދި އޭނާ އެކަން ޤަބޫލުވެސް ކުރިއެވެ. ސަބަބަކީ ރަޝީދުގެ ލޮލުން އޭނާއަށް ފެންނަނީ އެ މަންޒަރު ކަމަށްވާތީއެވެ.
ރަޝީދު ވަކިވިތާ މިހާރު ތޭރަ އަހަރު ވެއްޖެއެވެ. ތޭރަ އަހަރު ވަންދެން އެ ގޭތެރެ ހިމޭންވެ، ރޭގަނޑުގެ ވަގުތުތައް ދިގުވެ، އޭނާގެ ގާތުގައި އޮންނަ ހުސްތަން އެގޮތުގައި ދެމިއޮތެވެ. ލޯބިވާ މީހަކު ވަކިވުމުން ލިބޭ ހިތާމައަކީ އައިސްފައި ހިނގައިދާނެ ތޫފާނެއް ނޫންކަން އޭނާއަށް އެނގުނެވެ. އެއީ ހިޔަންޏެއް ފަދައިން، ވަގުތާއެކު މަޑުޖެހުނަސް ދުވަހަކުވެސް ފިލައިގެން ނުދާނެ އެއްޗެކެވެ. ނަމަވެސް، އޭނާ ދުވަހަކުވެސް ރަޝީދުގެ ހަނދާންތައް ފަނޑުވިޔަ ނުދެއެވެ. ދަރިންނާއި މާމަދަރިންނަށް ރަޝީދުގެ ވާހަކަތައް ކިޔައިދީ، އޭނާގެ ހަނދާންތައް ދިރުވިއެވެ.
ބައެއް ފަހަރު، ދަންވަރުގެ ހިމޭން ވަގުތުތަކުގައި އޭނާ އެއްވެސް މީހަކަށް ނޭނގޭ ކަމެއް ކުރެއެވެ. އޭނާ ރަޝީދަށް މެސެޖެއް ފޮނުވައެވެ. އެތައް އަހަރެއް ވީއިރުވެސް، ރަޝީދު ގެންގުޅުނު ފޯނު ނަންބަރު އޭނާ ކަނޑައެއް ނުލައެވެ. ކޮންމެ މަހަކު އެ ނަންބަރަށް ފައިސާ ދައްކައެވެ. “މިއަދު މާމަދަރިފުޅު ފުރަތަމަ ފަހަރަށް ހިނގައިފި.”
“މިއަދު ކަލޭ އެންމެ މީރުކޮށް ކާއެއްޗެހި ކެއްކިން.”
“އަހަރެން ހާދަ ހަނދާންވެއެވެ.”
އެ މެސެޖުތައް އެއްވެސް މީހަކު ނުކިޔާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް، އެ ބަސްތައް ފޮނުވާލުމުން، ދެމީހުންގެ ދެމެދުގައިވާ ދުރުމިން ކުޑަވިހެން އޭނާއަށް ހީވެއެވެ.
މިއަދު އޭނާގެ 90 ވަނަ އުފަންދުވަސް ފާހަގަކުރަން ތައްޔާރުވިއިރު، ލޯގަނޑު ކުރިމަތީގައި އާދަޔާ ޚިލާފަށް ގިނައިރު އިނދެވުނެވެ. ލޯގަނޑުން ފެންނަން ހުރި މުސްކުޅި އަންހެން މީހާއަކީ އޭނާކަން ޤަބޫލުކުރަން ދަތިވިއެވެ. “ރަޝީދު ހުރިނަމަ ހާދަ ހޭނެއޭ.” އޭނާ މަޑުމަޑުން ބުންޏެވެ. އެއީ މަލާމާތުގެ ހުނުމެއް ނޫނެވެ. އެއީ ލޯތްބާއެކު ކުރާނެ ސަމާސާއެކެވެ. އޭނާގެ އަތުގައި ހިފާލާފައި، އަދިވެސް ތިޔައީ ދުނިޔޭގެ އެންމެ ރީތި އަންހެނާއޭ ބުނާނެކަން އޭނާއަށް ޔަޤީނެވެ. އެއީ ސިފައަށް ބަލާފައެއް ނޫނެވެ. އޭނާގެ އިންސާނިއްޔަތުކަމަށް ބަލާފައެވެ. “މާޝާ ﷲ، އަހަންނަށް ހާދަ ބޮޑު ނިޢުމަތެއް ލިބުނޭ.” އޭނާ އަމިއްލަ ނަފުސަށް ބުންޏެވެ.
ކުއްލިއަކަށް މީހަކު ގޮވާލި އަޑަށް އޭނާއަށް ޚިޔާލުތަކުން ނުކުމެވުނެވެ. “މާމާ! އާދޭ ކޭކު ފަޅަން!” އޭނާގެ ދަރިންނާއި، މާމަދަރިން އަދި މުނިމާމަ ދަރިން ވަށައިގެން ޖަމާވެފައި ތިއްބެވެ. ނުވަދިހަ އަހަރުގެ ދިގު އުމުރު. އޭނާގެ ހަށިގަނޑު ބަލިކަށިވެފައިވީ ނަމަވެސް، ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އޭނާގެ ހިތުގެ ފުންމިނުގައި ކޮންމެވެސް ކަމެއް ޔަޤީންވަމުން ދިޔައެވެ. އޭނާގެ ދަރިންނަށް ނޭނގުނު ކަމަކީ، އަދި އެ ކޮޓަރީގައި ތިބި އެއްވެސް މީހަކަށް އިޙުސާސް ނުކުރެވުނު ކަމަކީ، އޭނާގެ މި ދުނިޔޭގެ ދަތުރު ނިމުމަކާ ގާތްވެފައިވާ ކަމެވެ.
“ވަގުތު ޖެހިއްޖެ.” އޭނާގެ ހިތަށް އެރިއެވެ. އެއީ ބިރުވެރިކަމެއް ނޫނެވެ. އެއީ އާދަޔާ ޚިލާފު ލުއިކަމެއްގެ އިޙުސާސެކެވެ. އޭނާގެ އެއްވެސް ހިތާމައެއް ނެތެވެ. އޭނާ ވަނީ ފުންކޮށް ލޯބިދީފައެވެ. އަދި އޭނާއަށް ވަނީ އިންތިހާއަށް ލޯބި ލިބިފައެވެ. އޭނާ ބިނާކުރި ދިރިއުޅުމަކީ ހަމައެކަނި މުދަލާއި މުއްސަނދިކަމެއް ނޫނެވެ. އެއީ އޯގާތެރިކަމާއި، އާއިލީ ގުޅުމާއި، އޭނާ ނެތް ދުނިޔޭގައިވެސް ދެމިއޮންނާނެ ފޮނި ހަނދާންތަކެކެވެ.
ކޭކު ކުރިމަތީގައި ބެހެއްޓުމުން، އުުުުއްބައްތިތަކުގެ އަލި އޭނާގެ ވަރުބަލިވެފައިވާ ދެލޮލަށް އެޅިފައި ހުއްޓެވެ. “މަންމާ، ކަމަކަށް އެދޭ.” އެންމެ ދޮށީ ދަރިފުޅު ރާމިޒާ މަޑުމަޑުން ބުންޏެވެ.
އޭނާ ލޯމަރާލި ވަގުތު، ހިތަށް ސިފަވެގެން އައީ ރަޝީދުގެ ސޫރައެވެ. އޭނާއަށް އިންތިޒާރުކޮށްގެން، ހިނިތުންވެފައި ހުރި ރަޝީދެވެ. އެއީ ބަލި އެނދުގައި އޮތް ރަޝީދެއް ނޫނެވެ. އެއީ ޒުވާން، ވަރުގަދަ، އަދި އޯގާތެރި ރަޝީދެވެ.
“އަހަރެން މިދަނީ.” އޭނާގެ ހިތާހިތުން ބުނެލިއެވެ.
އޭނާ ލޯ ހުޅުވާލުމަށްފަހު، މަޑުމަޑުން ފުމެލާފައި އުުއްބައްތިތައް ނިވާލިއެވެ. މުޅި ކޮޓަރި ތެރޭގައި އަތްތިލަބަޑީގެ އަޑާއި، އުފާވެރި ހަޅޭކުގެ އަޑު ގުގުމާލިއެވެ. ނަމަވެސް، ޝަމްސިއްޔާއަށް ހުރިހާ އަޑެއް މަޑުވަމުންދާހެން ހީވިއެވެ. އޭނާ އަލުން އިށީނދެ، ހަށިގަނޑު ދޫކޮށްލިއެވެ. އޭނާގެ އާއިލާ އުފާފާޅުކުރަމުން ދިޔައިރު، އޭނާ ބަލަހައްޓައިގެން އިނީ ހިތްހަމަޖެހުމާއެކުގައެވެ.
އޭނާގެ ލޮލަށް ފެންނަ މަންޒަރުތައް ފުސްވަމުން ދިޔައީ ބަލިކަމަކުން ނޫނެވެ. އެއީ އަމާންކަމުގެ އިޙުސާސެކެވެ. ހަށިގަނޑަށް ފެތުރިގެންދިޔަ ހޫނުކަމަކީ ބިރުވެރި އެއްޗެއް ނޫނެވެ. އެއީ ކުރީއްސުރެ ދަންނަ، އޯގާތެރި ބައްދާލުމެއް ފަދަ އިޙުސާސެކެވެ.
އަދި އެވަގުތު.. އޭނާއަށް ރަޝީދު ފެނުނެވެ. އެއީ ލޮލަށް ފެނުނު ފެނުމެއް ނޫނެވެ. އެއީ ރޫޙަށް ކުރެވުނު އިޙުސާސެކެވެ. ރަޝީދު ހުރީ އޭނާ ހަނދާން ހުންނަ ސިފައިގައެވެ. ހިނިތުންވެފައި، އިންތިޒާރުގައެވެ.
ޝަމްސިއްޔާގެ ތުންފަތްމައްޗަށް ވެރިވީ އޭނާގެ މުޅި އުމުރުގައިވެސް ފެނުނު އެންމެ މަޑުމައިތިރި ހިނިތުންވުމެވެ. އެއްވެސް ބިރެއް، ޖެހިލުންވުމެއް ނެތި، އޭނާ ދިރިއުޅުމުގެ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ.
ފަހުން، އުފާވެރިކަމުގެ އަޑުތައް މަޑުވެ، މީހަކު އޭނާއަށް ގޮވާލިއިރު ޖަވާބެއް ނުލިބުމުން، އެ ކޮޓަރި ފުރިގެންދިޔައީ ކަރުނައިންނެވެ. އޭނާ ދިޔައީ ވަރަށް ހިިންމަތާއެކު، އަމާންކަމާއެކު ކަމަށް އެންމެން ބުންޏެވެ. އަދި އޭނާ ވަށައިގެންވަނީ އިންތިހާ ލޯބި ކަމަށްވެސް ބުންޏެވެ. އެއީ ތެދެކެވެ. ނަމަވެސް، އެމީހުންނަށް ނޭނގުނު ކަމަކީ، އޭނާގެ އެންމެ ފަހު ވަގުތު އޭނާ އިނީ އެކަނި ނޫން ކަމެވެ.
އޭނާ އެ ދިޔައީ އޭނާގެ އަސްލު މަންޒިލަށެވެ. އޭނާ އެ ދިޔައީ ލޯބިވާ ރަޝީދު ގާތަށެވެ.
(ނިމުނީ)
