ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަަރުމާ (އާރްޖީވީ) ގެ ބިރުވެރި ފިލްމު “ބޫތު” ރިލީޒްކުރިތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ފިލްމު ޝޫޓްކުރި އެޕާޓްމަންޓް އަދިވެސް ހުރީ ހުސްކޮށް ކަމަށް އޭނާ ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ބޭއްވި “ރެޑް ލޮރީ ފިލްމް ފެސްޓިވަލް” ގެ ދެވަނަ ދުވަހު ފިލްމު “ބޫތު” ސްކްރީން ކުރުމަށްފަހު ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަދައްކަމުންނެވެ.
އާރްޖީވީ ބުނި ގޮތުގައި، 2003 ވަނަ އަހަރު ރިލީޒްކުރި މި ފިލްމު ފުރަތަމަ ޝޫޓްކުރަން ނިންމީ ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގައެވެ. ނަމަވެސް އެއީ އާންމުކޮށް ބިރުވެރި ފިލްމުތަކުގައި ފެންނަ ފަދަ ތަނަކަށް ވާތީ، މީހުންނާ ގުޅޭ ފަދަ މާހައުލެއް ދެއްކުމުގެ ގޮތުން މުމްބާއީގެ ލޮކަންޑްވާލާ ކޮމްޕްލެކްސްގައި ހުރި އެޕާޓްމަންޓެއް ޚިޔާރުކުރީއެވެ.
“މީގެ ޝައުޤުވެރި ވާހަކައަކީ، 2002 ވަނަ އަހަރު މި ފިލްމު ޝޫޓްކުރި އެޕާޓްމަންޓް މިއަދާ ހަމައަށްވެސް ހުރީ ހުސްކޮށް. ފިލްމު ރިލީޒްވި ފަހުން އެ ތަނަކީ މަޝްހޫރު ތަނަކަށް ވެފައިވާއިރު، އެއްވެސް މީހަކު އެ އެޕާޓްމަންޓުގައި ދިރިއުޅެން ބޭނުމެއް ނުވޭ.” އާރްޖީވީ ބުންޏެވެ.
މުޅި ފިލްމު އެންމެ 30 ދުވަހުގެ ތެރޭގައި އެ އެޕާޓްމަންޓުގައި ޝޫޓްކޮށް ނިންމާލާފައިވާއިރު، މި ފިލްމަކީ ބޮލީވުޑްގައި މިހާތަނަށް އުފެއްދި އެންމެ ބިރުވެރި އެއް ފިލްމުގެ ގޮތުގައި ބެލެވެއެވެ.
އަޖޭ ދޭވްގަން، އުރްމިލާ މަޓޮންޑްކަރް، ނާނާ ޕާޓޭކަރް އަދި ރޭކާ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމަކީ މިއަދުވެސް ބަލާލަން ބިރުވެރި، އައިކޮނިކް ފިލްމެކެވެ. އާރްޖީވީ ބުނި ގޮތުގައި އެ އެޕާޓްމަންޓް ހުރި އިމާރާތުގެ ނަން އޭނާ މިހާރު ހަނދާނެއް ނެތެވެ. ނަމަވެސް އެ ތަން އަދިވެސް ހުރީ ފިލްމުގެ ސަބަބުން އުފެދުނު ބިރުވެރިކަމާ އެކު ފަޅަށެވެ.
“ބޫތު” ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ 30 މެއި 2003 ގައެވެ. ފާޑުކިޔުންތެރިންނާއި ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާއެކު ރާޖީވީ ވަނީ 2012 ވަނަ “ބޫތު ރިޓާންސް” ގެ ނަމުގައި ސީކުއެލްއެއް އުފައްދާފައެވެ. ނަމަވެސް ބޮކްސް އޮފީހުގައި “ހިޓް” އެއްގެ ދަރަޖަ ހޯދި “ބޫތު” އާ ޚިލާފަށް ސީކުއެލް ބޮކްސް އޮފީހުގައި “ފްލޮޕް” ވީއިރު، ފާޑުކިޔުންތެރިންގެ ފަރާތުންވެސް ފިލްމަށް ލިބުނީ ވަރަށް ނައްސި ޚިޔާލުތަކެކެވެ.
