ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިތުގެ ޒަޚަމް – ކުރު ވާހަކަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މާލޭގެ ހަލަބޮލި މަގުތަކުގެ އަޑު މަޑުވަމުން ދިޔަ ވަގުތެކެވެ. ރޭގަނޑުގެ ބާރަޖަހާ ބޮޑުވެފައިވާއިރު، ޝީރީން އިނީ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރު ބަލާށެވެ. އުޑުމަތީގައި ރަސްކަން ކުރަމުންދާ ފުރިހަމަ ހަނދުވަރުގެ ރީތިކަން އޭނާއަކަށް މިއަދަކު އިޙުސާސެއް ނުވެއެވެ. އެ ހަނދުވަރުގެ ރިހި އަލި އޭނާގެ މޫނަށް އެޅުމުން، ހިތުގައި އުފެދިފައިވާ ރިހުން އިތުރަށް އާވަމުން ދިޔައެވެ. އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަކީ ބަޔާންކުރަން ދަތި ވޭނެއްގެ ހެކިވެރިންނެވެ.

ޝީރީންގެ ޚިޔާލުތައް ދަތުރުކޮށްލީ މީގެ އަހަރެއްހާ ދުވަސް ކުރިއަށެވެ. އޭނާގެ ދިރިއުޅުމަށް ރާޝިދު އައި ދުވަސްތަކަށެވެ. އެއީ އޭނާގެ މުޅި ދުނިޔެ ބަދަލުކޮށްލި ދުވަސްތަކެކެވެ. ރާޝިދަކީ ޝީރީންގެ ނަޒަރުގައި ފުރިހަމަކަމުގެ ނަމޫނާއެކެވެ. ރާޝިދުގެ ވާހަކަދެއްކުމާއި، އުޅުމާއި، އަދި ޝީރީނަށް ބަހައްޓާ އޯގާތެރިކަމަކީ އޭނާ ދުވަހަކުވެސް އުންމީދު ކުރި ކަންކަމެއް ނޫނެވެ.

ޝީރީންގެ ހަނދާނުގައި ވަނީ ރާޝިދު އޭނައާ މުޚާތަބުކޮށް އުޅުނު ލޯބިވެތި ގޮތްތަކެވެ. “މަގޭ ރޫޙޭ” ނުވަތަ “ލޮލުގެ ނޫރޭ” ބުނެ ލޯބި ނަންނަމުން ރާޝިދު އޭނައާ މުޚާތަބުކުރިއެވެ. އަދި “ޖާޒުބީ މޫނޭ” ކިޔާފައި އޭނާއަށް ތަޢުރީފުކުރުމަށް ރާޝިދު އެތައް ޅެމެއް ކިޔައިދިނެވެ. ޝީރީންގެ އަތުގައި ހިފާލައިގެން މާލެއާއި ހުޅުމާލޭގެ އަތިރިމަތީގައި ހިނގާލަން ދިޔަ ރޭތަކަކީ ޝީރީންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތަކެވެ. ދުވަސްތަކެވެ.

އެދުވަސްވަރު ރާޝިދު ބުނި ހަނދާންވެއެވެ.

“ރީން. ތީ އަހަރެންގެ ދިރިއުޅުމުގެ ނޫރަކީ. ދުވަހަކުވެސް ތި އަތުން ދޫކޮށްނުލާނަން.” ޝީރީން އެ ވާހަކަތައް ޤަބޫލުކުރީ ފުރިހަމަ އިތުބާރާއެކުގައެވެ.

ދުވާލުގެ ހޫނުކަމާއި ރޭގަނޑުގެ ފިނިކަމުގައިވެސް ރާޝިދު ވީ ޝީރީންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ޝީރީންގެ ހަނދާނަށް އައީ ރާޝިދު އޭނާއަށް ދިން ސަމާލުކަމެވެ. އޮފީހުން ގެއަށް އަންނަ މަގުމަތީގައި ކޮންމެ ދުވަހަކުވެސް އޭނާއަށް ކޮންމެވެސް ހަދިޔާއެއް ގެނެސްދެއެވެ. ބައެއް ފަހަރު އޭނާ އެންމެ ގަޔާވާ މަލެވެ. އަނެއްބައި ފަހަރު ކުދިކުދި ގަހަނާތަކެވެ. އެއީ ކޮންފަދަ ފޮނި ދުވަސްތަކެއް ހެއްޔެވެ؟

ނަމަވެސް، ކޮންމެ އުފާވެރިކަމަކަށްފަހު ހިތާމައެއް އަންނާނެއޭ ބުނާ ބަހުގެ ތެދުކަން ޝީރީންއަށް އިޙުސާސްވާން ފެށީ މީގެ ދެތިން ހަފުތާ ކުރިންނެވެ. ރާޝިދުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ފޯނާ ކުޅޭ ވަގުތު ގިނަވެ، ޝީރީންއާ ދައްކާ ވާހަކަ މަދުވިއެވެ. އޭނާ ސުވާލު ކުރުމުން ބުނަނީ އޮފީހުގެ މަސައްކަތް ބުރައީ ކަމަށެވެ.

އެއްރޭ ދަންވަރު ޝީރީނަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އޭނާ ގަޑި ބަލައިލިއިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. އެނދުގައި ރާޝިދެއް ނެތެވެ. ފާޚާނާގައިވެސް ރާޝިދު ނޫޅޭކަން ޔަޤީންވީ އެއްވެސް އަޑެއް ފާޚާނާއިންވެސް ނީވޭތީއެވެ. ކުޑަކޮށް ހައިރާންވެ ހުރެ މަޑުމަޑުން އެނދުން ތެދުވީ ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމުން ބަދިގެއަށް ދިއުމަށެވެ. ބަދިގެއަށް ދާން ނުކުތް ވަގުތު ސިޓިންރޫމުގައި ފޯނުން ވާހަކަދައްކަން އިން ރާޝިދު އޭނާގެ ލޮލުގައި އަޅައިގަތެވެ.

އެއާޕޮޑް ޖަހައިގެން އިނުމުން ރާޝިދަކަށް ޝީރީން ކޮޓަރިން ނުކުތް ކަމެއް ނޭނގެއެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ މަޑުމަޑުންނެވެ. ވުމާއެކު ޝީރީނަކަށް އޭނާ ދެއްކި ވާހަކައެއް ނޭނގުނެވެ. ދައްކާ ވާހަކަ އިވޭ ހިސާބަށް ނާދެވެނީސް ރާޝިދު އެނބުރި ބަލާލައިފިއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތިން ހާސްކަމެއް ފެނުނެވެ. އެކަން ޝީރީނަށްވެސް ފާހަގަކުރެވުނެވެ.

“ރީން. ކިހިނެއްވީ؟” ރާޝިދު ހަމަޖެހޭ ގޮތް ދައްކަމުން އަހާލިއެވެ. ޝީރީން ބަލަން ހުރީއެވެ.

“މީ.. ޖައިލަމް ގުޅައިގެން. އޭނަ އަންހެނުން ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލުގަ ބާއްވައިގެން. ލޭ ބޭނުންވެގެން ހެލްޕެއް ބޭނުންވެގެން ގުޅީ. ރީންއަށް ހޭލެވި ނިދި ހަލާކުވެދާނެތީ ބޭރަށް މި ނުކުތީ.” އެއްވެސް ސުވާލެއް ނުކުރަނީސް ރާޝިދު ވަރަށް ހަމަޖެހޭ ގޮތަށް ވާހަކައެއް ހަދާލިއެވެ.

ޝީރީން ހިނިތުންވެލާފައި އަތުގައި އޮތް ހުސްފުޅި ދައްކާލީ އޭނާ ބޭރަށް ނުކުތީ ފެން ހުސްވެގެން ފެން ބަލައިކަން އަންގާލުމަށެވެ. އޭނާ ބަދިގެއަށް ދާން ހިނގައިގަތް ވަގުތު ރާޝިދު ފުން ނޭވައެއް ބޭރުކޮށްލި އަޑު އޭނައަށް ސާފުކޮށް އިވުނެވެ.

ޝީރީންގެ ހިތުގެ ތޫފާން އުފެދުނީ އެ ހިސާބުންނެވެ. އޭނާއަށް ކޮންމެވެސް ނުބައެއް އުޅޭކަމުގެ އިޙުސާސް ކުރެވުނެވެ. އެކަމަކު އޭނަގެ ލޯބިވާ ފިރިމީހާ ރާޝިދަށް ޝައްކުކުރާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ޖެހިގެން އައި ދުވަސް ތަފާތެވެ. ރާޝިދަކީ ދުވަހަކުވެސް ސައި ނުބޮއި އޮފީހަށްދާ މީހެއް ނޫނެވެ. ހެނދުނުގެ ނާސްތާއަކީ ރާޝިދު ޚާއްސަ ސަމާލުކަމެއްދޭ އެއްޗެކެވެ. ސިއްޙަތަށް ބަލައިގެން އުޅޭ މީހަކަށް ވާތީ ހެނދުނުގެ ނާސްތާ އޭނާއަށް ވަރަށް މުހިންމުވެއެވެ. ގަޑިއަށް ސަމާލުކަންދޭ މީހަކަށް ވާތީ އޭނާ އަބަދުވެސް ހަމަޖެހިލައިގެން ނާސްތާ ކޮށްގެން އޮފީހަށް ދެވޭހާ ވަގުތު އޮއްވާ އޭނާ ތައްޔާރުވެއެވެ. ނަމަވެސް އެ ދުވަހު ވަގުތު އޮވެމެ، އޭނާ އޮފީހަށް ދިޔައީ ސައި ނުބޮއެވެ. ބަހަނާއަކަށް ދެއްކީ ސައި ބޯހިތް ނެތުމެވެ. އެއީ އެއްގޮތަކަށްވެސް ރާޝިދުގެ މިޒާޖާވެސް ނުގުޅޭ ކަމަކަށް ވުމުން ރޭގައި ހިނގި ކަންތައް ޝީރީންގެ ހިތަށް އުނދަގޫކުރަން ފެށިއެވެ.

“އަނެއްކާ އަހަރެންގެ ރާޝިދު ކަތި ފިޔަވަޅެއް އެޅީބާ؟ ނޫން. އެހެނެއް ނުވާނެ. މުޅި ދުނިޔެ ބަދަލުވިޔަސް އަހަރެންގެ ރާޝިދު ބަދަލެއް ނުވާނެ.” ބޭނުން ނުވިޔަސް ހިތުގައި ޝައްކުގެ އޮށުން ގަސް ފަޅައިފިއެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ލިބޭތޯ އޭނާ އަމިއްލަ ނަފުސަށް ބުނެދިނެވެ.

މިދިޔަ ހުކުރު ދުވަހަކީ ޝީރީންގެ ދިރިއުޅުން އަނދިރިވެގެންދިޔަ ދުވަހެވެ. ޝީރީން އޭނާގެ އެކުވެރިންނާއެކު ހުޅުމާލޭ ސެންޓްރަލް ޕާކަށް ދިޔައީ ހަވީރު ފިންޏަށެވެ. އެތަނުން އޭނާއަށް ފެނުނު މަންޒަރަކީ މުޅި އުމުރަށްވެސް ހިތުން ފޮހެލެވޭނެ މަންޒަރެއް ނޫނެވެ.

ޝީރީންއަށް ފެނުނީ ރާޝިދު އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން، ވަރަށް އުފަލުގައި ހީނލާފައި ހިނގަމުން ދިޔަ މަންޒަރެވެ. އެ އަންހެން ކުއްޖާގެ ކަރުގައި އޮތީ ޝީރީން ރާޝިދު ގާތު ވަރަށް ގަޔާވެގެން ބޭނުންވެގެން ހޯދައިދޭން އެދުނު ފަދަ މުތީގެ ފަށެކެވެ.

ޝީރީން ހުރިތަނަށް ގަނޑުވިއެވެ. އޭނާއަށް ކުރެވުނު އިޙުސާސަކީ މުޅި ދުނިޔެ އެނބުރިގަތް ފަދަ އިޙުސާސެކެވެ. މީގެ މަދު ދުވަސްކޮޅެއް ކުރިން އޭނާވެސް ރާޝިދާއެކު އެ މަގުތަކުގައި ހިނގީ ހަމަ އެހާ އުފަލުންނެވެ. ނަމަވެސް މިއަދު އެ މަގުތަކުން އޭނާއަށް ފެންނަނީ ހަމައެކަނި ބަދުނަސީބެވެ.

އެރޭ ރާޝިދު ގެއަށް އައީ އަށެއް ޖަހަނިކޮށެވެ. އޭނާ ހުރީ އޮފީސް ހެދުމުގައެވެ. އޭރު ޝީރީން އިނީ ސިޓިންރޫމް ސޯފާގައި ރާޝިދުގެ އިންތިޒާރުގައެވެ.

“ރާޝިދު ކޮންތާކުން؟” ޝީރީން އެހިއެވެ.

ރާޝިދަށް ހައިރާންކަމެއް ލިބުނެވެ. ދުވަހަކުވެސް ނާހާ ސުވާލެއް ކުރުމުންނާއި އެ ސުވާލު ކުރި ރާގުންނެވެ.

“އޮފީހުން. ކިހިނެއްވީ ކުއްލިއަކަށް އެހެން ތި އެހީ؟” ރާޝީދު އަހާލިއެވެ.

“ރާޝިދުގެ އޮފީސް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަތަ؟ އަހަރެން ނުދެނަހުރިން.” ޝީރީން އަހާލިއެވެ.

ރާޝިދަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް އޭނާ އެކަންތައް މޫނުމަތިން ނުދައްކަން މަސައްކަތްކުރިއެވެ.

“ކީކޭތަ ތި ކިޔަނީ؟ އަހަރެން މެންދުރު ކައިގެން އޮފީހަށް ދިޔަގޮތަށް މިހާރު މި އައީ ގެއަށް. ރީން. ކާކު ކީކޭ ކިޔައިގެންތަ ތި އުޅެނީ؟” ރާޝިދު އެހިއެވެ.

“މީހަކު އެއްޗެކޭ ނުކިޔާ. ރަނގަޅޭ. ރާޝިދު ގެއަށް ތިއައީ މިހާރު. އޭގެ ކުރިން އުޅުނީ ކޮންތާކުކަން އަހަންނަށް އެނގޭތީ މި އެހީ. ރާޝިދުގެ ހުރި ތެދުވެރިކަމެއްވެސް ބަލާލަން.” ޝީރީން ބުންޏެވެ.

“އަހަންނަކަށް ނޭނގެ ރީން ތިކިޔާ އެއްޗެއް. އަހަރެން ވަރަށް ވަރުބަލިވެއްޖެ. ބަނޑުހައިވެސް ވެއްޖެ. ކޯއްޗެއް ކާން ހުރީ؟” ރާޝިދު ކަމެއް ނުވާކަމަށް ހެދެމުން އާދައިގެ ރާގެއްގައި އެހިއެވެ. އަދި ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތެވެ.

“ޕާކުގަ އަތުގުޅައިގެން ހިނގާ އަންހެންކުއްޖާ ކާކަށް ނުދޭތަ؟” ޝީރީން ވަރަށް ސާފުކޮށް ސީދަލަށް ސުވާލު ކުރުމުން ރާޝިދުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނީ ސިއްރު ބޭޒާރުވެއްޖެކަން އެނގުމުންނެވެ.

“ޝީރީން މިހާރު އަހަންނަށް ފާރަލާންވެސް ފެށީތަ؟” ރާޝިދު ހިތްހަމަނުޖެހިފައި އެހިއެވެ.

“އަހަރެން ރާޝިދަކަށް ފާރައެއް ނުލަން. އަދި ޝައްކެއްވެސް ނުކުރަން. އެކަމަކު ލޮލުން ދެކި އަތުން ހިފުނީމަ ދެން ނޯންނާނެ ޤަބޫލުކުރުން ނޫން އިތުރު ގޮތެއް.” ޝީރީން ބުންޏެވެ.

“އެއީ ހަމައެކަނި ރައްޓެއްސެއް. ފެންނަހާ އެއްޗަކީ ހަޤީޤަތެއް ނޫން.” ރާޝިދު ބުންޏެވެ.

“ބުނަން ރާޝިދު. އަހަންނަކީ ވެސް ތަންދޮރު ނޭނގޭވަރު ކުޑަކުއްޖެއް ނޫން. ރައްޓެހިން އަތުގަ ހިފައިގެން ދާހެނެއް ނޫން ރާޝިދު ދިޔައީ. ރައްޓެހިންނަށް ބަލާހެނެއް ނޫން އޭނައަށް ބެލީ. ދެން ތިބުނީ ހަމަ ތެދެއް. ފެންނަހާ އެއްޗަކީ ހަޤީޤަތެއް ނޫން. އަހަރެންވެސް ހީކުރިން މި ހުރިހާ ދުވަހު ރާޝިދު އަހަރެންދެކެ ވީ ލޯބި ކަމަށް. އެކަމަކު މިއަދު އެނގިއްޖެ އެއީ ދެއްކި ދަޅައެއްކަން. ދެއްކިހާ ފޮނި ލޯބި ވާހަކަތަކަކީ ފުލޯކު ވާހަކަތަކެއްކަން. ރާޝިދު ބުނެބަލަ. އަހަންނަށް ކޮންކަމެއް ރާޝިދަށް ނުކޮށްދެވޭތީ ރާޝިދު ތިހެން ތި ކަންތައް ކުރީ؟ ރާޝިދަށް ކޮންކަމެއް އުނިވާތީ؟” ޝީރީންގެ ރުޅިއާ އެކުވެގެން އޭނާއަށް ރޮވިއްޖެއެވެ.

“ރާޝިދު އިސްޖަހައިގެން ހުރީ އޭނާގެ ކުށް ޤަބޫލުކުރާތީ ކަހަލައެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝީރީންގެ ރުއިމުގެ އަޑު އޭނާއަށް އިވެއެވެ. ހިތަށް އުނދަގޫވެސް ވިއެވެ. ޝީރީންގެ އެއްވެސް ކުށެއް ނެތި އޭނާއަށް ޝީރީން ހިތުގައި ޖެއްސުނީތީއެވެ.

“ރީން. އަހަންނަށް މަޢާފްކުރޭ. ރީންގެ އެއްވެސް ކުށެއް ނެތް. ކުށް ކުރެވުނީ އަހަންނަށް. އަހަންނަކަށްވެސް ނޭނގެ އަހަރެންގެ ހިތް އެހެން ދިމާއަކަށް ދީލާލީ ކޮންއިރަކު ކަމެއް. އަހަރެން އެކަމުން ރެކޭކަށް ބޭނުމެއް ނޫން. އެހެން އެވީ އަހަރެންގެ ކޮންމެވެސް އުނިކަމެއް ހުރީމަ.” ރާޝިދު ބުންޏެވެ.

ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. އެންމެ ފަހުން އެ ހިމޭންކަން ދުއްވާލީ ރާޝިދެވެ.

“ރީން. އަހަންނަށް އެނގޭ އަހަންނަށް މަޢާފްކުރުމަކީ ރީންއަށް އުނދަގޫ ކަމަކަށް ވާނެކަން. މަޢާފުކުރެވުނަސް އިތުބާރުކުރަން ވަރަށް އުނދަގޫވާނެ. އިތުބާރު ނެތް ގުޅުމެއް ދެމެހެއްޓުމަކީ ވާނެކަމެއް ނޫން. ގޮތް ނިންމާނީ ރީން. ރީން ބޭނުންވާ ގޮތަކަށް އަހަރެން ކަންތައް ކޮށްދޭނަން. އަހަރެންގެ ކުށުގެ އަދަބަކީ ދެމީހުން ވަކިވުން ކަމަށް ވިޔަސް އަހަރެން އެއްބަސް.” ރާޝިދު ބުންޏެވެ.

“އަހަރެން ބޭނުމީ ވަރިވާން. ބޭވަފާތެރިޔަކާއެކު އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ދެން ރާޝިދަކަށް އިތުބާރެއް ނުކުރެވޭނެ.” ޝީރީން ރޮމުން ބުންޏެވެ.

ރާޝިދު ޝީރީން އެދުނު ގޮތަށް ކަންތައް ކޮށްދިނެވެ. ކޯޓުން ބޭރުގައި ވަރިކުރުމުން ކޯޓަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އޭނާ އެކަން އެގޮތަށް ކުރީ ކޯޓުން އެކަން އިތުރު މަސްތަކަކަށް ދަންމާނެކަން އެނގޭތީއެވެ.

މިއަދު ޝީރީން އެ އިނީ އެކަނިވެފައެވެ. އެކަމަކު އެ އެކަނިވެރިކަމުގެ ތެރެއިން އޭނާއަށް އާ ހިތްވަރެއް ލިބެމުންދެއެވެ. އޭނާ ދަސްކުރަމުންދަނީ އަމިއްލަ ނަފުސަށް އިތުބާރު ކުރާށެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކޮންމެ ތޫފާނަކީވެސް އާ ފެށުމަކަށް މަގުފަހިކޮށްދޭ ކަމެއްކަން އޭނާ ޤަބޫލުކުރެއެވެ.

ޝީރީންގެ ހިތުގެ ޒަޚަމްތައް ފަސޭހަވާން އަދި ދުވަސް ނަގާނެއެވެ. ނަމަވެސް އޭނާ އަޒުމް ކަނޑައެޅީ އެ ޒަޚަމްތަކަކީ އޭނާގެ ބަލިފައި ކަމުގައި ނުހަދައި، އެއީ އޭނާގެ ތަޖުރިބާއެއް ކަމުގައި ހެދުމަށެވެ.

ކުޑަދޮރުން ވަންނަމުންދިޔަ ފިނި ރޯޅިތަކާއެކު ޝީރީން ފުން ނޭވާއެއްލިއެވެ. ދިރިއުޅުމުގެ އާ ބާބެއް ފެށުމަށް އޭނާ މިހާރު ތައްޔާރެވެ. ޚިޔާނާތުގެ ތެރެއިން އޭނާއަށް ދަސްކޮށްދިނީ ދެން އަންނަ ދުވަސްތަކުގައި އިތުބާރު ކުރަންވީ ކާކަށްކަމާއި، ލޯބިވާންވީ ކިހިނެއްކަމެވެ. އޭނާގެ ހިތުގައި ހުރި ޒަޚަމްތައް ގުނަން އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެ ޒަޚަމްތަކަށް ޝިފާ ހޯދައި، އަލުން ހީނލާފައި މައިދާނަށް ނުކުންނާށެވެ.

މާދަމާގެ އިރު އަރާއިރު، ޝީރީން ވާނީ އިހަށްވުރެ ވަރުގަދަ، ކެތްތެރި، އަދި ހިތްވަރުގަދަ އަންހެނަކަށެވެ. ލޯބީގެ ނަމުގައި އޭނާއަށް ލިބުނު ލަނޑަކީ އޭނާގެ ކުރިމަގުގެ އައްޑަނައަކަށް ހަދާނެއެވެ. އަދި އޭނާގެ ހިތުގެ ދަތި ހާލަކީ، އޭނާގެ ކާމިޔާބީގެ ފެށުން ކަމުގައި ވާނެއެވެ.

(ނިމުނީ)

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top