އެފްއޭއެމް އިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގައި ހިމެނޭ ހަތަރު ރީޖަނަލް ލީގުގެ ކުޅުން ނިމިއްޖެ އެވެ.
ހަތަރު ރީޖަނަލް ލީގުގެ ކުޅުން މިއަދު ނިމުނުއިރު މާލޭ ރީޖަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބިސްބުރު ސްޕޯޓްސް ކްލަބް އެވެ.
ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ އެއްމެޗު އެއްވަރުވެ 16 ޕޮއިންޓާއިއެކު ނޯތު ރީޖަންގެ ޗެމްޕިއަންކަން ހޯދީ ހއ. ދިއްދޫ އެވެ.
ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއްމެޗު އެއްވަރުވެ، އެއްމެޗުން ބަލިވެ 13 ޕޮއިންޓާއިއެކު ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދީ ހުރާ ކޮމިއުނިޓީ ކްލަބް އެވެ.

ފޮޓޯ: ގައްދޫ ކައުންސިލް ފޭސްބުކް
ކުޅުނު ހަ މެޗުން ވެސް މޮޅުވެ ސައްތައިން ސައްތަ ރިކޯޑަކާއިއެކު ސައުތު ރީޖަންގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދޫ ރެކްރިއޭޝަން ކްލަބް އެވެ.
އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގަ ލިބޭ ޓީމުތައް ކަނޑައެޅުމަށްޓަކައި މިމަހު ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިން ބުރުގައި ވާދަކުރާނީ ހަތަރު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދި ހަތަރު ޓީމުގެ އިތުރުން މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާއި އަށްވަނަ ހޯދި ކުލަބް ގްރީން ސްޓްރީޓްސް އެވެ.
