ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފޯބްސްގެ 30 އަންޑަރ 30 އޭޝިއާ ލިސްޓުން ދިވެހި ކުރެހުންތެރިޔާ ރާޔާ މަންސޫރު ޖާގަ ހޯދައިފި

ދުނިޔޭގެ މަޝްހޫރު ފޯބްސް މެގަޒިންއިން ހޮވާ އޭޝިއާ ސަރަޙައްދުގެ “30 އަންޑަރ 30” ލިސްޓުގައި ދިވެހި ފަންނާނެއް ކަމަށްވާ ރާޔާ މަންސޫރު ހިމެނިއްޖެއެވެ. ފަންނުވެރިކަމުގެ ދާއިރާއިން (ދި އާޓްސް ކެޓަގަރީން) ރާޔާ މި ޝަރަފުވެރި ލިސްޓުގައި ހިމެނިފައިވަނީ 2026 ވަނަ އަހަރުގެ އެޑިޝަނުންނެވެ.

ރާޔާ މަންސޫރަކީ ރާއްޖޭގައި މަގުބޫލު ލައިފްސްޓައިލް އާޓް ބްރޭންޑެއް ކަމަށްވާ “އޮއިވާލި އާޓް ޝޮޕް”ގެ އެއް ބާނީއެވެ. އޭނާ މި ވިޔަފާރި އުފެއްދީ 2015 ވަނަ އަހަރު އޭނާގެ އަންހެން ކޮއްކޮ ރާނިޔާ މަންސޫރާ އެކުގައެވެ. އިގްތިސާދީ ދާއިރާއިން ޔުނިވަރސިޓީ ތައުލީމު ހާސިލުކޮށްފައިވާ ރާޔާއަކީ އަމިއްލައަށް ކުރަހަން ދަސްކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ. އޭނާގެ ކުރެހުންތަކުގައި ބޮޑަށް ބޭނުންކުރަނީ އެކްރީލިކް އަދި އޮއިލް ޕެއިންޓިންގ އެވެ.

ރާޔާގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ވީއައިޕީ ލައުންޖު ފަދަ ތަންތަނުގައި މިހާރު ވެސް ދަނީ ދައްކާލަމުންނެވެ. “އޮއިވާލި އާޓް ޝޮޕް”ގެ ޚިދުމަތްތައް ފުޅާވެ، މިހާރު މާލޭގެ އިތުރުން ސިންގަޕޫރުގައި ވެސް އެ ބްރޭންޑުގެ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

ފޯބްސް އިން ނެރުނު 11 ވަނަ އޭޝިއާ “30 އަންޑަރ 30” ލިސްޓުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 10 ދާއިރާއަކުން ޖުމްލަ 300 ފަރާތެއް ވަނީ ހިމަނާފައެވެ. ރާޔާ ހޯދި މި ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ފަންނާނުންގެ ހުނަރުވެރިކަން ބަލައިގަންނަކަމުގެ ހެއްކެކެވެ. އަދި މިއީ ސަރަޙައްދީ ފެންވަރުގައި ދިވެހި އުފެއްދުންތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top