ޕާކިސްތާން ޑްރާމާ ސިލްސިލާ “އޭކް މޮހައްބަތު އޯރް” އަންނަ ހަފުތާގައި ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.
މި ޑްރާމާގެ ލީޑް ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ދެ ތަރިން ކަމަށްވާ މާޔާ ޢަލީ އާއި އަހަދު ރަޒާ މީރްއެވެ. މީގެ އިތުރުން ހަޖްރާ ޔާމީން، ސަބީނާ ފާރޫޤް، ސާމިޔާ މުމްތާޒް، ނޫރުލް ޙަސަން، ހީނާ ޚަވާޖާ ބަޔާތު، ޔޫސުފް ބަޝީރު ޤުރައިޝީ، އައްބާސް އަޝްރަފް އަވާން، ސަޗަލް އަފްޒަލް އަދި އުޒްމާ ބޭގް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
“އޭކް މޮހައްބަތު އޯރް” ގެ ވާހަކަ ބިނާވެފައިވަނީ އާދައިގެ ލޯބީގެ ވާހަކައެއްގެ ބަދަލުގައި، ލޯތްބާއި، ތަޤުދީރާއި، ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުން އަރައިގަތުމުގެ ބާރުގެ މައްޗަށެވެ. މާޔާ އަލީ މި ޑްރާމާގައި ފެނިގެންދާނީ މާޒީގެ ހިތްދަތި ތަޖުރިބާތަކެއްގެ ސަބަބުން އަލުން މީހަކަށް އިތުބާރުކުރުމަށާއި ލޯބިވުމަށް ޖެހިލުންވާ، ނަމަވެސް އަބުރުވެރި އަންހެނެއްގެ ރޯލުންނެވެ. އަހަދު ރަޒާ މީރް ފެންނާނީ އޭނާގެ ދިރިއުޅުމަށް ހިތްހަމަޖެހުމާއި އޯގާތެރިކަން ގެނެސްދޭ މީހެއްގެ ގޮތުގައެވެ. ދެމީހުންގެ ތަފާތު ދިރިއުޅުމުގެ ހަނގުރާމައާއި، ހިތުގެ އިޙުސާސްތައް މި ޑްރާމާގެ ތެރެއިން ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.
މި ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ “އިޝްޤް މުރްޝިދު” އަދި “ޕިޔާރް ކޭ ސަދްޤޭ” ފަދަ ކާމިޔާބު ޑްރާމާތައް ގެނެސްދީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފާރޫޤް ރިންދެވެ. ވާހަކަ ލިޔެފައިވަނީ މަޝްހޫރު ޑްރާމާ “ރާންޖާ ރާންޖާ ކަރްދީ” ގެ ލިޔުންތެރިޔާ ފާއިޒާ އިފްތިޚާރެވެ. ޕްރޮޑިއުސްކުރީ މަލްޓިވާސް އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ތަހްރީމް ޗޯދަރީއެވެ.
މާޔާ އާއި އަހަދު މުޅިން އަލަށް އެކުގައި ފެނިގެންދާ “އޭކް މޮހައްބަތު އޯރް” މިހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ގްރީން ޓީވީއިން ދައްކަން ފަށާއިރު، އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. މީގެ އިތުރުން ގްރީން ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާ ބަލައިލެވޭނެއެވެ.
