ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ބަނގުލަދޭޝްއިން އަފްޣާނިސްތާން މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ވެސް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު ކުޅެމުންދިޔަ ބަނގުލަދޭޝް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ފެނުނު މި މެޗުން މޮޅުވާން ދެޓީމުން ވެސް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖެއާ ބައްދަލުކޮށް 1-0 އިން މޮޅުވި އަފްޣާނިސްތާން ފަސޭހަކަމާއިއެކު މި މެޗުން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، ބަނގުލަދޭޝްއިން ވަނީ ވަރުގަދަ އަފްޣާނިސްތާން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފައެވެ.
0-0 އިން އެއްވަރުވެގެން ނިމުނު މި މެޗާއިއެކު ލީގު ބުރުގެ ފޯރި ވަނީ ގަދަވެފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް އަފްޣާނިސްތާން ވަނީ ދެވަނައިގައި ހަމަޖެހިލައިފައެވެ. އަދި މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެ ޕޮއިންޓް ހަމަކޮށް ބަނގުލަދޭޝް އިން ވަނީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފައެވެ.
ލީގު ބުރުގެ ތިންވަނަ މެޗުގައި 7 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އަފްޣާނިސްތާނާއި ޕާކިސްތާންއެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ބަނގުލަދޭޝް އާއި ދިވެހިރާއްޖެ އެވެ.
ޕޮއިންޓް ޓޭބަލް މިހާރު އޮތް ގޮތުން ދިވެހިރާއްޖޭ ފިޔަވާ ދެން އޮތް ތިން ޓީމަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
