ކުލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކިންގްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހޯކްސް އަދި ކޯރާކޯރާ މޯލްޑިވްސް އާއި ކޮންރަޑް މޯލްޑިވްސް ދަތުރުކޮށްފިއެވެ.
ގުރޫޕް ބީ އާއި ގުރޫޕް ސީގެ ހުރިހާ މެޗެއް މިރޭ ވަނީ ނިންމައިފައެވެ.
ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރި އެސްޓީއޯ އިން ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެ ޓީމަށް 9 ޕޮއިންޓާއިއެކު ފައިދާ 4 ގޯލް ލިބިފައިވެއެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ހޯކްސް ގުރޫޕް ސްޓޭޖުގައި އެސްޓީއޯ މެޗުން ބަލިވި ނަމަވެސް، އާރުއާރުސީ އާއި ފިސްޑާ ބަލިކުރި އެވެ. ހަ ޕޮއިންޓާއިއެކު ފައިދާ 4 ގޯލް އެ ޓީމަށް ލިބިފައިވެއެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ގުރޫޕް ސީ އިން ކުއާޓާރ ފައިނަލަށް ދަތުރު ކުރީ ކޯރާކޯރާ އާއި ކޮންރަޑް އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދި ކޯރާކޯރާއިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން މޮޅުވި އެވެ. ހަތް ޕޮއިންޓާއިއެކު ފައިދާ 2 ގޯލް ކޯރާކޯރާއަށް ލިބިފައިވެއެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ކޮންރަޑް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި ފައިދާ 3 ގޯލް ހަމަކޮށްފަ އެވެ.
ކުއާޓާރ ފައިނަލްގެ ޖާގަ ލިބޭ އަނެއް ހަތަރު ޓީމު އެނގޭނީ މާދަމާ ރޭގެ މެޗުތައް ނިމުމުންނެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ ފަހު ދެ މެޗެވެ.
ފުރަތަމަ މެޗުގައި އެޗްޕީއެސްއެން އާއި އެމްޓީސީސީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެއިޓީ ފޯ އެފްސީ އާއި އުތީމު އެފްސީ އެވެ.
ކުއާޓާރ ފައިނަލްގެ ފަސްވަނަ ޖާގަ އާއި ހަވަނަ ޖާގަ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ދެވަނަ ޓީމަށް ލިބޭއިރު ހަތްވަނަ ޖާގަ އާއި އަށްވަނަ ޖާގަ ލިބޭނީ، ތިން ގުރޫޕުން ތިން ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއްގެ ހޯދި ދެ ޓީމަށެވެ.
