ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެ މެޗުން ބަނގުލަދޭޝްއަށް މޮޅު ނުވެވުމުން އަފްޣާނިސްތާން ފައިނަލަށް
ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑު ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ބަނގުލަދޭޝްއަށް ލިބުނު ފުރުސަތު ދިވެހިރާއްޖެ މެޗުން މޮޅު ނުވެވުމުން ގެއްލިއްޖެ އެވެ.

މި މެޗާއި ބަނގުލަދޭޝް ކުރިމަތިލީއިރު ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި މެޗުން މޮޅުވެ ފަސް ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބަނގުލަދޭޝް އެވެ. ދެ އަރިމަތިން ކުރިއަށް އަރައި ގޯލް ކުރިމައްޗަށް ބޯޅަތައް ހުރަސްކޮށް ލަނޑު ޖަހަން މަސައްކަތްކުރި ބަނގުލަދޭޝްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކައުންޓަރ އެޓޭކަށް އަރައި ލަނޑު ޖަހަން މަސައްކަތްކުރި ދިވެހިރާއްޖެއިންނެވެ.

އެ ލަނޑު ދިވެހިރާއްޖެއިން ޖެހީ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ބަނގުލަދޭޝްގެ އޭރިޔާގެ ތެރެއިން ދިވެހިރާއްޖޭގެ އަބްދުﷲ ލޫތު އިބްރާހީމަށް ބަނގުލަދޭޝް ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލަށް ވައްދާލައި ދިވެހިރާއްޖެއަށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ދިވެހިރާއްޖެއިން ލަނޑެއް ޖެހި ނަމަވެސް މުޅި ހާފަށް ބަލާއިރު ރަނގަޅަށް ކުޅުނީ ބަނގުލަދޭޝް އެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ބަނގުލަދޭޝްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދިވެހިރާއްޖޭގެ އޭރިޔާގެ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައި ބަނގުލަދޭޝްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިރާޖުލް އިސްލާމް އެވެ.

ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް

ފައުލް ގިނަ ކާރޑް ގިނަ މި މެޗުގައި ބަނގުލަދޭޝްގެ އޮފިޝަލަކާއި ދެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ވެސް ދައްކާފައެވެ.

މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ވަނީ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި ގަޔަށް އަތްލާފައެވެ.

މި މެޗު އެއްވަރު ވުމާއިއެކު ފައިނަލަށް ދިއުމުގެ ފުރުސަތު ބަނގުލަދޭޝްއަށް ގެއްލި ދެވަނަ ޓީމުގެ ގޮތުގައި އަފްޣާނިސްތާން ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެރޭ 21:00 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top