ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ “ޖަންނަތު” ގެ ފަސްޓް ލުކް ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ފަސްޓް ލުކުން ފެންނަނީ ފިލްމުގެ ލީޑް ޝަރަފް އާއި އޭނާގެ ދަރިފުޅު ކަމަށް ބެލެވޭ ކުއްޖަކާއެކު ހިނގާފައި ދަމުން ނަވަތައިގެ އެންމެ މަތީ ލެވަލްގެ ނަންބަރުތައް ހިތު ހިސާބުން ކިޔައިދެމުން އަންނަ ތަނެވެ. މި މަންޒަރުތަކުން ފެންނަގޮތުގައި ޝަރަފުއަކީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ވަރުގަދަ ސިކުނޑިއެއް ލިބިފައިވާ މީހެކެވެ.
މި ފިލްމަކީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ޑާކް ރެއިންގެ ގިނަ ކާމިޔާބު ފިލްމުތަކެކޭ އެއްފަދައިން، މި ފިލްމަކީ ވެސް ފެންވަރު ރަނގަޅު، ބަލާލަން ހިތްގައިމު އުފެއްދުމަކަށް ވާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.
“ޖަންނަތު” ގެ ޑައިރެކްޝަން އަދި އެޑިޓިންގ މަސައްކަތް ކުރަނީ ރާއްޖޭގެ ފުންނާބު އުސް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަކީ އައިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަރ) ގެ ޕްރޮޑަކްޝަނެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ.
ފިލްމުގެ ފަހަތުގައި ތިބި މުހިންމު ޓެކްނިކަލް ޓީމަށް ބަލާއިރު، ސިނެމަޓޯގްރަފީގެ މަސައްކަތް ކުރަނީ އަހުމަދު ޒިފާފެވެ. މޭކަޕްގެ މަސައްކަތް ހަސަން އާދަމް ކުރާއިރު، ޓެކްނިކަލް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރަނީ އުމަރު އަޝްފާގެވެ. އަދި ފިލްމުގެ މާކެޓިންގ ހެޑަކީ ހޫދު އިބްރާހިމްއެވެ.
“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީއެވެ.
ޑާކް ރެއިންގެ މި އައު އުފެއްދުމުގެ ފަސްޓް ލުކް އާންމުކުރުމާއެކު، ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ މި ފިލްމަށް ހުއްޓިފައެވެ. ފިލްމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށް އެ ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.
View this post on Instagram
