ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ފެށި މެޗުގައި ބައްދަލުކުރީ 2025/2026 ދިވެހި ޕްރިމިއާ ލީގުގެ 8 ވަނަ ހޯދި ކުލަބް ގްރީން ސްޓްރީޓްސް އާއި ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާ ކޮމިއުނިޓީ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގްރީން ސްޓްރީޓްސް އެވެ. ހުރާ ހާފުގެ މެދަކާއި ހިސާބު އަރިމަތިން ގްރީން ސްޓްރީޓްސްއަށް ލިބުނު ހިލޭ ޖެހުން، މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އޭރިޔާ ތެރޭ ހުރި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ވަނީ ބޮލުން ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލައިފައެވެ. 31 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް މި ލަނޑު ޖަހައިދިނީ ހުޒާމް ހަމީދު އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ގްރީން ސްޓްރީޓްސް ކުރީގައި އޮވެގެންނެވެ.
ހުރާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 65 ވަނަ މިނިޓްގައެވެ. ހުރާ ޓީމުގެ ދެ ކުޅުންތެރިން ޕާސް ކޮށްލައިގެން އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައި ހުރާއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ގޯމޭޒް އެވެ.
މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ޕްރިމިއާ ލީގު ކޮލިފައިންގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ދިއްދޫ އާއި ގައްދޫ އެވެ.
