އާލިއާ ބަޓް އަދި ޝަރުވަރީ މުހިންމު ރޯލުތަކުން ފެނިގެންދާ ‘އަލްފާ’ އަންނަ މަހު ސިނަމާތަކަށް އަންނާނެ ކަމަށް ވަނީ ތާވަލުކުރެވިފައެވެ.
ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގައި އަންހެނުން އިސްވެ ތިބެ ކުޅޭ ފުރަތަމަ އެކްޝަން ފިލްމު ކަމަށްވާ މި ފިލްމުގެ ފޯރިގަދަ ޓީޒާ މި ހަފުތާގެ ތެރޭގައި ރިލީޒްކުރާނެއެވެ.
މި މަޢުލޫމާތުގައިވާ ގޮތުން، ޔަޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) އިން އާލިއާ ބަޓް އަދި ޝަރުވަރީގެ މި ފިލްމުގެ ފުރަތަމަ މަންޒަރުތައް ދައްކާލާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މީގެ އިތުރުން، މި ފިލްމުގެ ޓްރެއިލާއިން ކުޑަ އަންހެން ކުއްޖަކު ވަރުގަދަ ގާތިލަކަށް (އެސޭސިން އަަކަށް) ވުމަށްޓަކައި ކުޑައިރުއްސުރެ ތަމްރީނު ހޯދާ ގޮތް ފެނިގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
‘އަލްފާ’ އަކީ ވައި.އާރު.އެފް ސްޕައި ޔުނިވަރސްގެ ތެރެއިން، ޕްރޮފެޝަނަލް ގާތިލެއްގެ ދިރިއުޅުމުގެ އަސްލު ބިނާކޮށް އުފައްދާ ފުރަތަމަ ފިލްމެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، ‘އަލްފާ’ ގެ ޓީޒާ ޖޫން 10 ގައި ރިލީޒްކުރުމަށް ފަހު، ފިލްމުގެ ވަރުގަދަ މާކެޓިންގ އަދި ޕްރޮމޯޝަން ހަރަކާތްތަކެއް ފެށޭނެއެވެ. މި ހަރަކާތްތައް ބިނާކޮށްފައިވަނީ މިއަދުގެ އިންޑިއާގެ ޒުވާނުންގެ ކިބައިގައި ހުންނަ ‘އަލްފާ’ މިޒާޖު ދައްކުވައިދޭ ގޮތަށެވެ. އަދިތުޔާ ޗޯޕްރާ އާއި އޭނާގެ ޓީމުން ވަނީ ފިލްމު ރިލީޒްކުރުމާ ހަމައަށް ވަރަށް ފުރިހަމަ ޕްލޭނެއް އެކުލަވާލާފައެވެ.
އިތުރަށް މަޢުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ‘އަލްފާ’ އަކީ ހަމައެކަނި ފިލްމެއްގެ ނަމެއް ނޫން ކަމާއި، އެއީ ވަރުގަދަ މިޒާޖެއްކަން އަންގައިދިނުމެވެ. އެކި ކަހަލަ ޑިޖިޓަލް ހަރަކާތްތަކާއި ޒުވާނުންނާ ގުޅޭ ޚާއްޞަ އިވެންޓްތަކުގެ ތެރެއިން، އާލިއާ އަދި ޝަރުވަރީ މިއަދުގެ އިންޑިއާގެ ޒުވާނުންގެ ޖެހިލުންކުޑަ ސިފަތައް ދައްކުވައިދޭނެއެވެ.
ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ ‘އަލްފާ’ ސިނަމާތަކަށް އަންނާނީ 3 ޖުލައި 2026 ގައެވެ.
