މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާލީގު 2026/2027 ކޮލިފައިންގެ ތިންވަނަ މެޗުން ޓީސީ މޮޅުވިޔަނުދީ ބިސްބުރުން ހިފަހައްޓައިފިއެވެ.
2026/2027 ގެ ދިވެހި ޕްރިމިއާލީގު ކޮލިފައިން ތިންވަނަ މެޗުގައި ބައްދަލުކުރީ މާލެ ރީޖަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބާއި 2025/2026 ގެ ދިވެހި ޕްރިމިއާ ލީގުގެ 7 ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޓީސީ އެވެ. މުޅި ޓީމު ކުރިޔަށް ޖެހިގެން ކުޅުނު ޓީސީން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް 19 ވަނަ މިނިޓާއި ހަމައަށް ބިސްބުރުން ވަނީ ހުއްޓުވައިފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޓީސީން ޖެހީ 20 ވަނަ މިނެޓުގައެވެ. އޭރިޔާ ތެރެއަށް ވަންނަން ދިޔަ ހުސެއިން ޝަރީފަށް ޓީސީގެ ޕްރިންސް ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު، ގޯލްގެ ތެރެއަށް ފޮނުވާލީ ބޯޅަ ހޯދަން ނުކުތް ކީޕަރުގެ ބޯމަތިންނެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ޓީސީންނެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ބިސްބުރުން ނަތީޖާ ހަމަހަމަ ކުރީ 43 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އާމިރު ޝުއައިބު އެވެ.
ދެވަނަ ހާފުގައި ވެސް ބިސްބުރަށް ވުރެ ރަނގަޅަށް ކުޅުނީ ޓީސީ އެވެ. އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިފައެވެ. ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނު ބިސްބުރުން އިސްކަންދިނީ ކައުންޓަރ އެޓޭކްގައި ލަނޑު ޖަހާށެވެ.
މެޗުގެ ފަހުކޮޅު ޓީސީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބިސްބުރުގެ ކީޕަރު ދިފާއުކުރިއިރު ބިސްބުރުން އުފެއްދި ނުރައްކާތެރި ހަމަލާ އީނާސް ވަނީ ހުއްޓުވައިފަ އެވެ.
ރަނގަޅު ގިނަ ފުރުސަތުތަކެއް ޓީސީން ތަނަވަސްކުރި މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
މި މެޗާއިއެކު ކޮންމެ ޓީމެއް މިވަނީ އެއް މެޗު ކުޅެފައެވެ. ޓީމުތަކަށް މިހާރު ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު، މިވަގުތު އެއްވަނައިގައި އޮތީ ދިއްދޫ އެވެ. ދިއްދުއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހުރާ އާއި ގްރީން ސްޓްރީޓްސް އަދި ޓީސީ އާއި ބިސްބުރަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ. ގައްދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ހަތަރުވަނަ މެޗުގައި ބައްދަލު ކުރާނީ ކުލަބް ގްރީން ސްޓްރީޓްސް އާއި ބިސްބުރު ސްޕޯޓްސް ކްލަބް އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 12 ވަނަ ދުވަހު ހަވީރުއެވެ.
