ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިން ހަތަރު ވަނަ މެޗުން ބިސްބުރު މޮޅުވެއްޖެ އެވެ.
2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ބިސްބުރު ސްޕޯޓްސް ކްލަބާއި ކުލަބް ގްރީން ސްޓްރީޓްސް އެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުން ވަނީ މެޗުގެ 19 ވަނަ މިނިޓްގައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާ ކަދުމް އެވެ.
މަޑުމަޑުން މެޗުގެ ތެރެއަށް ވަތް ބިސްބުރު ނަތީޖާ ހަމަހަމަ ކުރީ 25 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު މަހްމޫދު އަލް މުސްތަފާ އެވެ.
ބިސްބުރުން ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ ގްރީން ސްޓްރީޓްސް ވަނީ ނުރައްކާތެރި ހަމަލާއެއް ބިސްބުރުގެ ގޯލަށް އަމާޒުކޮށްލާފަ އެވެ. މި ހަމަލާ ދިފާއުކުރީ ބިސްބުރުގެ ކީޕަރެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ ބިސްބުރުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. ގްރީން ސްޓްރީޓްސްގެ ކޯނަރު ދަނޑި ކައިރިން ލިބުނު ހިލޭ ޖެހުމަކުން ބިސްބުރަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު މަހްމޫދު އަލް މުސްތަފާ އެވެ. މަތިމަތިން ގޯލާއި ދިމާއަށް އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.
މި ލަނޑާއިއެކު މެޗުގެ ކޮންޓްރޯލް ހޯދި ބިސްބުރުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 39 ވަނަ މިނެޓުގަ އެވެ. ގްރީން ސްޓްރީޓްސްގެ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާމިރު ޝުއައިބު އެވެ.
ތިންވަނަ ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ބިސްބުރުން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. އެ ޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަޝީދު އެވެ.
މި ލަނޑަށްފަހު ވެސް ބިސްބުރަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ބިސްބުރެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ގްރީން ސްޓްރީޓްސް އަށް ވެސް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
ގްރީން ސްޓްރީޓްސްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ގްރީން ސްޓްރީޓްސް އަށް މި ލަނޑު ޖަހައިދިނީ އަންސަރު އިބްރާހިމް އެވެ.
ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ ގްރީން ސްޓްރީޓްސްއަށް އިތުރު ލަނޑެއް ނުޖެހި އުޅެނިކޮށް ބިސްބުރުން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާމިރު ޝުއައިބު އެވެ.
2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ހުރާ އާއި ގައްދޫ އެވެ.
