އެމެރިކާގެ ކެލިފޯނިއާގެ ލެވީސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުން މޮޅުވާން ދިޔަ ސްވިޒަލެންޑް ހުއްޓުވައި، ގަތަރުން 1-1 އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފިއެވެ. މުޅި މެޗު ސްވިޒަލެންޑުން ޑޮމިނޭޓް ކުރި ނަމަވެސް، މެޗުގެ ފަހު ވަގުތު ގަތަރުން ދެއްކި ހިތްވަރާއެކު އެ ޓީމުން ވަނީ ސްވިޒަލެންޑް ހައިރާންކޮށްލާފައެވެ.
ސްވިޒަލެންޑުން 70 އިންސައްތަ ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން ކުޅުނު މި މެޗުގައި، އެ ޓީމަށް ލީޑު ލިބުނީ މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މެޗުގެ 16 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ ރެމޯ ފްރެއުލާއަށް، ގަތަރުގެ ކީޕަރު މަހްމޫދު އަބޫނަދާ ކުރި ފައުލަކާ ގުޅިގެން ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯއެވެ.
މި ޕެނަލްޓީއަކީ 1934 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ސްވިޒަލެންޑްގެ ވޯލްޑް ކަޕް ތާރީޚުގައި އެ ޓީމަށް ލިބުނު ފުރަތަމަ ޕެނަލްޓީކަން ފާހަގަކޮށްލެވެއެވެ.
ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅުނު ގަތަރުން މުޅި މެޗުގައި ބޮޑަށް އިސްކަންދިނީ ޑިފެންސް ކުރުމަށެވެ. ސްވިޒަލެންޑުން ގަތަރުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކީޕަރު އަބޫނަދާ ވަނީ މޮޅު ކުޅުމެއް ދައްކައި، ނުރައްކާތެރި ފަސް ބޯޅައެއް މަތަކޮށްފައެވެ.
ގަތަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު 6 މިނެޓުގެ ތެރެއިން 4 ވަނަ މިނެޓުގައެވެ. ހޮމާމް އަލް އަމީން ތަނަވަސްކޮށްދިން ފުރުސަތަކުން، ޑިފެންޑަރު ބޫއާލެމް ކޯކީ ވަނީ ބޮލުން ފޮނުވާލި ބޯޅައަކުން ސްވިޒަލެންޑްގެ ފޫއަޅުވާލާފައެވެ.
މި ނަތީޖާއާއެކު ގަތަރުން މިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ޓީމުގެ ފުރަތަމަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މީގެ ހަތަރު އަހަރު ކުރިން އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގައި ގަތަރުން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ.
