އިންޑިއާގެ ގުރޫގްރާމަށް ނިސްބަތްވާ ދެމަފިރިއަކު ހެދި އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ޓްރީޓްމަންޓެއްގައި، އެހެން ބައެއްގެ ދަރިމައިވުމުގެ ސާމްޕަލް (އެމްބްރިއޯ) ބޭނުންކޮށްގެން އޮޅުވާލާފައިވާ ކަމަށް ބުނެ ދިއްލީގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގުރޫގްރާމްގެ ރާހުލް ރާތޯރް އާއި އޭނާގެ އަނބިމީހާ މީނޫ ރާތޯރް، ދަރިން ހޯދުމަށްޓަކައި ދިއްލީގެ ގްރޭޓަރ ކައިލާޝްގައި ހުންނަ އިންފާޓިލިޓީ ކްލިނިކަކުން ފަރުވާ ހޯދުމުގެ ތެރޭގައެވެ. މި ފަރުވާގެ ނަތީޖާއެއްގެ ގޮތުން، 5 ޖެނުއަރީ 2026 ގައި މީނޫ ވަނީ އެއްމާބަނޑު ދެ އަންހެން ކުދިން ވިހާފައެވެ. ނަމަވެސް، އެ ކުދިންގެ ސިފަ ދެމަފިރިންނާ އެއްވެސް ވަރަކަށް ނުގުޅޭތީ ޝައްކު އުފެދިގެން ހެދި ޑީއެންއޭ ޓެސްޓުން ދެއްކި ގޮތުގައި، އެ ކުދިންނަކީ އެ ދެމަފިރިންގެ ބަޔޮލޮޖިކަލް ދަރިންނެއް ނޫނެވެ.
މި މައްސަލައާ ގުޅޭގޮތުން ރާހުލް ބުނީ، އެމީހުން އައިވީއެފް ހެދުމަށް ދިއްލީގެ ކްލިނިކަކަށް ރިފަރކުރީ ދުވާރްކާގެ ހޮސްޕިޓަލަކުން ކަމަށެވެ. އަދި މި މައްސަލަ ބެއްލެވީ ޑރ. ޝިވާނީ ސަޗްދޭވް ކަމަށާއި، ޑޮކްޓަރުން ވަނީ އެ ދެމަފިރިންގެ އަމިއްލަ ސާމްޕަލް (ދަރިފަނި އަދި ބިސް) ބޭނުންކޮށްގެން އެމްބްރިއޯ އުފައްދާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. ނަމަވެސް ޑީއެންއޭ ޓެސްޓުގެ ނަތީޖާއިން ސާފުވި ގޮތުގައި، މީނޫގެ ރަހިމުގައި އިންދާފައިވަނީ އެހެން ދެމަފިރިއެއްގެ އެމްބްރިއޯއެކެވެ.
“އަހަރެންގެ އަމިއްލަ ދަރިފުޅު ހޯދަން އަހަރެން މަސައްކަތް ކުރާ ފަދައިން، މިހާރު އަހަރެން ކައިރީގައި މިތިބަ ކުދިންގެ އަސްލު މަންމަވެސް އެކުދިންނަށްޓަކައި އިންތިޒާރު ކުރާނެ،” މީނޫ ރާތޯރް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، އެ ކުދިންނަކީ އޭނާގެ އަމިއްލަ ދަރިން ނޫންކަން އެނގުމުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި، އެ ކުދިންނަށް ގާތުން ކިރުދިނުމަށްވެސް އޭނާއަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންނަމަވެސް، އިންސާނިއްޔަތުކަމުގެ ނަޒަރަކުން އެ ކުދިންނަށް މިހާރު އޯގާތެރިކަމާއެކު ބަލަމުންދާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލަ ދިއްލީގެ ކޯޓަކަށް ހުށަހެޅުމުން، ކޯޓުން ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ކްލިނިކާ ދެކޮޅަށް މައްސަލަ ފައިލްކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. ރާހުލް ރާތޯރް ވަނީ ހޮސްޕިޓަލުގެ ލެބް ރެކޯޑްތަކާއި، ސީ.ސީ.ޓީ.ވީ ފުޓޭޖްތަކުގެ އިތުރުން އިލެކްޓްރޯނިކް ޑޭޓާ ފަދަ ހެކިތައް ތަހުގީގަށްޓަކައި ރައްކާތެރިކުރުމަށް އެދިފައެވެ.
މީނޫ ބުނި ގޮތުގައި، މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށްވެފައިވާ އެހެން ގައުމުތަކުގެ އާއިލާތަކުންވެސް މިހާރު އޭނާއަށް ގުޅަމުންދެއެވެ. މި މައްސަލައިގައި އިންސާފު ހޯދުމަށްޓަކައި ދެމަފިރިން ވަނީ ދިއްލީގެ ޗީފް މިނިސްޓަރ ރޭކާ ގުޕްތާގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ދިވެހިންގެ ތެތެރެއިންވެސް ދަރިން ނުލިބޭ ގިނަ ބަޔަކު އިންޑިއާއިން އައިވީއެފް ހަދައިގެން ދަރިން ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
