ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހުވަގުތު ޖެހި ލަނޑުން އައިވަރީ ކޯސްޓް މޮޅުވެއްޖެ
ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި އިކުއެޑޯ އާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗުގެ ފަހުވަގުތު އައިވަރީ ކޯސްޓު ޖެހި ލަނޑާއިއެކު އެ ޓީމު މޮޅުވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އިކުއެޑޯއެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ހޯދީ ވެސް އެ ޓީމެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި އައިވަރީ ކޯސްޓްގެ ޑިފެންޑަރުން ކާމިޔާބު ހޯދިއިރު، އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައި ވެސް ވެއެވެ.

2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުން ޖާގަ ލިބުނު އައިވަރީ ކޯސްޓްގެ ފަރާތުން ފެނުނީ ކައުންޓާރ އެޓޭކްގައި ލަނޑު ޖަހަން މަސައްކަތް ކުރާ ކަހަލަ ކުޅުމެކެވެ. އެ ޓީމުގެ ފޯވާޑްލައިންގައި ތިބި ހަލުވި ކުޅުންތެރިންނަށް ބޯޅަ ދުއްވާލުމަށްފަހު ޓީމު ކުރިއަށް އަރައި އެ ޓީމުން ފުރުސަތު ތަނަވަސް ކުރިއެވެ.

އެމެރިކާގެ ޕިލަޑެލްޕިއާ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓަށްވުރެ ރަނގަޅަށް ކުޅުނީ އިކުއެޑޯއެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އައިވަރީ ކޯސްޓުން ވަނީ ރަނގަޅު ފުރުސަތެއް ފަހިކޮށްފައެވެ. މި ފުރުސަތުގައި އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިޔާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

51 ވަނަ މިނިޓްގައި އައިވަރީ ކޯސްޓްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވިއިރު، އިކުއެޑޯއިން ފޮނުވާލި ހަމަލާއެއް އައިވަރީ ކޯސްޓްގެ ކީޕަރު ދިފާއުކޮށްފައިވެއެވެ.

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމިދާނެކަމަށް ބެލެވުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އައިވަރީ ކޯސްޓުން ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަމަޑް ޑިއައްލޯއެވެ. އައިވަރީ ކޯސްޓްގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އަމަޑަށް ޖައްސާލިއިރު އޭނާ ހުރީ ހުސްކޮށެވެ. ބޯޅަ ލިބުމާއިއެކު، އިކުއެޑޯގެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ދުރުކަނަށް އަމަޑް ވަނީ އެ ބޯޅަ ވައްދާލައިފައެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު އައިވަރީ ކޯސްޓް ވަނީ ގުރޫޕް އީގެ ދެވަނައަށް ޖެހިލައިފައެވެ. މިވަގުތު ގުރޫޕްގެ އެއްވަނައިގައި އޮތް ޖަރުމަނަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މި ގުރޫޕްގެ މެޗުތައް ދެން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުރަސާއޯ އާއި އިކުއެޑޯއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top