ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކަސްރަތަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް، އަލަށް ކަސްރަތުކުރަން ފަށާ ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭސްޓްރިކްވުމުގެ އިޙުސާސް ކުރެވުމެވެ. މިއީ ކަސްރަތު ކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ. މިފަދަ އުނދަގޫތައް ކުރިމަތިވަނީ ސައިންޓިފިކް ބައެއް ސަބަބުތަކާ ހުރެއެވެ.
ފުރަތަމަ ސަބަބަކީ، ކަސްރަތު ކުރާ ވަގުތު ހަށިގަނޑުގެ ލޭ ދައުރުވާ ގޮތަށް އަންނަ ބަދަލެވެ. ކަސްރަތު ކުރާއިރު، ހަށިގަނޑުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި، ލޭގެ ބޮޑު ބައެއް ދައުރުވަނީ މަސްތަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ހަޖަމުކުރާ ނިޒާމަށް (ބަނޑަށް) ފޮނުވައިދޭ ލޭގެ މިންވަރު މަދުވެގެން ދެއެވެ. މިކަމުގެ ސަބަބުން ހަޖަމުކުރުމުގެ މަސައްކަތް ލަސްވެ، ބަނޑުގައި ހުންނަ ކާނާ ފަސޭހައިން ހަޖަމުނުވުމުގެ ސަބަބުން ގޭސް އުފެދި އުނދަގޫތައް އިޙުސާސް ކުރެވެއެވެ.
ދެވަނަ ސަބަބަކީ ބަނޑުގެ އެތެރޭގެ ޕްރެޝަރަށް އަންނަ ބަދަލެވެ. ދުވުމާއި، ފުންމުން އަދި ބަރު އުފުލުން ފަދަ ހަރަކާތްތައް ކުރާއިރު ބަނޑުގެ މަސްތަކަށް ބާރުވެ، ބަނޑުގެ އެތެރޭގެ ޕްރެޝަރު މަތިވެއެވެ. މީގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް އައުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ މޭ އެންދުމާއި، ގޭސްޓްރިކްގެ އުނދަގޫތައް އިހުސާސްވާ މައިގަނޑު އެއް ސަބަބެވެ.
މީގެ އިތުރުން، ކަސްރަތު ކުރަން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ކާ ކާނާއަކީ ވެސް މީގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚާއްސަކޮށް ތެޔޮ އެއްޗެއްސާއި، ކުޅި އެއްޗެހި ނުވަތަ ގިނަ އަދަދަކަށް ފައިބަރު ހިމެނޭ ކާނާ ކެއުމަށްފަހު ވަގުތުން ކަސްރަތު ފެށުމަކީ މި މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ. ހަމައެއާއެކު، ކަސްރަތު ކުރާއިރު އަނގަޔަށް ވައި އެތެރެވުމަކީ ވެސް ބަނޑު ފުއްޕުމާއި ގޭސް އުފެދުމަށް މެދުވެރިވާ ކަމެކެވެ.
މިކަމުން ސަލާމަތްވުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅިދާނެއެވެ. އޭގެ ތެރޭގައި:
- ކަސްރަތު ކުރުމުގެ މަދުވެގެން 2 ނުވަތަ 3 ގަޑިއިރު ކުރިން ކެއުން.
- ކަސްރަތު ކުރާ ވަގުތު އެއްފަހަރާ ގިނަ އަދަދަކަށް ފެން ބުއިމުގެ ބަދަލުގައި، މަދުމަދުން ފެން ބޮމުން ގެންދިއުން.
- ކަސްރަތު ފަށާއިރު މާ ބުރަކޮށް ނުފަށައި، މަޑުމަޑުން ވަގުތާއި ބުރަދަން އިތުރުކުރުން.
ކަސްރަތުކުރަން ފަށާއިރު ގޭސްޓްރިކްވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެކެވެ. ނަމަވެސް ކެއުމުގެ އާދަތަކަށާއި ކަސްރަތު ކުރާ ގޮތަށް ބަދަލު ގެނެސްގެން މި މައްސަލަ ހައްލުކުރެވޭނެއެވެ. މިފަދަ ކުދިކުދި އުނދަގޫތަކާ ހުރެ ކަސްރަތު ކުރުން ހުއްޓާލުމުގެ ބަދަލުގައި، ހަށިގަނޑަށް އެ ކަމަށް ހޭނުމަށް ވަގުތު ދިނުން މުހިންމެވެ.
